ހިޔާ ފުލެޓްގައި ކްލިނިކެއް އަޅަނީ
އަލަށް އާބާދުވާން ފަށައިފައިވާ ހިޔާ ފުލެޓުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން ސިއްހީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ޓަކައި ލައިފް ސަޕޯޓް މެޑިކަން ކްލިނިކެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ތިން މަސްދުވަހުގެ ތެރޭގައި ނިންމައި ހިދުމަތްތައް ދޭން ފަށަން މަސައްކަތް ކުރަމުންދާ މި ކްލިނިކުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޕައިތަން ޕްރައިވެޓް ލިމިޑެޓާއެވެ. މި ކްލިނިކް ހަދާނީ އެޗް 12 ޓަވަރުގެ ކޮމާޝަލް އޭރިއާގައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާފުލެޓްތަކުގައި މިހާރު ގިނަ އާއިލާތަކެއް ދިރިއުޅެން ފަށާފައިވާއިރު އެތާނގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން ޒަރޫރީ ބޭނުންތައް ފަސޭހައިން ފުއްދޭނެ މަގު ފަހިކޮށްދޭން އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެސަހައްދުގައި ދާދި ފަހުން ވަނީ މިސްކިތެއް ހުޅުވައިފައެވެ. އަދި ސުކޫލުތަކާއި ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު އުޅޭ ކިޔަވާ ކުދިން ސުކޫލުތަކަށް ދިޔުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް އެސަރަހައްދަށް މިހާރު ދަނީ ބަހުގެ ހިދުމަތް ވެސް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ވެސް ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދޭން ބޭނުންވާ އިތުރު ހިދުމަތްތައް ވެސް އަވަސް މުސްތަގުބަލެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ލިބޭނެ މަގުފަހި ކޮށްދޭން އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.