ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އަސްކަރީ ކޯޓު ނުހެދުނީ 1 ފެބްރުއަރީގެ ސަބަބުން ކަމަށް އޭރުގެ ދިފާޢީ ވަޒީރު އަދި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ ސިފައިންނާ މެދު އަދުލުވެރިކޮށް ކަންކަން ކުރަން ބާރު އަޅާ، އަސްކަރީ އަދުލުގެ ނިޒާމު އިފްތިތާހުކުރުމާ ގުޅިގެންނެވެ.
ޝަރީފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަސްކަރީ އަދުލުގެ ނިޒާމު ހަރުދަނާ ކުރެވިފައިވާ ކަމަށާއި އަދި އަސްކަރީ ކޯޓުތައް އެކުލަވައިލުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެސް ވީ ކަމަށެވެ.
އަސްކަރީ ކޯޓުތައް އުފެއްދުމަށް ބޭނުންވާ ލިޔުންތައް ވެސް ރައީސް ޔާމީންގެ ވެރިކަމުގައި އާދަމް ޝަރީފްގެ މިނިސްޓަރކަމުގައި ތައްޔާރު ކުރެވުނު ކަމަށާއި އަދި އެކަމާ ގުޅިގެން ޝަރުއީ ދާއިރާއާ ކުރަން ޖެހޭ މަޝްވަރާތައް ވެސް ކުރެވުނު ކަމަށް ޝަރީފް ވިދާޅުވިއެެވެ.
އެހެން ނަމަވެސް އޭރު 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ގުޅިގެން ދިމާވި ކަންކަމުގެ ސަބަބުން އަސްކަރީ ކޯޓު “އެސްޓަބްލިޝް” ނުކުރެވުނީ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސިފައިންގެ ޢަދުލުގެ ނިޒާމް އިފްތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. އަދުލުގެ ނިޒާމު އިފްތިތާހު ކޮށްދެއްވުމަށް ފަހު މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ސިފައިންގެ ތެރޭގައި ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް އޮތް ކަމަށް ވިދާޅުވެފައެވެ.