ރައީސް ޔާމީންގެ މައްސަލަ: ޗެކް ނަންބަރު ދިމާ ނުވާތީ ސުވާލު އުފެދިއްޖެ
ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ލިބުނުކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެމްއެމްޕީއާރްސީން، އެސްއޯއެފް ކުންފުންޏަށް ޖަމާކޮށްފައިވާކަމާ ދޭތެރޭ ސުވާލު އުފެދިއްޖެއެވެ.
ފަސް އަހަރަށް ރައީސް ޔާމީން ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް ޖޫރިމަނާގެ ހުކުމް ކޮށްފައި ވަނީ ގއ. ވޮޑަމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެ މަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އުފުލި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިގެންނެވެ.
ދަށު ކޯޓުން ކުރި އެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމާ ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެކެވެ. މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމަކީ އިސްތިއުނާފްގެ އަޑުއެހުންތައް ނިމިފައި ވަނިކޮށް ފަނޑިޔާރުން އިތުރު ކަމެއް ސާފުކުރަން ޖެހިގެން ބޭއްވި އަޑުއެހުމެކެވެ.
މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ މައްސަލައިގެ ލިޔުންތައް ދިރާސާކުރަމުން ދިޔައިރު ޑިޕޮސިޓް ސްލިޕުން ފެންނަން އޮންނަ އެއް މިލިއަން ޑޮލަރު ޖަމާވި ޗެކް ނަންބަރާއި އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓުގައި އޮތް ޗެކް ނަންބަރު ދިމާނުވާ މައްސަލަ ފާހަގަކުރައްވައިފައެވެ. އެ މައްސަލައަކީ ރައީސް ޔާމީންގެ ދިފާއީ ޓީމުން ވެސް ކުރިން ފާހަގަ ކުރެއްވި މައްސަލައެކެވެ.
އެ ޗެކް ނަންބަރުތަކުގައި އޮޅުންތަކެއް އުޅޭތީ ފަނޑިޔާރު މަހާޒް ވަނީ މިއަދު އެކަމާ ގުޅޭގޮތުން ދައުލަތާ ސުވާލު ކުރައްވައިފައެވެ. އެއީ ރައީސް ޔާމީނަށް ދައުވާ ކޮށްފައިވާ މައްސަލައިގައި ބުނެފައިވާ ޗެކްތޯ ވެސް އެއްސެވިއެވެ.
ފަނޑިޔާރުގެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް އަހްމަދު ނައުފަލް ވިދާޅުވީ އެކައުންޓް ސްޓޭޓްމަންޓްގައިވާ ޗެކް ނަންބަރާއި ޑިޕޮސިޓް ސްލިޕްގައިވާ ނަންބަރު ދިމާނުވީ ޗެކް ނަންބަރު ސިސްޓަމަށް އެންޓަކުރި އިރު ހަތަރާއި ފަހަކާ އޮޅިފައި ވާތީ ކަމަށެވެ.