ނުރައްކާތެރި އައު ވޭރިއަންޓާ ގުޅޭ ގޮތުން އެނގެނީ ކިހައި މިންވަރަކަށް؟!
ގިނަ އަދަދެއްގެ މިއުޓޭޝަންތަކަކާ އެކު ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އައު ވޭރިއަންޓްގެ ސަބަބުން ސައިންސްވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދި، ކޮވިޑް-19 ފެތުރުމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި، ގިނަ ގައުމުތަކަކުން ދަތުރުފަތުރުކުރުން ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.
ދެކުނު އެފްރިކާގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިއުނިކަބަލް ޑިޒީޒަސް (އެންއައިސީޑީ)އިން ބުނީ އައު ވޭރިއަންޓްގެ 22 ފައްސި ވޭދަނައެއް އެ ގައުމުގައި ރެކޯޑް ކުރެވިފައިވާ ކަމަށާއި ވޭރިއަންޓް ދެނެގަނެވިފައި ވަނީ، ޖެނޯމިކް ސީކުއެންސިންއަށް ފަހު ކަމަށެވެ. މި ވޭރިއަންޓްގެ ޚަރަބުތައް މީޑިއާއަށް ތިލަވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
އައު ވޭރިއަންޓާ ބެހޭ ގޮތުން އެނގެނީ ކޮން އެއްޗެއް؟
ބީ.1.1.529 ނަން ދީފައިވާ ކޮވިޑް-19ގެ އައު ވޭރިއަންޓްގައި މިއުޓޭޝަންގެ ވަރަށް އާދަޔާ ޚިލާފު ކޮންސްޓަލޭޝަންއެއް އެކުލެވިގެންވާ ކަމަށް ސައިންވެރިން ބުނެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ފޫއަޅުވައިލެވޭ ފަދަ ވޭރިއަންޓެއް ކަމަށާއި މިހެންކަމުން، ބަލި ޖެހޭ މިންވަރު އިތުރުވާނެ ކަމަށް މިހައިތަނަށް ހެދުނު ދިރާސާތަކުން ދައްކަައެވެ.
ދެކުނު އެފްރިކާގެ ސައިންސްވެރިން ވަނީ މި ވޭރިއަންޓްގެ ސްޕައިކް ޕްރޮޓީންއަށް 30އަށް ވުރެ ގިނަ މިއުޓޭޝަން އައިސްފައިވާކަން ދެނެގަނެފައެވެ. ސްޕައިކް ޕްރޮޓީނަކީ ކޮރޯނާ ވައިރަސް އިންސާނުންގެ ސެލްތަކަށް އިންފެކްޓްވުމަށް އެންޓްރީ ޕޮއިންޓެއް އުފެއްދުމަށް އެހީތެރިވެދޭ ބައެވެ.
ކުއާޒުލޫ-ނަޓާލް ރިސާޗް އެންޑް އިނޮވޭޝަން ސީކުއެންސިން ޕްލެޓްފޯމްގެ ޑިރެކްޓަރު ޓުލިއޯ ޑި އޮލިވެއިރާ ވިދާޅުވީ، މި ވޭރިއަންޓްގެ ސަބަބުން ތަޖުރިބާކާރުންނަށް ހައިރާންކަން ލިބިފައިވާ ކަމަށެވެ.
"އޭގައި އިވޮލިއުޝަންގައި ބޮޑު ޖަމްޕެއް އެބަހުރި، ހީކުރި ވަރަށް ވުރެ އެތައް މިއުޓޭޝަންތަކެއް އިތުރު،"ޑި އޮލިވެއިރާ ވިދާޅުވިއެވެ.
"އުފާވެރި ޚަބަރެއްގެ އެއް ވައްތަރަކީ ޕީސީއާރު ޓެސްޓަކުން އެކަން ދެނެގަނެވޭނެ،" ޑި އޮލިވެއިރާ އިތުރަށް ވިދާޅުވިއެވެ.
މިއުޓޭޝަންތައް ގުޅިފައި ވަނީ އެންޓިބޮޑީ ރެސިސްޓެންސް އިތުރުވުމާއެވެ. މިކަމުގެ ސަބަބުން ވައިރަސް އިތުރަށް ގައިންގަޔަށް އަރާކަމަށް ވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނީ ރިޕޯޓްކޮށްފައިވާ ވޭރިއަންޓް "ގާތުން ބަލަމުން" އަންނަ ކަމަށާއި، އެ ވޭރިއަންޓަކީ "އިންޓްރެސްޓް" ނުވަތަ "ކަންބޮޑުވާ" ވޭރިއަންޓެއްކަމަށް ކަނޑައަޅަން ޖެހޭތޯ ބެލުމަށް މިއަދު ބައްދަލުކުރާނެ ކަމަށެވެ.
ކޮވިޑް ވެކްސިން އައު ވޭރިއަންޓާ ދެކޮޅަށް ކާމިޔާބުތަ؟
ކޮވިޑް-19ގެ ވެކްސިންތައް ބިނާވެފައި ވަނީ ކޮރޯނާ ވައިރަސް ސްޕައިކް ޕްރޮޓީންގެ އަސްލު މައްޗަށެވެ.
ޑަބްލިއުއެޗްއޯގެ އިމާޖިން ޑިޒީޒަސް އެންޑް ޒޫނޯސިސްގެ އިސްވެރިޔާ މާރިއާ ވޭން ކަރްޚޯވް ބުރާސްފަތި ދުވަހު ވިދާޅުވީ "ކަންބޮޑުވުމަކީ މިހައި ގިނަ މިއުޓޭޝަންތައް ހުންނައިރު، ވައިރަސްއާ މެދު އަމަލުކުރާ ގޮތުގެ އަސަރު ކޮށްފާނެތީ" ކަމަށެވެ.
"މި ވޭރިއަންޓްގެ ސަބަބުން ކުރިމަތިވެދާނެ އެއްވެސް ވެކްސިނަކަށް ކުރާނީ ކޮން އަސަރެއްކަން ވިސްނައިލާން އަދި ހަފްތާތަކެއް ނަގާނެ،" ވޭން ކެރްޚޯވް އިތުރަށް ވިދާޅުވިއެވެ.
މިހާރު އެންމެ ބާރުގަދަ ޑެލްޓާ ވޭރިއަންޓަށް ވުރެ ހަލުވިކަމާ އެކު ފެތުރުމުގެ ގާބިލްކަން މި ވޭރިއަންޓަށް ލިބިފައިވާ ނަމަ، މި ބަލިމަޑުކަމުން ދުނިޔެ އަރައިގަތުމަށް މަސައްކަތް ކުރަމުން މިދާ ދަނޑިވަޅުގައި ބޮޑު ނުރައްކަލަކަށް ވެދާނެކަމަށް ތަޖުރިބާ ކާރުން ހާމަކުރެއެވެ.
ނަމަވެސް ޑަބްލިއުއެޗްއޯގެ އެފްރިކަން ރީޖަނަލް އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޕްރޮފެސާ ހެލެން ރީސް ވަނީ މީހުން ހާސްވެ ކަންބޮޑުނުވުމަށް ނުވުމަށް އިލްތިމާސް ކުރައްވައިފައެވެ.
"[މިހާރު] އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިއީ ކިހައި ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ ކަމެއްތޯ ދެނެގަތުމަށް. ބަލާ ބެލުމަށް ގިނަ މަސައްކަތްތަކެއް ހުންނާނެ: މާ ބޮޑަށް ޓްރާންސްމިޝަނަބަލްތޯ؟. އެއީ ބަލީގެ އިތުރު ހަރުކަށިކަމާ ގުޅިފައިވާ ކަމެއްތޯއާއި އޭގެ ސަބަބުން ވެކްސިންތަކުގެ އަސަރު ދައްވާނެތޯ؟" ރީސް އަލްޖަޒީރާއަށް ވިދާޅުވިއެވެ.
ދެނެގަނެ، އިޖާބަދިނުން
މި ވޭރިއަންޓް ހަލުވިކަމާ އެކު ފެތުރިފައި ވަނީ ދެކުނު އެފްރިކާގެ ގައުޓެންގް ޕްރޮވިންސް، އެ ޤައުމުގެ އިގުތިސޯދީ މައި މަރުކަޒު ޖޮހަނަސްބާގް އަދި ވެރިރަށް ޕްރިޓޯރިއާގައެވެ.
ދެކުނު އެފްރިކާގެ އިތުރުން، ހޮންގްކޮންގް އަދި ބޮޓްސްވާނާއިން ގާތްގަނޑަކަށް 50 ވަރަކަށް މީހުން މި ވޭރިއަންޓަށް ފައްސިވެފައިވާ ކަމަށް އެގައުމުތަކުން ވަނީ މައުލޫމާތު ދީފައެވެ. ބޮޓްސްވާނާއާއި ހޮންގްކޮންގްއިން ފައްސި ވެފައިވާ މީހުން ފެނިފައި ވަނީ ދެކުނު އެފްރިކާއިން ދަތުރުކުރި މީހުންގެ ތެރެއިންނެވެ.
އިނގިރޭސިވިލާތުން ވަނީ ހުކުރު ދުވަހުގެ މެންދުރުން ފެށިގެން ބޮޓްވޮސާނާ، އެސްވަތީނީ، ލެސޯތޯ، ނެމީބިއާ އަދި ޒިމްބާބުވޭ ފަދަ ދެކުނު އެފްރިކާގެ އިތުރު ފަސް ގައުމަކުން މީހުން ދަތުރުކުރުން މަނާކޮށްފައެވެ.
ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުން ވެސް އެފްރިކާއިން އެ ގައުމުތަކަށް ދަތުރުކުރުން ވަނީ މަޑުޖައްސައިލާން ނިންމައިފައެވެ. މިގޮތުން އީޔޫ ކޮމިޝަންގެ ވެރިޔާ އުރުސުލާ ވޮން ޑަރ ލެޔެން ވެސް ވިދާޅުވީ އީޔޫގެ އަމާޒަކަށް ވާނީ ދެކުނު އެފްރިކާ ސަރަހައްދުން ވައިގެ ދަތުރުފަތުރުތައް ހުއްޓުވުން ކަމަށެވެ.
"ކަންބޮޑުވާ ބީ.1.1.529ގެ ވޭރިއަންޓާ ގުޅިގެން ދެކުނު އެފްރިކާ ސަރަހައްދުން ވައިގެ ދަތުރުފަތުރު ހުއްޓުވަން އިމަޖެންސީ ބްރޭކް އެކްޓިވޭޓް ކުރުމަށް މެމްބަރު ގައުމުތަކާ ގުޅިގެން ކޮމިޝަނުން ހުށަހަޅާނެ،" އެކަމަނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފިތަ؟
އެންމެ ބޮޑު ބަލި ޖެހިފައިވާ އެފްރިކާގެ ޤައުމުގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު ވަނީ މި މަސް ފެށުނުފަހުން 10 ގުނަ އިތުރުވެފައެވެ.
އެންއައިސީޑީއިން ބުނީ ގައުޓެންގް ހިމެނޭ ގޮތަށް އެ ގައުމުގެ ތިން ޕްރޮވިންސެއްގައި ބަލި ޖެހިފައިވާ މީހުންގެ އަދަދާއި ކޮވިޑަށް ފައްސިވާ ނިސްބަތް "އަވަސް އަވަހަށް އިތުރުވަމުން" އަންނަ ކަމަށެވެ.
އިތުރުވުމުގެ އަސްލަކީ އެއީ ކަމަށް ވެދާނެ ކަމަށް ބައެއް ސައިންސްވެރިން ޝައްކު ކުރި ނަމަވެސް، އެންއައިސީޑީއިން އައު ވޭރިއަންޓަށް އިޝާރާތްކޮށްފައެއް ނުވެއެވެ.
ބުދަ ދުވަހު ދުވާލެއްގެ މައްޗަށް އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޢަދަދު 1200އަށް އެރިއިރު، އެ ޤައުމުން ދުވާލެއްގެ މައްޗަށް މިދިޔަ މަހު ފައްސިވަމުން އައީ 106 މީހެކެވެ.
އައު ވޭރިއަންޓް ފެނުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުން ވަނީ ފެސްޓިވަލް ސީޒަން ފެށުމުގެ ކުރިން ދެކުނު އެފްރިކާއަށް ހަތަރުވަނަ ރާޅެއް އަރާނެ ކަމަށް ލަފާކޮށްފައެވެ.
އެފްރިކާގައި ޕެންޑެމިކްގެ ވޭދަނަތައް އެންމެ ގިނަ އަދަދަކަށް ހުރީ ދެކުނު އެފްރިކާގައެވެ. އެ ގައުމުގައި 2.95 މިލިއަނާ ގާތްކުރާ އަދަދަކަށް މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 89،657 މީހުން ވަނީ މަރުވެފައެވެ.
މިދިޔަ އަހަރު ވެސް އެފްރިކާއިން ކޮވިޑް-19 އައު ވޭރިއަންޓެއް ފެނިފައިވާކަން ފާހަގަކޮށްލެވެއެވެ.
ދެކުނު އެފްރިކާގައި ގާތްގަނޑަކަށް 41 ޕަސެންޓް ބޮޑެތި މީހުންނަށް މަދުވެގެން ވެކްސިންގެ އެއް ޑޯޒްދީފައިވާ އިރު 35 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވެއެވެ.