ފްލެމިންގޯއިން ރިހަ ނުކައްކަން ރައީސް ނަޝީދު އެދިވަޑައިގެންފި
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް މިހާރު ހިޖުރަ ކުރަމުންދާ ފްލެމިންގޯ ދޫނިތައް ހިފައި އެތަކެތީގައި ރިހަ ނުކެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި އެދިވަޑައިގެންފިއެވެ.
އިރުވައި މޫސުން ފެށޭ ދުވަސްވަރާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ދޫނި ސޫފާސޫފި އެއްތަނުން އަނެއްތަނަށް ހިޖުރަ ކުރެއެވެ. މީގެ ކުރިން ވެސް ބައެއް ދޫނިތައް ރާއްޖެއަށް ވެސް ހިޖުރަކޮށްފައިވެއެވެ.
މާކަނާގެ އާއިލާއަށް ނިސްބަތްވާ ފްލެމިންގޯ ނުވަތަ ދިވެހި ބަހުން ނަމަ ގުޑުގުޑާ ދޫނި ރާއްޖެއަށް ހިޖުރަކުރަމުންދާއިރު މިބާވަތުގެ ދޫނި އެންމެ ފުރަތަމަ ފެނުނީ ހއ. ފިއްލަދޫ ފުއްޓަރު ފަރާތު އަތިރިމަތިންނެވެ. އޭގެ ފަހުން އެހެން ބައެއް ސަރަހައްދުތަކުން ވެސް މިދޫނި ވަނީ ފެނިފައެވެ.
އިއްޔެގެ ވަގުތެއްގައި ބައެއް މީހުން ވަނީ ފްލެމިންގޯ ހިފައި 30،000 ރުފިޔާއަށް އެތަކެތި ވިއްކަން ސޯޝަލް މީޑިއާގައި އިއުލާންކޮށްފައެވެ. ހިމާޔަތްކޮށްފައިވާ މިދޫނި ހިފައި ވިއްކަން އިއުލާންކުރުމުން އެކަން އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ދަނީ ބަލަމުންނެވެ.
މިމައްސަލައިގައި ވާހަކަދައްކަވަމުން މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މިދުވަސްވަރު ރާއްޖެއަށް އައު ބާވަތްތަކުގެ ދޫނި ސޫފާސޫފި ހިޖުރަކުރުން ގިނަވާނެކަން އީޕީއޭއިން އިއުލާންކޮށްފައިވާކަމަށެވެ. އަދި އެތަކެތި ހިޖުރަކުރަނީ ބިސްއަޅައި ވިހެއުމަށްކަމުން އެތަކެތި ހިފައި ގޯނާ ނުކުރުމަށް އިލްތިމާސްކުރާ ކަމަށް ވިދާޅުވިއެވެ. ފްލެމިންގޯއާއި އެ ނޫން ވެސް ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކުގެ މަގަށް ހުރަސް އެޅޭ ބާވަތުގެ ކަންކަން ނުކުރަން ރައީސް ނަޝީދު މިއަދު އެދިލެއްވިއެވެ.
"އެއީ އަޅުގަނޑުމެން ކަމެއް ނުކޮށް ތިބުން. އެއަށް އަރައިނުގަތުން. އޭގަ ރިހަ ކައްކާން ނޫޅުން. ފިޔަ ކޮށައިފައި އޭތި ގޭގައި ނުބޭތިއްބުން. ވައި ޖަހައިފައި އޭތި ނުހިފެހެއްޓުން. އަޅުގަނޑު ތަންކޮޅެއް ރީތިކޮށް ކިޔާދެވޭތޯ އުޅުނީ. އެހެން ނަމަވެސް ސާފުވެއްޖެ ދެއްތޯ މިހާރު ވަމުން މިދާ ގޮތް" ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ވިދާޅުވިއެވެ.
އިއްޔެ ފިއްލަދޫއަށް ދިޔަ ފްލެމިންގޯ ދޫނި އައިނު ފަހުން ވަނީ ބާރަށަށް ގޮސްފައެވެ. އެއާއެކު އެރަށު ބައެއް މީހުން އެ ދޫނިތައް ދާޖަހައި ހިފިކަމަށް ވެއެވެ. އަދި އޭގެ ފަހުން ވައިބާ ގްރޫޕުތަކުގައި އެ ދޫނިތައް ވިއްކަން ވެސް އިއުލާންކުރިއެވެ.
އީޕީއޭއިން ވަނީ ރާއްޖެ ހިޖުރަކުރާ ދޫނިތައް ހިފައި ވިއްކަން ޖެހި މައްސަލަ ފުލުހުންނަށް ހުށަހަޅައިފައެވެ. މިމައްސަލައިގައި އީޕީއޭއިން މީގެ ކުރިން ވަނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދީފައެވެ.
ހިމާޔަތްކޮށްފައިވާ ދޫނި ހިފައި ތިމާވެއްޓަށް ގެއްލުންދޭ ނަމަ އެމީހަކަށް ޖޫރިމަނާއެއް ކަނޑައެޅޭނެއެވެ.
ރިހައެއްނޫން ގުޑުގުޑާ ދޫނީގާ ކަށްކަން މިއުޅެނީ ރަނގަޅު ގަރުދިޔަގަނޑެސް
ފިހުނަސް އޯކޭތަ.