"ޤައުމު އޮތީ ބޭރުގެ ބައެއްގެ އުނގަށް ވެއްޓިފައި، ޤައުމު އަނބުރާ ހޯދަން ނިކުންނަން ޖެހިއްޖެ"
ރާއްޖޭގެ ހަރު މުދާ ވިއްކާ، އަޑި ނޭނގޭ ގޮތްގޮތަށް އިންޑިއާ ސަރުކާރާ އެކު ދިވެހި ސަރުކާރުން ވަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ޖެހެމުންދާ ދަންތުރަތަކާއި، އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ވަޒަންވެރިވެ ތިބެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން ގެންދާ ގެންދިއުން ފަދަ އެތައް ކަމަކުން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ހިތަށް ވެސް ގެންނަން ނޭނގޭ ފަދަ ގެއްލުންތައް ދަނީ ކުރިމަތިވަމުން ކަމަށާއި އެ ކަންކަމުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލި ބޭރު ބައެއްގެ އުނގަށް ޤައުމު ވަނީ ވެއްޓި ހުސްވެފައިކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ބުނެފިއެވެ.
ނަސްރުގެ މުނާސަބަތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ނެރުނު ނޫސްބަޔާނެއްގައި ބުނީ 3 ނޮވެމްބަރ 1988 ވީ ބުރާސްފަތި ދުވަހު މިޤައުމު ޚާއިނުންގެ ބައެއްގެ އަތްދަށަށް ދިޔުމުގައި ހުރަހެއްގެ ގޮތުގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވި ބަޔަކީ، މާތްވެގެންވާ އިސްލާމް ދީނާއި ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވުމަށް ޢަޒުމް ކަނޑައަޅައިގެން ތިބި ހިތްވަރުގަދަ ކެރޭ ދިވެހި ސިފައިންގެ ލަޝްކަރުކަމަށެވެ.
މި ނޫސްބަޔާނުގައި އިތުރަށް ބުނީ މީގެ 33 އަހަރު ކުރިން ބަޑި ހިފައިގެން ރާއްޖެ އަރައި ޤައުމުގެ މިނިވަންކަން ނަގައިލާން ބަޔަކު މަސައްކަތް ކުރި ގޮތަށް ނޫން ނަމަވެސް، މިއަދު މިވަނީ މިޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުން ވާނެ އެތައް ކަމަކާއި ކުރިމަތިލާންޖެހިފައި ކަމަށާއި ރާއްޖޭގެ ހަރު މުދާ ވިއްކާ، އަޑި ނޭނގޭ ގޮތްގޮތަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ޖެހެމުންދާ ދަންތުރަތަކާއި، އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ވަޒަންވެރިވެ ތިބެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން ގެންދާ ގެންދިއުން ފަދަ އެތައް ކަމަކުން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ހިތަށް ވެސް ގެންނަން ނޭނގޭ ފަދަ ގެއްލުންތައް ދަނީ ކުރިމަތިވަމުންކަމަށެވެ.
އެހެންކަމުން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ނަގަހައްޓައި ދަމަހައްޓައި އަންނަން އޮތް ޖީލާ ހަމައަށް ޤައުމު ވާސިލުކޮށްދިނުމަށް 1988 ނޮވެމްބަރު 3ވަނަ ދުވަހު ޤުރުބާންވީ ފަދަ ޙުސައިން އާދަމްއަކަށް، އެދުވަހު ޤައުމީ ރޫޙުގައި ނުކުތް ދިވެހި ސިފައިން ފަދަ ޤައުމީ ލޭ ހިނގާ ދިވެހި ދަރީންތަކަކަށް ޤައުމު ވަނީ ބޭނުންވެފައި ކަމަށާއި މިހާރުން މިހާރަށް ދިވެހި ރައްޔިތުން އަޅާން ޖެހޭ ފިޔަވަޅުތައް ނާޅައިފި ނަމަ، މިޤައުމު ދިވެހިންނަށް އަތުވުމަކީ ނާދިރުކަމެއްކަން ޔަޤީންކަމަށް ޕީޕީއެމުން/ޕީއެންސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.