ލޯބީގެ ގުޅުން ކެނޑުނަސް މި ތަރިންނަކީ ގާތް އެކުވެރިން
ދެމީހެއްގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުމަށް ފަހު، އެ ގުޅުން ކެނޑިއްޖެ ނަމަ ގިނަ މީހުން އެކަކު އަނެކަކާ އަނގައިން ވެސް ނުބުނެއެވެ. މަޝްހޫރު މީހުންގެ މެދުގައި ވެސް ވަރަށް ގިނައިން މި ފަދައިން ކަންތައް ވެއެވެ.
ނަމަވެސް ބޮލީވުޑްގެ ބައެއް ތަރިން މިގޮތުން ވަރަށް ތަފާތެވެ. ކުރިން އޮތް ލޯބީގެ ގުޅުން ކެނޑުމުން ވެސް އެ ދެމީހުންގެ މެދުގައި އޮންނަ އެކުވެރިކަމަށް އެ ތަރިން އެއްވެސް ބުރޫއެއް އަރުވައިފައެއް ނުވެއެވެ.
މުނިފޫހިފިލުވުމުގެ ދާއިރާ ފަދަ ހަތުރުން ގިނަ ދާއިރާއެއްގައި ވެސް މިފަދައިން ރަނގަޅު އެކުވެރިކަމުގެ މިސާލެއް ދައްކައިފައިވާ ބައެއް ތަރިންނަކީ، ރަންބީރް ކަޕޫރާއި ދީޕިކާ ޕަދުކޯންގެ އިތުރުން ސަލްމާން ޚާންއާއި ކެޓްރީނާ ކެއިފްއެވެ.
ފިލްމު "ބަޗްނާ އޭ ހަސީނޯ"ގެ ޝޫޓިންގ ތެރެއިން ލޯބީގެ ގުޅުމެއް އުފެދުނު ދިޕިކާއާއި ރަންބީރްގެ ޖޯޑަކީ އެތައް ބަޔަކަށް ކަމުދިޔަ ޖޯޑެކެވެ. ނަމަވެސް އެ ލޯބީގެ ގުޅުމަށް އަހަރެއްވީ ފަހުން، ކެޓްރީނާއާ އެކު ރަންބީރް ބާއްވަން ފެށި އިތުރު ގުޅުމެއްގެ ސަބަބުން، ދިޕިކާއާ އޮތް ލޯބީގެ ގުޅުން ވަނީ ކެނޑިފައެވެ.
ލޯބީގެ ގުޅުން ކެނޑުނު ނަމަވެސް، މި ދެ ތަރިންނަކީ އަދިވެސް ގާތް އެކުވެރިންނެވެ. ކެޓްރީނާއާ އެކު އޮތް ގުޅުން ކެނޑުމުން ރަންބީރަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން އެކަކީ ވެސް ކެޓްރީނާކަން ރިޕޯޓުތަކުން ފާހަގަ ކުރެވެއެވެ.
ކެޓްރީނާއާ ގުޅުންތަކުގެ ވާހަކަ ދައްކާއިރު، އެންމެ ގިނަ ބަޔަކު ދެއްކި އެއް ވާހަކައަކީ ސަލްމާން ޚާންއާއި ކެޓްރީނާގެ ގުޅުމުގެ ވާހަކައެވެ.
ކުރިން ކެޓްރީނާ ވެސް ބުނެފައިވާ ގޮތުގައި، އޭނާ މި ދާއިރާއަށް ނެރެދިނީ ސަލްމާންއެވެ. ދެމީހުންގެ ދެމެދުގައި އޮންނަނީ ލޯބީގެ ގުޅުން ކަމަށް ބުނެ އަޑުތައް އެންމެ ގަދަވީ ދުވަސްކޮޅު ދެން އިވުނީ ކެޓްރީނާ، ސަލްމާން ދޫކޮށް ރަންބީރްއާ ލޯބީގެ ގޮތުން ގުޅުނު ކަމުގެ އަޑުތަކެވެ.
ރަންބީރްއާ ގުޅުން އޮތް އިރު ސަލްމާނާއި ކެޓްރީނާގެ އެކުވެރިކަމަށް ވެސް ބުރޫ އެރިކަމުގެ ވާހަކަތަކެއް ފެންމަތިވިއެވެ. ނަމަވެސް ރަންބީރްއާ އެކު އޮތް އެ ގުޅުން ކެނޑުމަށް ފަހު ކެޓްރީނާ އަނެއްކާ ވެސް ފެންނަން ފެށީ ސަލްމާން ޚާންއާ އެކުގައެވެ.
ސަލްމާނާއި ކެޓްރީނާއާ ދެމެދު އަނެއްކާ ވެސް ލޯބީގެ ގުޅުން ފެށުނީ ކަމަށް ބައެއް މީހުން ބުނި ކަމުގައި ވިޔަސް، އެ ދެމީހުންގެ ގާތް މީހުން ވަނީ އެކަން ދޮގު ކޮށްފައެވެ. އަދި އެއީ މިހާރު ދެ އެކުވެރިން ކަމަށް ވެސް ބުނެފައިވެއެވެ.