ބޮލީވުޑް މުނިފޫހިފިލުވުން

ބޮލީވުޑް ސްކްރީން: ޖަލުގައި އާރްޔަން ރަނގަޅަށް ނުކަނީ ފާޚާނާ ބޭނުން ނުކުރަން ވެގެން، ކާރްތިކްއާއި ކްރިތީ އަނެއްކާވެސް އެކުގައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ޚަބަރުތަކަށް އަވަސް ނަޒަރެއް ހިންގާލާއިރު، އެންމެ ހޫނު ޚަބަރަކަށް މިއަދު ވެސް ފާހަގަ ކޮށްލެވެނީ އާރްޔަން ޚާން ޖަލުގައި ހޭދަ ކުރަމުންދާ ދުވަސްތަކުގެ ޚަބަރެވެ.

Ads by Sosun Fihaara

އޭގެ އިތުރުން ގިނަ ބަޔަކު އަނެއްކާވެސް އެކުގައި ފެނުމަށް އެދެމުން ދިޔަ ކާރްތިކް އާރްޔަންއާއި ކްރިތީ ސަނޮންގެ ޚަބަރެއް ވެސް ހިމެނެއެވެ.

އާރްޔަން ރަނގަޅަށް ނުކަނީ ޖަލުގެ ފާޚާނާ ބޭނުން ނުކުރަން ވެގެން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ އާރްޔަން ޚާން ޖަލުގައި ހުރި ދުވަސްކޮޅު، ރަނގަޅަށް ނުކާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން ޝާހްރުކް ޚާންގެ ދަރި ހައްޔަރު ކުރީ މި މަހުގެ 6 ވަނަ ދުވަހުގައެވެ. ނިއު ނޯމަލްގެ ގަވާއިދާ ގުޅިގެން މިވަގުތު އާރްޔަން ޖަލުގައި ބަހައްޓައިފައި ހުރީ ކަރަންޓީނު ގޮޅިއެއްގައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ނަމަވެސް އާތަރ ރޯޑް ޖަލުގައި މިވަގުތު ބަންދު ކޮށްފައި ހުރި އާރްޔަން އުޅެނީ ރަނގަޅަށް ނުކައި ނުބޮއެ ކަމަށް އެ ޖަލުގެ އޮފިޝަލުން ވަނީ ބުނެފައެވެ. އެގޮތުން އޭނާ ރަނގަޅަށް ނުކައި ނުބޮއެ އުޅެނީ ޖަލުގެ ފާޚާނާ ބޭނުން ނުކުރަން ވެގެން ކަމަށް ވެސް ބުނެފައިވެއެވެ. އޭނާ ފާޚާނާ ބޭނުން ނުކުރާތާ މިހާރު ހަތަރު ދުވަސް ވެއްޖެ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

އާރްޔަންގެ ހަރަކާތްތައް މިފަދައިން ހުރުމުން ޖަލުގެ އޮފިޝަލުން ތިބީ އޭނާގެ ސިއްޙަތާ މެދު ވަރަށް ކަންބޮޑުވެފައެވެ.

ކްރިތީއާއި ކާރްތިކް އަނެއްކާ ވެސް އެކުގައި

ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ކާރްތިކް އާރްޔަންއާއި ކްރިތީ ސަނޮންގެ ޖޯޑަކީ ގިނަ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ޖޯޑެކެވެ.

ފިލްމު "ލުކާ ޗުޕީ"އަށް ފަހު މި ދެ ތަރިން އަނެއްކާ ވެސް އެކުގައި ކުޅޭނެ ފިލްމެއްގެ އިންތިޒާރުގައި ތިބި ބެލުންތެރިންނަށް އިއްޔެ އެ މީހުން ވަނީ އުފާވެރި ޚަބަރެއް ދީފައެވެ.

ރޯހިތު ދަވަން ޑައިރެކްޓު ކުރާ ފިލްމު "ޝެހްޒާދާ"ގައި ހަރަކާތްތެރި ވާނީ ކްރިތީއާއި ކާރްތިކްކަން މި ދެ ތަރިންގެ އިތުރުން ފިލްމުގެ ޕްރޮޑިއުސަރުން ވެސް ވަނީ ޚަބަރުދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!