ރައީސް ޔާމީނަށް ހުކުމް އިއްވުމުގައި ބައިވެރިވި ގާޒީ ފާއިޒް ސަސްޕެންޑުކޮށްފި

ކުރީގެ ރައީސް ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް ހުކުމް އިއްވުމުގައި ބައިވެރިވެވަޑައިގެންނެވި ގާޒީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު ސަސްޕެންޑް ކޮށްފިއެވެ.
ގާޒީ ފާއިޒް ސަސްޕެންޑު ކޮށްފައި ވަނީ ލީކުވި އޯޑިއޯއާ ގުޅިގެންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން، އެ އޯޑިއޯތަކުގައި ހިމެނޭ އޯޑިއޯއެއްގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާވާކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅައިފައި ވާތީ ކޮމިޝަނުން އެކަން ތަޙުޤީޤުކުރަން ނިންމަވައިފައިވާ ކަމަށެވެ.
ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ، ގާޒީ ޙުސައިން ފާއިޒު ރަޝާދުގެ ސުލޫކީ މައްސަލައާ ގުޅިގެން އެ މައްސަލައިގެ ބާވަތަށާއި ތަޙުޤީޤަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، އެ ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، 05 ނޮވެންބަރު 2021އިން ފެށިގެން ވަގުތީގޮތުން 60 ދުވަހަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، މިއަދު ބޭއްވި ޖޭއެސްސީގެ 83 ވަނަ ބައްދަލުވުމުގައި ނިންމަވައިފައިވާ ކަމަށެވެ.