އައްޑޫގެ ހާލަތު އަދިވެސް ގޯސް، ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 2519އަށް

އައްޑޫ ސިޓީން އިތުރު 16 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
އައްޑޫ ސިޓީން މިހައިތަނަށް ޖުމްލަ 31،609 ސުންކު ވަނީ ނަގައިފައެވެ. އަދި ސީދާކޮށް އެއްތާވި މީހުންގެ ގޮތުގައި 238 މީހުން މިހައިތަނަށް ވަނީ ފާހަގަ ކުރެވިފައެވެ. އިއްޔެ އެ ސިޓީން ނެގުނު ސުންކުތަކުގެ އަދަދަކީ 164.
އައްޑޫ ސިޓީގައި ކޮވިޑު-19 ފެތުރޭތީ ސިޓީ ކައުންސިލް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން އެ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން، މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރަން ވެސް ވަނީ އަންގައިފައެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑް-19އަށް ފައްސިވަމުން އަންނަ އަދަދުތައް މަދުވި ނަމަވެސް ފާއިތުވެދިޔަ ހަފްތާގައި ފައްސިވި އަދަދު އުޅެނީ 100އިން މަތީގައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 88،817 މީހުންނެވެ.