ބަނގްލަދޭޝްގެ އިދިކޮޅު ލީޑަރަށް ބޭސްފަރުވާގެ ފުރުސަތު ނުދީފި ނަމަ ފުރާނައަށް ނުރައްކާ ވެދާނެ!
އާލާސްކަންފުޅާ އުޅުއްވާ ބަނގްލަދޭޝް އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާއަށް ސިއްހީ ފަރުވާއަށް ގައުމުން ބޭރަށް ދަތުރުކުރުމުގެ ހުއްދަ ނުދީފި ނަމަ އެކަމަނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ޑޮކްޓަރުން ހާމަކުރައްވައިފިއެވެ.
ބަނގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ލީޑަރު އަދި މިހާރުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ސަރުކާރާ އިދިކޮޅު ލީޑަރު، އުމުރުފުޅުން 76 އަހަރުގެ ޒިއާއަށް ވަނީ ލިވާގެ ސިރޯސިސް ޖެހިފައެވެ. އެކަމަނާގެ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ފާއިތުވެދިޔަ ދެ ހަފްތާގެ ތެރޭގައި އެކަމަނާގެ ލޭ ހޮޅި ދެ ފަހަރަށް ފަޅައިގެން ގޮސް ހަށިގަނޑަށް ލޭ އޮހޮރިފައި ވެއެވެ
"އަހަރެމެންގެ އަތުގައި ވަސީލަތްތަކާއި ސަޕޯޓިވް ޓެކްނޮލޮޖީއެއް ނެތް. މިތަން ކޮންޓްރޯލްކޮށް އަލުން ލޭ އޮހޮރުވުން ހުއްޓުވަން،" އެކަމަނާގެ ޗީފް ޑޮކްޓަރު ފަޚްރުއްދީން މުހަންމަދު ސިދްކީ އާދީއްތަ ދުވަހު އެކަމަނާގެ ގޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ޑޮކްޓަރު ފަޚްރުއްދީން ވިދާޅުވީ، ތިންވަނަ ފަހަރަށް ލޭ ހޮޅިއެއް ފަޅައިގެން ގޮސްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.
"ޒިއާގެ ފުރާނަ ސަލާމަތް ކުރަން ބޭނުން ނަމަ ޓިޕްސް ހަދަން ޖެހޭ،" މެޑިކަލް ޕްރޮސީޖާއެއް ކަމަށްވާ ޓްރާންސްޖަކިއުލާ އިންޓްރާހެޕެޓިކް ޕޯޓޯސިސްޓިކް ޝޭންޓްއަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ. އެ ޕްރޮސީޖާ އެ ޤައުމުގެ ހޮސްޕިޓަލުތަކުން ނުހެދޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މިމަހުގެ 13ވަނަ ދުވަހުން ފެށިގެން ޒިއާ އޮތީ ޑާކާގެ ހޮސްޕިޓަލެއްގެ ކްރިޓިކަލް ކެއާ ޔުނިޓްގައެވެ. އޭނާ ވަނީ މީގެ ތިން މަސް ކުރިން ކޮވިޑް-19އަށް ފައްސވިފައެވެ.
2018ވަނަ އަހަރު ކޮރަޕްޝަނުގެ ތުހުމަތުގައި ޖަލަށްލުމަށް ފަހު އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ލީޑަރު ގައުމުން ބޭރަށް ފުރުން ކޯޓަކުން ވަނީ މަނާކޮށްފައެވެ. އެކަމަނާގެ ހާލަތު އިތުރަށް ގޯސްވަމުން އަންނަ އިރު، ބީއެންޕީގެ އެކްޓިވިސްޓުންނާއި ސަޕޯޓަރުން ވަނީ އެކަމަނާއަށް ފަރުވާ ހޯދުމަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އެދި މުޒާހަރާކޮށްފައެވެ.
ޒިއާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައި ވަނީ 2001ވަނަ އަހަރުން ފެށިގެން 2006ވަނަ އަހަރާ ހަމައަށް އޭނާ ކުރި ވެރިކަމުގައި، ކޮރަޕްޝަން ހިންގި ކަމަށް ބުނެއެވެ. ބީއެންޕީއިން ބުނެފައި ވަނީ ޒިއާ ޖަލަށް ލައިފައި ވަނީ، ބޮޑު ވަޒީރު ހަސީނާ ސިޔާސީ މަޤްސަދެއް ހާސިލް ކުރެއްވުމަށް ކަމަށެވެ. އޭނާ ޖަލަށް ލައި ފައިވަނީ 2018 =ވަނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އެ ކަމަނާ މިނިވަންކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެކަމަނާގެ ހާލުކޮޅު ގޯސްވެގެންނެވެ. ޒިއާ ބެހެއްޓުމަށް އެޤައުމުގައި ޚާއްސަ ޖަލެއް ވަނީ ހަދައިފައެވެ. އަދި ޖަލުގައި ހުރި ހަމައެކަނި ގައިދީއަކީ ޒިއާއެވެ. އޭގެ ފަހުން އެކަމަނާއަށް ބަނގްލަދޭޝްއިން ބޭރަށް ފުރުން ވަނީ މަނާކޮށްފައެވެ.