ޚަބަރު ޝަރުޢީ ދާއިރާ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ 409 ދައުވާ، ނިމުނީ 21 މައްސަލަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފާއިތުވި ތިން އަހަރުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލިފައިވާ މީހުންނާމެދު ހާއްސަ އުސޫލަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން 292 މީހުންގެ މައްޗަށް 409 ދައުވާއެއް ކޯޓަށް ހުށަހެޅި ކަމަށާއި ނަމަވެސް މިހާތަނަށް ނިމިފައި ވަނީ 21 މައްސަލައެއް ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު މެންދުތު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގައި 2019 ވަނަ އަހަރު 71 މީހެއްގެ މައްޗަށް 101 ދައުވާ، 2020 ވަނަ އަހަރު 158 މީހެއްގެ މައްޗަށް 192 ދައުވާ އަދި މި އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް 83 މީހެއްގެ މައްޗަށް 116 ދައުވާ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން، މިދިޔަ އަހަރު މަސައްކަތް ފަށާފައިވާ ކަމަށާއި އަދި  2019 ވަނަ އަހަރާ އަޅާބަލާއިރު، ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

"މާނައަކީ މި ބާވަތުގެ މައްސަލަ މީހުން ރިޕޯޓުކުރާ މިންވަރު ވެސް އިތުރުވެއްޖެ. ހެކި ހޯދޭ މިންވަރު ވެސް އިތުރުވެއްޖެ. އަދި ކޯޓަށް ހުށަހެޅޭ ވަރު ވެސް އިތުރުވެއްޖެ" ޕީޖީ ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޖީ ޝަމީމް ވިދާޅުވީ މިދިޔަ ތިން އަހަރު 292 މީހެއްގެ މައްޗަށް ހުށަހެޅި 409 ދައުވާގެ ތެރެއިން %82 މައްސަލަތަކުގެ ޝަރީއަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން ލިބިފައިވާ ހިސާބުތަކުން ދައްކައި ގޮތުގައި، ކޯޓުން ނިމިފައިވަނީ 21 މައްސަލަ ކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!