ދިވެހިރާއްޖެ އޮތީ ވިޔަފާރިއަށް ހުޅުވައިލެވިފައި ކަމަށާއި އަދި އިންވެސްޓަރުންނަށް މަރުޙަބާ ކިޔަން ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅު ދެއްކަވަމުންނެވެ. މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ކުރިއަށް ގެންގޮސްފައި ވަނީ ދުބާއީ އެގްޒިބިޝަން ސެންޓަރުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީ.އަށް ކުރައްވާ މި ދަތުރުފުޅަކީ ދުބާއީގައި ކުރިއަށްދާ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރާއްޖޭގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން އިޤްތިޞާދު ކުރިއެރުވުމުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނީ އެކި ދާއިރާތައް ސިންދަފާތުކޮށްގެން ކުރިއެރުވުމަށާއި ތިމާވެށި ދެމެހެއްޓުމަށާއި، ރާއްޖޭގެ މުޖުތަމަޢުތަކުގެ ފާގަތިކަން އިތުރުކުރުމަށް އިސްކަންދީގެން ކުރިއެރުވުމަށް ކަމުގައެވެ. އަދި މި ލަނޑުދަނޑިތަކަކީ ދުބާއީ އެކްސްޕޯ 2020ގައި ހުށަހެޅުއްވި ތީމްއާ އެއްގޮތްވާގޮތަށް ކަނޑައަޅައިފައިވާ ލަނޑުދަނޑިތަކެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ޕްރައިވެޓް ސެކްޓަރ ތަރައްޤީކުރުމަކީ މި ސަރުކާރުގެ އިޤްތިޞާދީ އިޞްލާހީ އެޖެންޑާގެ މައި އެއް ތަނބުކަމުގައި ސިފަކުރައްވައިފައެވެ. އޭގެ ތެރޭގައި ތިމާވެށި ތަރައްޤީކޮށް އެކަން އިޝްތިހާރުކުރުމުގައި ހިމެނޭ ކަންކަން ލުއިފަސޭހަކޮށް، ވިޔަފާރިއެއް ޤާއިމުކުރުމަށް ކުރަން ޖެހޭ މަސައްކަތް ލުއިކޮށްދީ، އެކަމަށް ޚަރަދުކުރާނެ ފައިސާ ފަސޭހަކަމާ އެކު ލިބޭނެ މަގުފަހިކޮށް، ޒިންމާދާރުކަމާ އެކީ، ދެފުށް ފެންނާނެހެން، ބަދަލު ނުވާނެގޮތަށް، އިންވެސްޓަރުންނަށް ރައްކާތެރިކަން ކަށަވަރުކުރުން ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުގެ މި ވަގުތުގެ މީޑިއަމް-ޓަރމް އަމާޒަކީ ހަރުދަނާ އުޞޫލެއްގެ މަތިން އިޖާދީކަންކަމަށް ހިތްވަރުދީގެން، ޑިޖިޓަލް ޑިސްރަޕްޝަންއަށް މަގުފަހިކޮށްދީ މީހުންނަށް އަވަހަށް އަދި ފައިދާކުރަނިވި ގޮތެއްގައި ޚިދުމަތް ދިނުމަށް މަގުފަހި ކުރުންކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި 93 އިންސައްތަ ރިޒޯޓް މުވައްޒަފުން އަދި ވެކްސިން ޖެހޭ އާބާދީގެ ގާތްގަނޑަކަށް 79 އިންސައްތަ ދިވެހިން ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެ، އިންޑިއާ ކަނޑުގެ މެދުގައި އޮންނަ އޮތުމަކީ ރާއްޖޭގެ ވިޔަފާރިއަށް ލިބިގެންދާ އިތުރު ބާރެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. ރާއްޖެއަކީ ދުނިޔޭގެ އުތުރާއި ދެކުނުން ވާސިލުވުމަށް ފަސޭހަ މަގެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އެހެންކަމުން އެކަމަށް ވިސްނައިގެން ދިވެހި ސަރުކާރުން އިންވެސްޓްމަންޓް މާހައުލު ތަރައްޤީކުރުމަށް އިތުރު ފިޔަވަޅު އަޅުއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ޢުމްރާނީ ތަރައްޤީއާ، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށާއި، ހަކަތައިގެ ދާއިރާއިން އައު އިންވެސްޓްމަންޓްތަކަށް އަމާޒުކޮށްގެން އެކި ސިޔާސަތުތަކަށް ގެނައި ބަދަލުތަކާ އެކު، ރާއްޖޭގެ ޤާނޫނާއި ޤަވާއިދުގެ މާހައުލު ވެސް ފެންނަން ހުރި ގޮތެއްގައި ކުރިއަރައި ގޮސްފައިވާކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވެވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަކީ ކުޑަ ޤައުމަކަށް ވީހިނދު ވެސް ރާއްޖެ ދަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް ކުރާ މަސައްކަތުގައި ލީޑިންގ ޤައުމެއްގެ ގޮތުގައި ފާހަގަވެގެން ކަމަށް ވިދާޅުވިއެވެ. އެގޮތުން އެ މަނިކުފާނު ވަނީ އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް މަސައްކަތް ކުރުމާއި، ދުނިޔެއިން ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މަސައްކަތްކުރުމަކީ ދިވެހި ސަރުކާރުގެ މުހިންމު ދެ މަޤްޞަދުކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ 2030ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ސިޔާސަތުތައް ފާހަގަކުރައްވައި، އެކަން ޙާޞިލުކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ދީލަތިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލައްވަމުން، އެމަނިކުފާނު ވަނީ ރާއްޖެއަކީ ކަނޑަށް ބަރޯސާވެފައިވާ ޤައުމެއްކަން ފާހަގަކުރައްވާ "ނޫ އިޤްތިޞާދު"އަކީ ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތުގެ މައިގަނޑު އެއް އަސާސުކަމުގައި ފާހަގަކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ދިވެހިންނަށް ދެމެހެއްޓެނިވި ފައިދާކުރަނިވި ގޮތެއްގެ މަތިން ކަނޑުގެ ވަޞީލަތްތައް ބޭނުން ކުރުމަކީ އެންމެ މުހިންމު އެއްކަންތައް ގޮތުގައި ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ ނޫ އިޤްތިޞާދު ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ މާހިރުންނާ އެކު މަސައްކަތްކޮށް ދެ ފަރާތަށް ވެސް ފައިދާ ހޯދުމަށް ފުރުޞަތު އޮތް ކަމުގައި ފާހަގަ ކުރައްވައިފައެވެ.