ޚަބަރު ސަރުކާރު

ކޮވިޑާ ގުޅިގެން ސަރުކާރުން ކުރި ހަރަދުތައް 4 ބިލިއަނާ ގާތަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކުރި ހަރަދުތައް ހަތަރު ބިލިއަނާ ގާތަށް އަރައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by STELCO

ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް19 އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ސިއްހީ އިޖުތިމާއީ އަދި އިގްތިސޯދީ ކަންކަމަށް މުޅި ޖުމްލަ 3.9 ބިލިއަން ރުފިޔާ (3،921.4 މިލިއަން ރުފިޔާ) މިހާތަނަށް ވަނީ ހަރަދުވެފައެވެ.

އެ ހިސާބުތަކަށް ބަލާއިރު މި ހިނގާ އޮކްޓޯބަރު މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅުން ހުރި ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 2.1 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފައި ވެއެވެ. އަދި އިގްތިސޯދީ ކަންކަމަށް އެ މުއްދަތުގައި 1.7 ބިލިއަން ވަނީ ހޭދަކޮށްފައެވެ.

އެގޮތުން ކުރި ހަރަދުތަކުގެ ތަފްސީލު ހަފްތާއިން ހަފްތާއަށް ބަލާ ނަމަ، ސިއްހީ އަދި އިޖުތިމާއީ ދާއިރާއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީއަށް 836.3 މިލިއަން ހޭދަކޮށްފައިވާ ކަމަށާއި އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ ހެލްތު މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އެލަވެންސް ދިނުމަށާއި ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ގަތުމަށް ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިގްތިސޯދީ ދާއިރާއިން ވަނީ ކޮވިޑް-19 ރިކަވަރީ ލޯނުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފައި ކަމަށް ވެސް ފިނޭންސްގެ ރިޕޯޓުން ދައްކައެވެ. އެގޮތުން އިންކަމް ސަޕޯޓަށް 420.7 މިލިއަން ވަނީ ހޭދަކޮށްފައިވާ ކަމަށާއި ކަރަންޓު ބިލުތަކަށް 172.4 މިލިއަން ރުފިޔާ އަދި ފެން ބިލުތަކަށް 26 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!