"މިނިވަންކަމުގެ ހިނގާލުން" އަންނަ ހުކުރު ދުވަހު

"މިނިވަންކަމުގެ ހިނގާލުން" މި ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިއްޔެ ބާއްވަން ތައްޔާރުވި ސުލްހަވެރި ހިނގާލުން އަންނަ ހުކުރު ދުވަހަށް ފަސްކޮށްފިއެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހިނގާލުން އިންތިޒާމު ކުރާ ކޮމެޓީގެ އިސް މެމްބަރު ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، "މިނިވަންކަމުގެ ހިނގާލުން" ފަސް ކުރަން ޖެހުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ކަމަށެވެ. އަދި ހިނގާލުން ބާއްވަން ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ހަވީރު 3:45ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކަމަށް ވެސް މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ.
ޕީޕީއެމްއިން ހާމަކުރާ ގޮތުގައި، ހިނގާލުމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، ސަރުކާރުން އިންޑިއާއާ އެކު ހަދައިފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ހާމަ ކުރުމަ ށް ގޮވައިލާ ބާއްވާ ސުލްހަވެރި ހިނގާލުމެއް ކަމަށެވެ. އަދި ހިނގާލުން ކުރިޔަށްދަނީ ފުލުހުންގެ ހުއްދައާއެކުގައި ކަމަށް އިދިކޮޅުން ހާމަކުރެއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީ ކައުންސިލް މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ވިދާޅުވީ، "މިނިވަންކަމުގެ ހިނގާލުން" ފަސްކޮށްފައި ވަނީ ސަރުކާރާ ޑީލެއް ހަދައިގެންކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި ހިނގާލުން ނުބޭއްވުނީ މޫސުން ތަން ނުދޭތީ ކަމަށެވެ.