ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހިދުމަތް ދިވެހި ރައްޔިތުން އިންތިހާއަށް ބޭނުންވާ ކަމަށާއި، ސިޔާސީ ވާދަވެރިންނާ ވާދަކުރާނީ ކޯޓަކުން ނޫންކަމުގައި މިސަރުކާރުގެ ފުރަތަމަ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދިވެހި ރައްޔިތުންނަށް އެ ރައްޔިތުން އެދޭ ވެރިއެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީނަށް އިންސާފުވެރި ޙުކުމެއް ލިބި އެމަނިކުފާނުގެ ޚިދުމަތް ދިވެހި ޤައުމަށް ލިބުމަކީ އެތައް ރައްޔިތެއްގެ އުންމީދު ކަމަށާއި ސިޔާސީ ވާދަ ކުރާނީ ވޯޓުން ކަމަށް އޭނާ ވިދާޅުވިއެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިއްވައިފައިވާ 5 އަހަރުގެ ޖަލު ޙުކުމުގެ ފަހުގެ މަރުހަލާގެ ޙުކުމް އިއްވުން މިއަދު ސުޕްރީމް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.
ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލައިފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނިކޮށް ބޭސްފަރުވާއަށްކަމަށް ވިދާޅުވެ ރާއްޖެއިން ބޭރަށް ވަޑައިގެންނެވިގޮތަށް އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.