އޭޝިއާ ދުނިޔެ

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ބަލި ޖެހިގެން މުމްބާއީގައި މީހަކު މަރު ނުވާ ފުރަތަމަ ދުވަސް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މި ދިޔަ 2020ވަނަ އަހަރުގެ މާޗް މަހު އިންޑިޔާގެ މުމްބާއީން ކޮވިޑް-19 ފެނުނު ފަހުން މިބަލީގައި މީހެއް މަރުވިކަން ރިޕޯޓްކޮށްފައި ނުވާ ފުރަތަމަ ދުވަހަކީ މިއަަދު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Ads by WAMCO

މިއަދު މުމްބާއީގައި 367 މީހުންނަށް އަލަށް ކޮވިޑް ޖެހުނުއިރު މުމްބާއީއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ 7,50,808އަށް ވަނީ އަރައިފައެވެ. މީގެ ތެރެއިން 7,27,084 މީހުން ބަލިން ރަނގަޅުވެފައި ވާއިރު 16180 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. އަދި މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލައަކީ 5030 ކަމަށް މުމްބާއީގެ ކޮވިޑް ނަންބަރުތައް ދައްކައެވެ.

މިއަދު މުޅި އިންޑިއާއިން ވެސް އަލަށް ކޮވިޑް-19 ޖެހިފައި ވަނީ 14،146 މީހުންނަށް ކަމަށާއި މިއީ މިދިޔަ 7 މަސްދުވަހުގެ ތެރޭގައި އެންމެ މަދު މީހުންނަށް ކޮވިޑް ޖެހުނުކަމަށް ރިޕޯޓްކޮށްފައިވާ ދުވަސް ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެއެވެ. އިންޑިޔާއިން މިހާތަނަށް 3,40,67,719 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. މީގެ ތެރެއިން 4,52,124 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

އިންޑިޔާގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ އިރު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެގައުމުގެ ބޯޑަރު ވަނީ ޓޫރިސްޓުންނަށް ހުޅުވައިލައިފައެވެ. މިގޮތުން މިހާރު ޗާޓަރު ފުލައިޓްތަކުގައި އިންޑިޔާއަށް ދާ ފަތުރުވެރިންނަށް އެގައުމަށް އެތެރެ ވެވޭނެއެވެ. މީގެ އިތުރުން އަންނަ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ކޮމާޝަލް ފްލައިޓްތަކުގައި ދާ ފަތުރުވެރިންނަށް ވެސް އެގައުމަށް އެތެރެ ވެވޭނެކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!