އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ބައިވެރި ނުވެވޭނެ ހާލަތެއް ނޯންނާނެ: މުއިއްޒު
2023ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ހާލަތެއް ފެނިވަޑައިނުގަންނަވާކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"އަވަސް" ނޫހުގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، ޑރ. މުއިއްޒު ވިދާޅުވީ، ސުޕްރީމް ކޯޓުން ރައީސް ޔާމީން ސަލާމަތްވެ ވަޑައިގަންނަވާ މަންޒަރު ފެނިވަޑައިގަންނަވާކަމަށާއި، ދަށު ކޯޓުތަކުގައި އެމަނިކުފާނާ މެދު ހުރީ ސިޔާސީ ދައުވާތަކެއް ކަމަށެވެ. އަދި ދައުލަތުން މަސައްކަތް ކުރަައްވަނީ ރައީސް ޔާމީން ފްރޭމްކުރަން ކަމަށް ވެސް ޑރ. މުއިއްޒު ތުހުމަތު ކުރެއްވިއެވެ.
"އެ ބައްލަވަނީ ކޮންމެ ވެސް ގޮތަކުން އެމަނިކުފާނު ފްރޭމް ކުރެވޭތޯ ދައުލަތުން. އެހެން ނުވެއްޖިއްޔާ މިގޮތުން. މިގޮތުން ނުވެއްޖިއްޔާ ކޮންމެ ވެސް ގޮތަކުން ވެސް އެމަނިކުފާނު ކުށްވެރިއަކަށް ހެދުމަށް. ރައީސް ޔާމީނާ ޖެހުނީމަ އިންސާފު މި އޮތީ އެކޮޅުކޮޅުން ޖެހިފައި. އެހެން ނަމަވެސް އަޅުގަނޑުގެ އެއްވެސް ކަލްކިއުލޭޝަނެއް ނެތް އެމަނިކުފާނު މިނިވަން ނުވާނެ،" މުއިއްޒު ފާހަގަ ކުރެއްވިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިދިޔަ އޭޕްރީލް މަހުގެ 29ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. ރައީސް ޔާމީން އަލުން އަނބުރާ ޖަލަށް ގެންދިޔުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ކަރެކްޝަނަލް ސާވިސްއިން މީގެކުރިން ވަނީ ބުނެފައެވެ.