އެންމެ ކަންބޮޑުވަނީ ރައީސް ދަތުރުކޮށްކޮށް ދައުލަތުގެ ފައިސާ ހުސްވެދާނެތީ: ޝިޔާމް
ކޮވިޑް-19އަށް ފަހު ގައުމުތަކުގެ ބޯޑަތުތައް ހުޅުވައިލުމާ އެކު އެންމެ ބޮޑަށް ކަންބޮޑު ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދަތުރުކޮށްކޮށް ދައުލަތުގެ މާލިއްޔާއިން ފައިސާ ހުސްވެދާނެތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހިޔާ ފްލެޓުތަކުގެ މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ. ޝިޔާމް ވިދާޅުވީ ރައީސް ޞާލިހާއި ރާއްޖޭގެ ރިޔާސަތު ހަވާލުކުރީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ. ހިޔާ ފްލެޓު މައްސަލައިގައި ޝިޔާމް ވިދާޅުވީ ރައްޔިތަކަށް ސަބްސިޑީއެއް ދޭންވީމަ އެކަން ބޮޑުވެގެން އުޅޭއިރު ސިޔާސީ މަގާމުތައް އިތުރުކޮށް މުޅި ދައުލަތުގެ ފައިސާ އެކަމަށް ހޭދަކުރިޔަސް އެކަމާ ސަރުކާރަށް ތާއީދު ކުރައްވާ އެއްވެސް މެމްބަރަކު ކަންބޮޑު ނުވާކަމަށެވެ. އެހެން ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި މެމްބަރުން ތިއްބެވިކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ދެއްވި ބަސްތީގަތުމެއްގައި އެމަނިކުފާނު ވަނީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރެއްވުމަކީ އެމަނިކުފާނުގެ "ހޮބީއެއް" ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ ކޮވިޑް-19އަށް ފަހު ގައުމުތަކުގެ ބޯޑަރުތައް ހުޅުވައިލުމާ އެކު އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވަނީ ރައީސްގެ ދަތުރުތަކަށް ޚަރަދުކޮށް ދައުލަތުގެ މާލިއްޔާއިން ފައިސާ ހުސްވެދާނެތީކަމަށެވެ.
"މިހާރު ވެސް ވެއްޖެ 200 ޕްލަސް މީހުން ގޮވައިގެން ދުބާއީއަށް ގޮސްފަ. މިއީ ރައްޔިތުންގެ ތައުލީމަށް ހަރަދުކުރަން ހުރި ފައިސާ." ރައީސް ޞާލިހު މިހާރު ދުބާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅޭގޮތުން ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންގެ ލޯބި ބޭނުންވާ ނަމަ ފްލެޓު އަޅައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވައިލައްވައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެމްޑީޕީ މެމްބަރުން ހަޅޭއްލެވިޔަސް ހުރިހާ ކަމެއް ނުފުދޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.