ބޯވަ ނަގަން ގޮސް އުޅުނު މީހަކު އޮޔާ ދަނިކޮށް ސަލަމާތް ކޮށްފި

މާލެ އުސްފަސްގަނޑާ ދިމާލުން ބޯވަ ނަގަން އުޅުނު މީހަކު އޮޔާ ދަނިކޮށް ވާދޫ ކަނޑުން ފެނިގެން ސަލާމަތް ކޮށްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެކަނި ގޮސް ، ބޯވަ ނަގަން އުޅުނު މީހަކު މިއަދު މާލޭ އުސްފަސްގަނޑާ ދިމާލުން އޮޔާ ގޮސްފައިވާ ކަމަށެވެ. އަދި މި މީހާ ފެނިފައި ވަނީ ވާދޫ ކަނޑުގެ ތެރޭގައި ފަތަމުން ދަނިކޮށް ކަމަށާއި ފެނިފައި ވަނީ އެވަގުތު އެ ސަރަހައްދުން ދަތުރުކުރި ބަޔަކަށެވެ.
މަޢުލޫމާތު ލިބޭގޮތުގައި މިއީ ދިވެއްސެކެވެ. އެމީހާ މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ހެޑްކްއޯޓަރޒްއާ ހަވާލުކޮށްފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެެ.

ފޮޓޯ: އެމްއެންޑީއެފް
މި ދުވަސްވަރަކީ ވަރަށް ކަނޑުގަދަ ވިއްސާރަ ދުވަސްވަރަކަށްވުމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާ އަދި ހަމައެހެންމެ ކަނޑާ ގުޅުން ހުރި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ވެސް ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަށް އެމްއެންޑީއެފުން ވަނީ އިލްްތިމާސްކޮށްފައެވެ. އަދި، ވިސްނައިލުމެއް ނެތި ކުރާކަމަކުން ފުރާނައަށް ނުރައްކާވާ ހާލަތަށް ހުށަހެޅިގެން ދިޔުމަކީ ނުހަނު ކައިރީގައިވާ ކަމެއް ކަމަށާއި ތިމާއާ އަނެކާގެ ސަލާމަތާ ރައްކާތެރިކަމަށް ސަމާލުކަންދީ، ފަރުދީ ޒިންމާ އަދާކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.