ޚަބަރު ރައްޔިތުންގެ މަޖިލިސް

ގައުމުގައި ހުރި އެއްވެސް މައްސަލައެއް ހައްލުވާތަނެއް މިއަދަކު ނުފެނޭ: ޝިޔާމް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

ގައުމުގައި ހުރި އެއްވެސް މައްސަލައެއް ހައްލުވަމުންދާތަން ދިވެހި ރައްޔިތުންނަށް ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ޝިޔާމް ވަނީ އިއްޔެއަކީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ އަހަރީ ދުވަސްކަން ފާހަގަކޮށް ޕާޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން ޝިޔާމް ވިދާޅުވީ ޕީޕީއެމް މިވަނީ ވަރަށް ފުޅާކޮށް، ފަލަކޮށް 10 އަހަރު ހޭދަކޮށްފައި ކަމަށެވެ. އަދި ދިވެހި ރައްޔިތުން ދެކެން ބޭނުންވާ ދުވަސް ހޯދައިދިނުމުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްއިން ވަނީ 5 އަހަރު ދުވަހު ހިދުމަތް ކޮށްދެއްވާފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެ ވެރިކަން ނިމުނު ނަމަވެސް މިއަދު ވެސް ފެންނަނީ ސަރުކާރުން އެދުވަހު ކުރި މަސައްކަތްތަކުގެ ވާހަކަ ދައްކާ މަންޒަރު ކަމަށް ވިދާޅުވެ ޝިޔާމް ވަނީ ޕީޕީއެމް ހުރިހާ މެމްބަރުންގެ ނަމުގައި ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ގޮވައިލައްވައިފައެވެ.

"ރައީސް ޔާމީން މިނިވަންކޮށްގެން ނޫނީ ދިވެހިރާއްޖޭގައި މިހާރު މިހުރި މައްސަލަތައް، އެ ވަރިހަމަ ތިމާވެށީގެ މައްސަލަތައް ނަމަވެސް ހައްލު ކުރެވޭތަނެއް ނުފެނޭ، ދިވެހި ރައްޔިތުންނަކަށް ނުފެނޭ" ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅުގެ މުޒާހަރާތަކަށް މިފަހަކަށް އައިސް ލިބެމުންދާ ބޮޑު ތަރުހީބަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ ގިނަ ބަޔަކު މަގުތަކަށް ނިކުމެ ސަރުކާރަށް މައްސަލަތައް ހައްލު ނުކުރެވޭ ވާހަކަ ގޮވައިލަމުންދާ ކަމަށެވެ.

މީގެ އިތުރުން އިއްޔެ މަޖިލީހަށް ހުށަހެޅި، ބަހުސް ކުރެވުނު ވ.އަތޮޅު ފެލިދޫ ރަށް ގިރާ މައްސަލައަށް ތާއީދު ކުރައްވައި ޝިޔާމް ވިދާޅުވީ އެ މައްސަލަ ހުށަހެޅުއްވި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ޕީޕީއެމްއަކީ ތިމާވެށީގެ ފިކުރު ކަމަށާއި އެހެންކަމުން އެ މައްސަލައާ ގުޅިގެން ތިމާވެއްޓާ ބެހޭ ކޮމިޓީން ތައްޔާރު ކުރި ރިޕޯޓަށް ތާއީދު ކުރައްވާކަމަށް ޝިޔާމް ވިދާޅުވިއެވެ. ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ފަޒުލް ކުރެއްވި މަސައްކަތަށް ޝިޔާމް ޝުކުރު އަދާކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!