ޖުމްހޫރީ ޕާޓީން ނަޝީދުގެ ވާހަކަ ދޮގުކޮށްފި
ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރަން މި އަންނަ އަހަރު ނޮވެންބަރު މަހު ވޯޓެއް ނަގަން ސިޔާސީ ޕާޓީތަކުން ތައްރާރު ކަމަށް ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވުމުން، އެކަމަށް ޖުމްހޫރީ ޕާޓީން ރައްދު ދެއްވައިފިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމެއް ގެނައުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގާނީ އަންނަ އަހަރުގެ ނޮވެމްބަރުގައި ކަމަށާއި އެކަމަކު ނިޒާމަށް ވެރިކަން ބަދަލުކުރާނީ ރިޔާސީ އިންތިހާބު އޮންނަ 2023 ވަނަ އަހަރުގައި ކަމަށެވެ. އަދި މިކަން ކުރުމަށް ޕާޓީތަކުން އެއްބަސް ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން "ދެން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވީ، ނިޒާމް ބަދަލު ކުރުމުގެ ވިސްނުމެއް އެ ޕާޓީގައި ނެތް ކަމަށާއި އެފަދަ ވޯޓަކަށް ދާން ޚިޔާލު ވެސް ކޮށްފައި ނެތް ކަމަށެވެ.
"އެފަދަ ކަމަކަށް އެއްބަސްވެފައެއް ވެފައެއް ނުވާނެ. އަދި އެފަދަ ކަމަކަށް އެއްބަސްވުމުގެ ޚިޔާލެއް ވެސް ނެތް. ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި މަޝްވަރާކޮށްފައި ނެތް" އަލީ ޞާލިޙް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ސަން އައިލެންޑް ރިސޯޓުގައި ދާދިފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއާ ބައްދަލު ކުރައްވައިފައެވެ. މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން، އަލީ ޞާލިޙް ވިދާޅުވީ، އެ ބައްދަލުވުން ބޭއްވީ ރައީސް ނަޝީދުގެ އެދުމަކަށް ކަމަށާއި ބައްދަލުވުމުގައި ރައީސް ނަޝީދު ހުށަހެޅުއްވީ ނިޒާމު ބަދަލު ކުރައްވަން ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ތާއީދު ނުކުރައްވާ ވާހަކަ އޭރު ވެސް ނަޝީދު ކުރެން ޤާސިމް ވިދާޅުވި ކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ.
"ޤާސިމްއާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެން ބައްދަލު ކުރެއްވި. އެ ބައްދަލުވުމުގައި ރައީސް ނަޝީދު ހުށަހެޅުއްވި ނިޒާމާ ބެހޭ ގޮތުން. އެމަނިކުފާނު (ޤާސިމް) ވިދާޅުވީ، ތިމަން މަނިކުފާނު އެއްވެސް ވަރަކަށް އެއްބަސްވެ، ވަޑައިނުގަންނަވަމޭ. ތިމަން މަނިކުފާނަކީ ރިޔާސީ ނިޒާމަށް ބަލައިގެން، އެ ނިޒާމް ޤަބޫލު ކުރާ ފަރާތެކޭ. އެއްވެސް ވަރަކަށް ޤަބޫލެއް ނުކުރަމޭ ދާކަށް." އަލީ ޞާލިޙް ވިދާޅުވީ، އެ މަޝްވަރާތަކާ ބެހޭގޮތުން ހާމަ ކުރައްވާ ވާހަކަފުޅުތަކަކީ ލީޑަރު ޤާސިމްއާ މަޝްވަރާ ކުރުމަށް ފަހު ދައްކަވާ ވާހަކަފުޅުތަކެއް ކަމަށެވެ.
އަލީ ޞާލިޙްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރައީސް ނަޝީދުގެ ވާހަކަފުޅުގައި "ސިޔާސީ ޕާޓީތަކޭ ވިދާޅުވީ، ޖުމްހޫރީ ޕާޓީ ނޫން ޕާޓީތައް ކަމަށް ވެސް ވެދާނެ" ކަމަށެވެ.