ޚަބަރު ރައްޔިތުންގެ މަޖިލިސް

1000 މީހުން ހަމަނުވާ ރަށްރަށުން މީހުން ބޭލުމަށް ޖާބިރު ގޮވައިލައްވައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

1000 މީހުން ހަމަނުވާ އާބާދީތައް ދިރިއުޅޭ ރަށްރަށުން މީހުން ބާލައި އެރަށްތައް ހުސްކުރަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވައިލައްވައިފިއެވެ.

ޖާބިރު މިފަދައިން ގޮވައިލެއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވ.ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ގޮވައިލައި ހުށަހެޅި ގަރާރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޖާބިރު ވިދާޅުވީ އިންސާނުން ދިރިއުޅެން ހަތަރު ސިޓީއަކަށް ގައުމު ބަދަލުކޮށް ކުދި ޖަޒީރާ ބައެއް ރަށްތައް އަންނަން އޮތް ޖީލުތަކަށް ބާއްވަން ޖެހޭ ކަމަށެވެ. އެހެންކަމުން 1000 މީހުން އާބާދީގައި ހަމަނުވާ ރަށްތަކުން މީހުން ބޭލުމަށް ޖާބިރު ގޮވައިލެއްވިއެވެ.

"އަސްކަރިއްޔާ ބޭނުންކޮށްގެނެއް ނޫން. އެ މީހުންނަށް ސީދާ ވަސީލަތްތައް ގާއިމްކޮށްދޭން. އެތަނުން މީހުން ބާލާ ރަށްރަށުގެ ތެރެއިން އެއް އަތޮޅު ނުވަތަ އެރަށްރަށް އެލޯން މާސްކަށް ދެއްވަންވީ ޓެކް ސިޓީއެއް އަޅަން" އެމެރިކާގެ މުއްސަނދި ވިޔަފާރިވެރިޔާ އެލޯން މާސްކަށް ރަށްތައް ދެއްވުމަށް ގޮވައިލައްވައި ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ވިޔަފާރިތައް ފުނޑައިލައި، ސަލާން ޖަހައިގެން ލާރި ހޯދުމުގެ ބަދަލުގައި މިފަދަ ގޮތަކަށް ވިސްނުން ބައްޓަން ކުރުން ބުއްދިވެރިކަމަށެވެ. އަދި ރާއްޖެ އަޑިއަށް ދާނެކަމުގެ ބިރު އިންވެސްޓަރުންނަށް ދެއްކުމަކީ އޮންނަންޖެހޭ ކަމެއް ނޫންކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ ގައުމު އަޑިއަށް ދާކަމުގެ ވާހަކަ ބާރަށް ދައްކަވާއިރު އަޑިއަށް ނުދާނެ ތަނެއް ގައުމުގައި ތަރައްގީކުރަން ޖެހިފައިވާ ކަމަށެވެ.

"އެތަނަކީ ކޮބައިތޯ؟ އަޅުގަނޑަށް ހީވަނީ އެއީ މޮރޮކޯހެން. އިސްލާމީ ގައުމެއްތާ އެއީ. މަޣުރިބުކަރަތާ އެއީ. އެދެންވީތާ މޮރޮކޯގެ ރަސްގެފާނުގެ އަރިހުގައި އަޅުގަނޑުމެން އެތަނުގައި ދިރިއުޅެން ދާން" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މައްސަލައަށް ހައްލެއް ނުހޯދައި ގައުމު އަޑިއަށްދާ ވާހަކަ ގޮވީމައި އެކަމާ އުނދަގޫވެވަޑައިގަންނަވާކަމަށެވެ. މިވަގުތު ރާއްޖޭގެ 22 ރަށެއް ބަލަހައްޓަވަމުން ގެންދަވާކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވީ އެރަށްތަކުގެ ގޮނޑުދޮށްތަކަށް ގިނަ އަދަދެއްގެ ޕްލާސްޓިކު އަންނަ ކަމަށާއި ތިމާވެއްޓަށް ވަރަށް ހާނިއްކަ ކުރާ ކަމަށެވެ.

އެތައް ތަނެއް އަންދާކަމަށާއި އެރަށްތައް އަސްކަރިއްޔާއަށް އެނގިލައްވާތޯ ޖާބިރު ސުވާލު ކުރެއްވިއެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ބައެއް ރަށްތައް ވެސް އަންދަމުން ދާކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރުގެ ވާހަކަފުޅުގެ ތެރެއިން ރިޔާސަތުން ދެއްވި ވަގުތު ހަމަވުމާ އެކު ޖާބިރުގެ މައިކުގެ އަޑު ވަނީ ކަނޑައިލައިފައެވެ.

1000 މީހުންގެ އާބާދީ ހަމަނުވާ ރަށްތަކުން މީހުން ބޭލުމަށް ޖާބިރު ގޮވައިލެއްވިއިރު، ކުދި އެތައް ރަށެއްގައި މަދު އާބާދީއެއް އަންނަނީ ދިރިއުޅެމުންނެވެ. ބައެއް ސަރުކާރުތަކުން ވަނީ ހިދުމަތް ފޯރުކޮށްދިނުމުގައި ލުއިފަސޭހަ ކުރުމަށް އަދި ތަރައްގީ ގެނައުމުގައި ހަރަދު ކުޑަކުރުމަށް އެ ރަށްރަށުން ބޮޑެތި ރަށްރަށަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ. އެހެން ނަމަވެސް ރައްޔިތުން ބޭނުން ނުވާތީ ގިނަ ރަށްރަށް ހުސްކުރުމުގައި ސަރުކާރު އޮތީ ނުކުޅެދިފައެވެ.

  1. ޖާނޭ

    1000 މީހުން ހަމަ ނުވާ ރަށް ރަށުން މީހުން ބޭލުމުގެ ކުރިން ޖާބިރުގެ މުދާ ސަރުކާރަށް ނެގުމަށް ފަހު ދިގުމުއްދަތކަށް ޖަލުގައި އޭނާ ހައއްޔަރު ކރުމަށް ގޮވައިލަން. އޭނާއަކި މުރުތައްދެއް.

  2. ޖޭބޯ

    ކުފޫހަމަނުވާ މިކަހަލަ މޮޔައިން މަޖިލީިހުން ބޭރުކުރުމަށްވެސް ގޮވާލަން. މިކަމަށް ޕެޓިޝަނެއް ހުށައަޅާ މިކަލޭގެ ބޭރުކުރަންވީ.

  3. ޢަލީ

    ބޮއިގެން ހުއްޓަސް އެއީ ހެޔޮ ވާހަކައެއް..އުމަރު ކަހަލަ ތެދުވެރި ކެރޭ ހީވާގި ވެރިއެއް މިގައުމަށް ގެންނަންވީ.

  4. ހަމަ އެންމެ ރަނގަޅު ވާހަކައެއް އެބުނީ. ޢެގޮތައް އެކަން ނުކުރަނީ މާލޭ މީހުނަށް ދެރަގޮތެއްވެދާނެތީ. ޢެހެންވީމަ އެކަން އެގޮތަކަށް ނުވެސްކުރާނެ. އަތޮޅުތެރޭ މީހުން ނިދިން ހޭލަންވެެއްޖެ މިހާރު.