އެންމެންނަށް ރައްކާތެރި، ހަމަހަމަ މުސްތަޤްބަލެއް ހޯދުމަށް އެކުގައި މަސައްކަތް ކުރަން ޖެހޭ: ރައީސް
އެންމެންނަށް ދެމެހެއްޓެނިވި، ރައްކާތެރި، ހަމަހަމަ މުސްތަޤްބަލެއް ހޯދުމަށް އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރުމުގެ މަގު ޗާޓެއް ހަދަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މަތީ ފަންތީގެ ބޭފުޅުންނަށް އަމާޒުކޮށްގެން "ޑެލިވަރިންގ ކްލައިމެޓް އެކްޝަން ފޮރ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ" ނަމުގައި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ނ.ޢ.ޢ.ވ ހިޒް އެކްސެލެންސީ ޢަބްދުﷲ ޝާހިދު، އިސްނަންގަވައިގެން ހިންގެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ.
އެގޮތުން މޫސުމަށް އަންނަ ކުއްލި ބަދަލުތަކުގެ ތެރެއިން ބޯކޮށް ވާރޭވެހި، ޖަންގަލިތަކުގައި ރޯވުން ފަދަ ކަންކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ނޭދެވޭ އަސަރުތައް ހުރިހާ ޤައުމަކަށް ވެސް ކުރާކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ، މިހުރިހާ ގެއްލުމެއްގެ ސަބަބުން އަންނަނީ 1.1 ގެ ހޫނުމިނެއްކަން ފާހަގަކުރައްވާ އެއީ މިއަދު ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތުކަމުގައި ވިޔަސް އެކަން މާދަމާ ވާނީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ޙާލަތަށްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނު ވަނީ ހުރިހާ ޤައުމަކުން ވެސް "ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ)"އަށް އިންޤިލާބީ ބަދަލެއް ގެނެސް، މީހުން ދުނިޔޭގައި ދިރިއުޅުމަށް އެކަށީގެންވާ އެންމެ ރަނގަޅު ސިނޭރިއޯ ގޮތުގައި ބަޔާންކުރާ ހޫނުމިންކަމުގައިވާ 1.5 ޑިޤްރީއަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ގޮވައިލައްވައިފައެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޖަލްސާއިންނާއި، ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްއިންނާއި އަދި ކުރިއަށް އޮތް ޖީ-20 ގެ ބައްދަލުވުންމުން މުޅި ދުނިޔެ ގުޅިގެން ދުނިޔޭގެ ފެންވަރެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި ހަޤީގަތުގައި ބޭނުން ވަނީ ބޮޑެތި އިޤްތިޞާދުތަކުން ގްރީން ހައުސް ގޭސް ޖައްވަށް ބޭރުކުރާ މިންވަރު މަދުކުރުމަށް ގަދައަޅައި މަސައްކަތްކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
ހަމައެއާ އެކު ގެއްލުން ކުޑަކުރުމަށް ކުރާ މަސައްކަތަކީ ހަމައެކަނި ކުރިމަތިވާ ކަންބޮޑުވުންތަކުގެ ދެބައިކުޅަ އެއްބައިކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ހުރިހާ ޤައުމަކުން އެއްބައިވެގެން މަސައްކަތްކުރުމަށް ބާރު އަޅުއްވައި، ރައީސުލްޖުމްހުރިއްޔާ ވަނީ 2030އާ ހަމައަށް އަންނަ އިރު ރާއްޖެއިން ނެޓް ޒީރޯ ޙާޞިލު ކުރުމަށް ކަނޑައަޅައިފައިވާ ލަނޑުދަނޑިއަކީ ބައިނަލްއަޤްވާމީ އެހީތެރިކަމާ އެކު ޙާޞިލުކުރެވިދާނެ ލަނޑުދަނޑިއެއްކަމުގައި ފާހަގަކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ކޮވިޑް-19ގެ ސަބަބުންނާއި، އެހެނިހެން ސަބަބުތަކާއި ހުރެ ކުދި ޤައުމުތަކަށް ކުރިއަށް ދިއުމަށް އުނދަގޫތަކެއް ހުރިކަން ފާހަގަކުރައްވާ އެހެން ޤައުމުތަކުން އެހީތެރިވުމަށް ބާރުއަޅުއްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލެއްވުމުގެ ކުރިން، އެމަނިކުފާނު ވަނީ 76 ވަނަ ޔޫ.އެން.ޖީ.އޭ އަށް ދިވެހި ކުޑަކުދިން ފޮނުވައިފައިވާ ސިޓީތަކުގައި ލިޔެފައިވާ "އެކުދިންގެ ތިމާވެށި އަންނަން އޮތް ޖީލަށް ރައްކާތެރިކޮށްދިނުމަށް" އެދި ލިޔެފައިވާ ވާހަކަ ތަކުރާރުކުރައްވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލައްވަމުން އެމަނިކުފާނު ވަނީ މިއަދުގެ ޒުވާނުންނާއި އަންނަން އޮތް ޖީލު އެދޭގޮތަށް ދުޅަހެޔޮ، ދެމެހެއްޓެނިވި އަދި ފާގަތި މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމަށް ބާރުއަޅުއްވައިފައެވެ.
"ޑެލިވަރިންގ ކްލައިމެޓް އެކްޝަން ފޮރ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ" މަތީފަންތީގެ ބައްދަލުވުން އަމާޒުކޮށްފައި ވަނީ 1.5 ޑިގްރީގެ އަމާޒަށް ވާސިލުވުމަށް މިހާރު އަދި ބޭނުންވާ ފަންނީ އަދި މާލީ ފަރަގު ފޫބެއްދޭނީ ކިހިނެތްތޯ ބެލުމަށެވެ. މި ހައިބްރިޑް މީޓިންގގެ މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކަށް އެއްފަހަރާ ފިޔަވަޅު އަޅައި އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތައް ކުޑަކުރުމަށް މަސައްކަތްކުރެވޭނެ އެންމެ ރަނގަޅުގޮތް ދެއްކުމެވެ.