އޯޑިއޯއިން އިވެނީ ގާޟީ ސަމީރު އަދި ގާޟީ އަލީ އާދަމްގެ އަޑެއް ނޫން: ޖޭއެސްސީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރެއްގެ އޯޑިއޯ ކަމަށް ބުނެ ދައުރުވި އޯޑިއޯތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ އާދަމާއި ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ އޯޑިއޯއާއި އެ މީހުންގެ އަޑު ދިމާނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަމުން ދިޔައިރު ފުރަތަމަ މައްސަލަ ބެއްލެވީ ފަނޑިޔާރު އަހުމަދު ހައިލަމެވެ. ނަމަވެސް ހުކުމް ކުރަން ތިން ގަޑިއިރަށް ވެފައި ވަނިކޮށް ހައިލަމް ސަސްޕެންޑްކުރީއެވެ. ފަހުން އެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކުރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަހުމަދު ސަމީރާއި ގާޒީ ހުސެއިން ފާއިޒު ރަޝީދާއި އަދި ގާޒީ އަލީ އާދަމެވެ.
ލީކްވި އޯޑިއޯތައް ފުލުހުންނަށް ހުށަހަޅައިގެން އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއެއް ޖޭއެސްސީން ވަނީ ހަދައިފައެވެ.
ޖޭއެސްސީގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީ ވެސް ޓެމްޕަރކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭ ކަމަށެވެ.
އެެހެން ނަމަވެސް ލީކްވި ، ފަނޑިޔާރުންގެ އޯޑިއޯކަމަށް ބުނާ އޯޑިއޯތަކުގެ ތެރެއިން އަޑު ދިމާވާ ކަމަށް ފޮރެކްސިކް ޓީމުން ވިދާޅުވެފައި ވަނީ، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އޯޑިއޯ އެކަނި ކަމަށް އެ ބަޔާނުގައިވެއެވެ. ގާޟީ ފާއިޒު ވަނީ މީގެ ކުރިން، އޯޑިއޯގައިވާ އަޑަކީ އޭނާގެ އަޑު ނޫން ކަމަށް ވިދާޅުވެފައެވެ. ޖޭއެސްސީން ވިދާޅުވީ، މިމައްސަލައިގައި އެ ކޮމިޝަންގެ އިސްނެގުމަށް ތަޙްޤީޤުކުރުމަށް ނިންމަވައި ތަޙްޤީޤު ކޮމިޓީއެއް އެކުލަވައިލައިފައިވާ ކަމަށެވެ.
ގާޟީ ފާއިޒުގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމެވީ، އެ އޯޑިއޯގައި ކޯޓުގެ ޝަރީޢަތަކާ ގުޅޭ ގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާތީ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. އަދި އެގޮތަށް ފަނޑިޔާރު ޢަމަލު ބެހެއްޓެވުމުގެ ސަބަބުން، ބަޔަކަށް އޭގެ ނާޖާއިޒް ފައިދާ ނެގުމުގެ ފުރުޞަތު ފަހިވެ، އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލުހިންގުމަށް މަގު ފަހިވެގެން ދިޔަކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
އެހެން ނަމަވެސް އެ އޯޑިއޯގައި ދައްކާފައިހުރި ވާހަކަތަކަށް ބަލާއިރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީޢަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާކަމަށް، ނުވަތަ ބައްދަލު ކުރަން އެދިފައިވާކަމަށް ނުވަތަ އެ ޝަރީޢަތަށް ނުފޫޒުހިންގުމަށް އެއްވެސް މަސައްކަތެއްކޮށްފައިވާކަމަށް ބުނެފައި ނުވާކަން އެ ކޮމިޝަނަށް ފާހަގަ ކުރެވުނު ކަމަށް ބަޔާނުގައިވެއެވެ.
ލީކްވި އޯޑިއޯތަކާ ގުޅިގެން އިދިކޮޅުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުރި ޙުކުމަކީ ބާތިލް ޙުކުމެއް ކަމަށް ބުނެފައެވެ. އަދި އެ އޯޑިއޯއަކީ އިދިކޮޅުން ބަޔަކަށް ފައިސާ ދީގެން ކުރުވި ކަމެއް ކަމަށް ސަރުކާރުގެ މެންބަރުން ތުހުމަތު ކުރެއެވެ.
ކަތިލައިފި