ފުޓްބޯޅަ

އިންޑިއާގެ މޮޅާއެކު، ތާވަލްގެ އެންމެ ކުރިޔަށް ރާއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އުރީދޫ ސާފް ޗެންޕިއަންޝިޕް މިރޭ އިންޑިއާއާއި ނޭޕާލް ބައްދަލު ކުރި 1-0ގެ ނަތީޖާއަކުން އިންޑިއާ ކާމިޔާބުކޮށްފިއެވެ.

Ads by MWSC

އިންޑިއާއިން ނޭޕާލް ކޮޅަށް ޖެހި ގޯލާއެކު ރާއްޖެ ވަނީ ތާވަލްގެ އެއްވަނައަށް އަރައިފައެވެ. ކުރިން ތާވަލް އެއް ވަނައިގައި އޮތް ނޭޕާލަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރި ލިބެނީ ރާއްޖެއާ ޕޮއިންޓުން އެއްވަރުވެ، ފައިދާ ގޯލު އެއްވަރުވި ނަމަވެސް ޖެހި ގޯލުން ކުރި ލިބޭތީއެވެ. މިއަދު އިންޑިއާއިން ނޭޕާލް ކޮޅަށް ޖެހި ގޯލާއެކު، ފައިދާ ގޯލުން ރާއްޖެ ވަނީ ކުރި ހޯދައިފައެވެ.

މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައި މިވަގުތު ފަސް ޕޮއިންޓާއެކު އޮތީ އިންޑިއާއެވެ. ހަތަރު ޕޮއިންޓާ އެކު ބަންގާޅު ވަނީ ތާވަލްގެ ހަތަރު ވަނައަށް ވެއްޓިފައެވެ. އަދި މިއަދު ހަވީރު އޮތް މެޗުން ބަލިވި ލަންކާ އޮތީ އެންމެ ޕޮއިންޓަކާއެކު ތާވަލްގެ އެންމެ ފުލުގައެވެ.

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން ނޭޕާލް މޮޅުވެފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ 2013 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގައެވެ. އެންމެފަހުން ނޭޕާލާއި އިންޑިއާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރީ 2015 ވަނަ އަހަރުއެވެ. އެ މެޗު 4-1އިން ކާމިޔާބުކުރީ އިންޑިއާއެވެ.

މިއަދުގެ މެޗަށް ބަލާލާއިރު، މެޗުގެ ފުރަތަމަ ހާފްގައި އިންޑިއާ ވަނީ އެޓޭކިން ކުޅުމެއް ކުޅެފައެވެ. އެހެން ނަމަވެސް މާ ގިނަ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ނޭޕާލުން ކުޅެފައި ވަނީ ކައުންޓަރ އެޓޭކްތަކުން ހަމަލާ އުފައްދާށެވެ. އެެހެން ނަމަވެސް މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. ދުރުން ބައެއް ޝޮޓްތައް ނޭޕާލުން ޖެހިއިރު، ޝޮޓްތައް ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.

މެޗުގެ ލީޑް އިންޑިއާއިން ނަގައިފައި ވަނީ މެޗުގެ 80ވަަނަ މިނެޓްގައި ކެޕްޓަން ސްނިލް ޗެތްރީއެވެ. މިގޯލް ޖަހައިފައި ވަނީ،، ފާރޫކު ބޮލުން ޖައްސާލި ބޯޅައެއް ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލުގެ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިގެންނެވެ.

މެޗު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެންނެވެ. އިންޑިއާއިން މިވަނީ ފައިނަލަށް ދަތުރު ކުރުމުގެ އުންމީދު އިތުރުކޮށްފައެވެ. މިރޭގެ މެޗުން މޮޅު ނުލިބުމުން ނޭޕާލާއި އިންޑިއާއަށް ވެސް ފައިނަލްގެ ޖާގައެއް ޔަގީން ވާނީ މި މަހުގެ 13 ވަނަ ދުވަހު ކުޅޭ މެޗުތަކަށް ފަހުގައެވެ.

އިންޑިއާ ދެން ނިކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. އަދި ނޭޕާލް ނިކުންނާނީ ބަންގާޅާ ދެކޮޅަށެވެ. ފައިނަލްގެ ޖާގައެއް ޔަގީން ކުރުމުގެ ފުރުސަތު މި ހަތަރު ޓީމަށް ވެސް އެބައޮތެވެ. އެގޮތުން ނޭޕާލާއި ބަންގާޅު ކުޅޭ މެޗުން ޕޮއިންޓެއް ހޯދައިގެން ފައިނަލްގެ އެއް ޖާގަ ޔަގީން ކުރުމުގެ ފުރުސަތު ނޭޕާލަށް އޮތްއިރު އިންޑިއާއަތުން ޕޮއިންޓެއް ހޯދައިގެން ރާއްޖެއަށް ވެސް ފައިނަލްގެ ޖާގައެއް ލިބޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!