ދުނިޔެ

ލަންކާ ސިއްސުވައިލި ބޮމުގެ ހަމަލައިގެ ޝަރީއަތްތައް ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2019ވަނަ އަހަރު ލަންކާގެ ނަޞާރާއިންގެ ފައްޅިއަކަށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތްތައް ފަށައިފިއެވެ.

Ads by Sosun Fihaara

ސްރީލަންކާގެ ވެރިރަށް ކޮލޮންބޯގައި ހުންނަ ފައްޅިއަކަށާއި ތިން ހޮޓަލަކަށް އަމާޒުކޮށް 2019ވަނަ އަހަރު ދިން މި ހަމަލާގައި 269 މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި ޖާނުން ފިދާވެގެން ހަމަލާދިން 8 މީހުން ވެސް ހިމެނެއެވެ.

ބޮމުގެ ޙަމަލާތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުޙްމަތުކުރެވޭ މީހުންގެ މައްޗަށާއި އިޙްމާލުވި ، ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންނާ ދެކޮޅަށް ކުރާ ދަޢުވާތަކުގެ ޝަރީޢަތް ފަށައިފައިވާ އިރު، އެންމެ ފުރަތަމަ އަޑު އެހުން ބާއްވައިފައި ވަނީ ކުރީގެ ފުލުހުންގެ ވެރިޔާ ޕުޖީތު ޖަޔަސުންދަރާގެ މައްޗަށެވެ. އޭނާއަށް ކުރަނީ ޓެރަރިސްޓް ހަމަލާއެއް ދީފާނެކަމުގެ އިންޓެލިޖެންސް އިންޒާރު ތަކުރާރުކޮށް ލިބުމުން ވެސް އެކަމަށް ފިޔަވަޅު ނާޅައި އިހްމާލްވިކަމުގެ ދައުވާއެވެ. 1,215 މީހުން އޭނާއާ ދެކޮޅަށް ހެކިބަސް ދިނުމަަށް ވަނީ ހަމަޖެހިފައެވެ.

އޭނާގެ އިތުރުން ސުރީ ލަންކާގެ ކުރީގެ ދިފާޢީ ސެކެޓުރީ ހެމަސިރި ފެނާންޑޯގެ މައްޗަށް ވެސް ވަނީ އެ ފަދަ ދަޢުވާތަކެއް އުފުލައި ޝަރީޢަތް ފަށައިފައެވެ. ޖަޔަސުންދަރައާއި ފެނާންޑޯ ވެސް ތިބީ ކަފާލާތުގެ ދަށުން ކޯޓުން ދޫކޮށްފައެވެ.

ބޮމުގެ ޙަމަލާތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުޙްމަތުކުރެވޭ 24 މީހެއްގެ ޝަރީޢަތް ފެށުމަށް ވެސް ކޯޓުން ވަނީ ތައްޔާރުވެފައެވެ. އޭގެ ތެރޭގައި، އައިއެސް ޖަމާޢަތާ ގުޅުން އޮންނަ އަދި ޙަމަލާތަކުގެ އެންމެ އިސް މޭސްތިރިޔާ މުޙައްމަދު ނައުފަރު ވެސް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!