ވެރިފަރާތުން ހަވާލުނުވާ އުޅަނދު ނީލަމުގައި ވިއްކާލަނީ

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދުފަހަރާ ވެރިފަރާތުން ހަވާލު ނުވާނނަމަ، ނީލަމުގައި އެ އުޅަނދެއް ވިއްކާލެވޭ ގޮތަށް ގަވާއިދެއް ހަދައިފިއެވެ.
އެ ގަވާއިދުގައި ބުނާ ގޮތުން އެ ގަވާއިދުގެ މަޢުލޫމާތު އާންމުކުރާ ތާރީޚުން ފެށިގެން 60 ދުވަހުގެ މުހުލަތެއް އުޅަނދުގެ ވެރިފަރާތަށް ދޭންވާނެ ކަމަށް ބުނެފައިވެއެވެ. އަދި މި މުއްދަތުގައި ހަވާލުވެފައި ނުވާ އުޅަނދު އާންމުކޮށް ހުޅުވާލެވޭ ނީލަމެއްގައި އެ އުޅަނދެއް ވިއްކާލުން ނުވަތަ ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އުޅަނދު ނީލަމުގައި ވިއްކާލުމުގެ ކުރިން އިއުލާންކުރަން ޖެހޭނެ ކަމަށާއި އެ އުޅަނދުތައް ނީލަމުގައި ވިއްކައިލުމުގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓުގައްޔާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓުގައި އާންމު ކުރަންވާނެކަމަށް ވެސް ބުނެފައިވެއެވެ.
އަދި އުޅަނދުތައް ނީލަމުގައި ވިއްކައިލުމުގެ ކުރިން ރަޖިސްޓްރޭޝަން ބާތިލް ކުރަން ޖެހެއެވެ. ރަޖިސްޓްރޭޝަން ބާޠިލުކުރުމަށް، ހުށަހަޅަން ޖެހެނީ ދިވެހި ފުލުހުންގެ ޚިދުމަތުން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.