ފުޓްބޯޅަ

އަލްޙަމްދުލިﷲ، ރާއްޖެ ފައިނަލާ ގާތަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ/ އަބީދް(ވަގުތު)

ސާޕް ޗެންޕިއަންޝިޕް މިއަދު ރާއްޖެއާއި ލަންކާ ބައްދަލު ކުރި މެޗް 1-0ގެ ނަތީޖާއަކުން ރާއްޖެ ކާމިޔާބުކޮށްފިއެވެ.

Ads by MWSC

މިއީ ސާފް ޗެންޕިއަންޝިޕްގައި ލަންކާކޮޅަށް ރާއްޖެ މޮޅު ހޯދި ހަވަނަ ފަހަރެވެ. އަށް ފަހަރު ދެ ޓީމުން ބައްދަލުކޮށްފައިވާއިރު، މިހައިތަނަށް ލަންކާއަށް ރާއްޖެ ކައިރިން މޮޅެއް ހޯދިފައެއް ނުވެއެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މި މެޗުން ދިވެހި ޤައުމީ ޓީމް ހޯދި މޮޅާއެކު މިވަގުތު ހަ ޕޮއިންޓާއެކު ރާއްޖެ އޮތީ ތާވަލްގައި ނޭޕާލާއެކު ކުރީގައެވެ. ފައިދާ ގޯލުގެ ގޮތުގައި ދެ ޓީމަށް ވެސް ދެ ގޯލު އެބައޮތެވެ. ދެން އޮތީ ހަތަރު ޕޮއިންޓާ އެކު ބަނގްލަދޭޝެވެ. އިންޑިއާ ދެ ޕޮއިންޓާއެކު އޮތްއިރު، ފުލުގައި އޮތީ މިއަދު މެޗުން ބަލިވި ލަންކާއެވެ. މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެކެވެ. މިރޭ ނޭޕާލާއި އިންޑިއާ ބައްދަލު ކުރާއިރު، މިރޭގެ މެޗުން ނޭޕާލް މޮޅުވެއްޖެ ނަމަ، ނޭޕާލަށް ފައިނަލް ޔަޤީންވާނެއެވެ. މިވަގުތު ރާއްޖެ އަދި ނޭޕާލަށް 6 ޕޮއިންޓް ލިބިފައިއި އޮތް ނަމަވެސް، އެ ނަތީޖާއާ ހަމައަށް ދިއުމަށް ރާއްޖެ ތިން މެޗު ކުޅުނުއިރު، ނޭޕާލުން ކުޅެފައި ވަނީ ދެ މެޗެވެ.

މިއަދުގެ މެޗުގެ ކުރީ ކޮޅު ރާއްޖެއިން ވަނީ ގޯލެއް ކާމިޔާބުކޮށް ލީޑް ނަގައިފައެވެ. މެޗުގެ ހަ ވަނަ މިނެޓްގައި ރާއްޖެއަށް ލީޑް ނަގައިދީފައި ވަނީ އަލީ އަޝްފާޤް (ދަގަނޑޭ)އެވެ. ދަގަނޑޭ ގޯލް ޖަހައިފައި ވަނީ އަރިމަތިން ހައިޝަމް ހަސަން ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދައިލައިގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލަށް އަނިޔާވެގެން ބަދަލުގައި މުހައްމަދު ޝަފީއު ވަނީ ކުޅެން އަރުވައިފައެވެ.  ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އިތުރު ގޯލެއް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.

ދެވަނަ ހާފްގައި ލަންކާއިން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައި ވެއެވެ. އެހެން ނަމަވެސް ގޯލެއް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ. ފުރަތަމަ ހާފްގައި ލަންކާއިން ޑިފެންސިވް ކުޅުމެއް ކުޅުނު ނަމަވެސް ދެވަނަ ހާފްގައި ލަންކާއިން ވަނީ ގިނަ އެޓޭކްތަކެއް އުފައްދައި މެޗުގެ ނަތީޖާ އެއްވަރު ކުރަން މަސައްކަތްކޮށްފައެވެ. ރާއްޖެއިން ވެސް ހަމަލާތައް އުފެއްދި ނަމަވެސް ގޯލެއް ނުޖެހެއެވެ.

މެޗުގެ 71 ވަނަ މިނެޓްގައި ލަންކާއަށް ވަރަށް ހުސް ފުުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް ކަވިންދު ފޮނުވައިލި އެ ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ. މެޗުގެ 87ވަނަ މިނެޓްގައި ވަރަށް ރަނގަޅު ހަމަލާއެއް ރާއްޖެއިން ވަނީ އުފައްދައިފައެވެ. ސެންޓޭ ވަރަށް ހުސްކޮށް ދަނިކޮށް، ކުރި ފައުލްއަކާ އެކު ރާއްޖެއަށް ލިބުނު ޖެހުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މެޗުގެ 89 ވަނަ މިނެޓްގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ރާއްޖެއަށް އަދި ލަންކާގެ ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑެއް ދައްކައިފައެވެ.

މެޗު ނިމިގެން ދިޔައީ 1-0ގެ ނަތީޖާއަކުން ރާއްޖެއިން ކުރި ހޯދައިގެންނެވެ. މިއަދުގެ މެޗާ އެކު ލަންކާ ވަނީ ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު ތާވަލްގެ ފުލުން މުބާރާތް ނިންމައިލައިފައެވެ.

ރާއްޖެ ދެން ނިކުންނާނީ 13 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!