އަމީތާބް އަތުން ލިޔެފައި ކްރިތީއަށް ސިޓީއެއް ފޮނުވި ކަމަށް ބުނެފި

ބޮލީވުޑް އިންޑަސްޓްރީގައި އެންމެ ގިނަ ބަޔަކު އަދިވެސް އެންމެ އިހްތިރާމް ކުރާ އެއް ތަރިއަކީ މެގާސްޓަރ އަމީތާބް ބަޗަންއެވެ. އޭނާއާ އެކު ފޮޓޯއެއް ނަމަވެސް ނަގައިލުމަށް އާންމުން ޝައުޤުވެރިވާ ވަރަށް ބޮލީވުޑްގެ އެހެން ތަރިން ވެސް ޝައުޤުވެރި ވެއެވެ.
އެންމެ ފޮޓޯއެއް އަމީތާބުއާ އެކީ ނަގައިލެވުމުން ވެސް މީހުން އެހާ އުފާވާ އިރު، އޭނާގެ ފަރާތުން ކުޑަ ނަމަވެސް ހަދިޔާއެއް ލިބިއްޖެ ނަމަ ކަން ވާނެ ގޮތް ވިސްނައިލާށެވެ.
އެފަދަ ހަދިޔާއެއް ދާދި ފަހުން ލިބުނު އެކަކީ އިންޑަސްޓްރީގައި މިހާރު އަރަމުން އަންނަ ތަރި ކްރިތީ ސަނޯންއެވެ.
އަމީތާބް ހޯސްޓު ކުރާ "ކޯން ބަނޭގާ ކަރޯޑްޕަތީ" ޝޯގައި ކްރިތީއާއި ރާޖް ކުމާރް ރާއޯ ބައިވެރިވެ ، އެމީހުން ވަނީ އަމީތާބްގެ ފަރާތުން ލިބުނު ސިޓީއެއްގެ ވާހަކަ ދައްކައިފައެވެ. އެގޮތުން ކްރިތީ ބުނީ އަމީތާބް އަމިއްލަ އަތުން ލިޔެފައި ސިޓީއެއް ލިބުމުން، އެ ސިޓީ އޭނާ އޮންނާނީ ލެމިނޭޓް ވެސް ކޮށްފައި ކަމަށެވެ.
އަމީތާބްގެ ސިޓީގައި އޭނާ ވަނީ ކްރިތީއަށާއި ރާޖް ކުމާރް ރާއޯ އިންޑަސްޓްރީއަށް ކޮށްދޭ ކަންކަމަށް ޝުކުރު އަދާ ކޮށްފައެވެ.