ރިޕޯޓް

ސިޔާސީ ކުރިމަގު ކުރަހައިދިން ތާރީހީ ހުކުމް

  • ސުޕްރީމް ކޯޓުގެ ހުކުމާއިއެކު ދައުލަތަށް އޮތް ގޮންޖެހުން ބޮޑު
  • ރައީސް ޔާމީން މިނިވަންވުމަކީ ބަރުލަމާނީ މަޝްވަރާއަށް ހުޅުވިގެންދިޔަ ދޮރެއް
  • އެމްޑީޕީގެ އެތެރޭގެ ކޯޅުންތަކާއެކު އިދިކޮޅަށް ބޮޑު ފައިދާއެއް
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އިއްޔެއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 732 ދުވަހު ޖަލު ހުކުމެއްގައި ހުންނެވުމަށް ފަހު އެ ހުކުމުން ބަރީއަވެވަޑައިގެންނެވި ދުވަހެވެ. ތިން ފަނޑިޔާރުންގެ ބެންޗަކުން އިއްވި މި ހުކުމާ އެކު އެންމެ ބޮޑު އުފަލެއް ލިބުނީ ރައީސް ޔާމީންގެ ސަޕޯޓަރުންނަށެވެ. މީގެ ކުރިން ނުނިކުންނަ ރައްޔިތުން ވެސް އިއްޔެ އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޕީޕީއެމް އޮފީސް ކުރިމައްޗަށް ދިޔައެވެ. އެއްވެފައި ތިބި މީހުން ގިނަކަމުން އަދި ދެންނެވި ހޫނު މަރުހަބާއިން ރައީސް ޔާމީނަށް ވަރަށް ފުން އިހްސާސްތަކެއް ކުރެވިގެން ދިޔަތަން އެމަނިކުފާނުގެ މޫނުފުޅުމަތީން އެނގިގެން ދިޔައެވެ. އެމަނިކުފާނުގެ އިސްތިގުބާލުގައި ތިބި އެތައް ރައްޔިތުންނެއްގެ ލޮލުން ވެސް ދިޔައީ ކަރުނަ ފާއްދަމުންނެވެ. އެކަމަކު އަދިވެސް މައްސަލަ މުޅިން ނިމުނީއެއް ނޫނެވެ.

Ads by Sosun Fihaara

އިތުރު ދައުވާތަކެއް، ގޮންޖެހުން ބޮޑު

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމާ އެކު ހީކުރެވިފައި އޮތް ގޮތަށް ކޮރަޕްޝަންގެ އެހެން ހުރިހާ މައްސަލައެއް އެއްފަރާތުގައި ބޭއްވުމަށް ފަހު އެންމެ ބާރަށް ކުރިއަށް ގެންދިޔައީ ރައީސް ޔާމީންގެ ޝަރީއަތްތަކެވެ. ނުވަތަ އެ ތަހުގީގުތަކެވެ. ހަގީގަތުގައި ރައީސް ޔާމީނަށް އަދަބު ދިނުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދެކެވެ. އަނެއްކޮޅުން އެއީ ސިޔާސީ ގޮތުން ވެސް ރައީސް ޞާލިހަށް ލިބޭނެ ބޮޑު ކާމިޔާބީއެކެވެ. ބަދަލު ހިފުމުގެ ރޫހުގައި ތިބި ހުރިހާ ރައްޔިތުންގެ ތާއީދު ރައީސް ޞާލިހަށް ލިބޭނެ ކަމެކެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނާ ގުޅިގެން އެ މަނިކުފާނުގެ މައްޗަށް އެންމެ ފުރަތަމަ އުފުލި ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި 5 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު އޭގެ ފަހުން ވަނީ އިތުރު ތިން މައްސަލައެއްގައި ދައުވާ އުފުލައިފައެވެ. ފަހުން އުފުލި ދައުވާތަކަކީ ވެސް ކުރިން އުފުލި ދައުވާއާ ދާދި އެއްގޮތް ދައުވާތަކެކެވެ.

މިއީ ރައީސް ޔާމީނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަނަށް އޮތް އެންމެ ބޮޑު އުއްމީދަކީ ރައީސް ޔާމީނެވެ. މި އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު މިވަގުތަށް ފަހިވެފައި އޮތް ނަމަވެސް މި ފުރުސަތު ތަނަވަސްކަމުގައި ދެންނެވޭކަށް ނެތެވެ. އިންތިހާބާ ގާތްވެފައިވަނިކޮށް އުފުލައިފައިވާ އެއްވެސް ދައުވާއެއް ސާބިތުވެ ޖަލު ހުކުމެއް އައިސްފި ނަމަ ރިޔާސީ ކެނޑިޑޭޓުގެ ޝަރުތުތައް ގެއްލޭނެއެވެ. މީގެ ކުރިން ޝަރީއަތްތައް ކުރިއަށް ދިޔަ ގޮތަށް ބަލާ ނަމަ އިތުރު ހުކުމެއް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އަނެއްކޮޅުން މިއީ ދައުލަތަށް ވެސް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ދައުވާއަށް ތައްޔާރު ނުވެ އޮތްކަން ބަޔާންކޮށްފައެވެ. އެގޮތުން އެކަށީގެންވާ މިންވަރަކަށް ތަހުގީގު ކުރިއަށް ގެންދެވިފައި ނެތުމާއި، ހެކި ހޯދިފައި ނުވުންފަދަ އެތައް ކަމެއް ސުޕްރީމް ކޯޓުން ފާހަގަކުރިއެވެ. އަނެއްކޮޅުން ދައުލަތުން "ޑީލް" ހަދައި އަދަބު ލުއިކޮށްދިން ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކިބަހަށް އެކަނި ބުރަވެވެން ނެތްކަމަށް ހުކުމުގައި ބަޔާންކުރުމުން އެ ދެމީހުންގެ ވާހަކަތަކަށް އިތުރު ހެކި ހޯދަން ވެސް ދައުލަތުން މަސައްކަތް ކުރަން ޖެހޭނެއެވެ. "ދޯދިޔާ" ތަހުގީގެއް ހިންގައި ދައުވާ ކުރުމަށް އޮތް ޖާގަ ވަރަށް ބޮޑަށް ހަނިވެގެން ދިޔައީއެވެ.

ބަރުލަމާނީ މަޝްވަރާ

ރައީސް ޔާމީން މިނިވަންކުރުމުގެ ވާހަކަ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ދެކެވުނެވެ. އިދިކޮޅުން މިވާހަކަ އެންމެ ފަހުން ދެއްކީ ބަރުލަމާނީ ނިޒާމުގެ މަޝްވަރާތަކުގެ ވާހަކައާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ރާއްޖޭގައި ފަށައިގެން އުޅޭ ބަރުލަމާނީ ނިޒާމުގެ މަޝްވަރާތަކަށް އިދިކޮޅަށް މީގެ ކުރިން ވެސް ދައުވަތު ދިނެވެ. އަދި ރައީސް ޔާމީންގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އިދިކޮޅުން ކުރާ ޝަރުތަކީ އެއްވެސް މަޝްވަރާއަކަށް ދެވޭނީ ލީޑަރު މިނިވަންވުމުން އެ މަނިކުފާނާ އެކު ކަމަށެވެ.

ފޮޓޯ: އަވަސް

ކަން މިހެން ހިނގައިގެން ދިޔައިރު އިއްޔެ ކުރި ހުކުމާ އެކު ބަރުލަމާނީ މަޝްވަރާއަށް ވެސް މި ވަނީ އައު ދޮރެއް ހުޅުވިފައެވެ. ރައީސް ޔާމީންގެ ވިސްނުންފުޅު ހުންނެވި ގޮތެއް ސީދާ އެ މަނިކުފާނުގެ ފަރާތްޕުޅުން އެނގިފައި ނުވާއިރު މަޝްވަރާތަކަށް މަގުފަހިވެފައިވާކަމަށް ދެންނެވިދާނެއެވެ. ރައީސް ނަޝީދުގެ "ފޭކު" އެކައުންޓުކަމަށް ބުނެވޭ ޓްވިޓާ އެކައުންޓުން ވަނީ ބަރުލަމާނީ މަޝްވަރާތައް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ވިދާޅުވެފައެވެ.

އިދިކޮޅަށް އައު ރޫހެއް

މިވޭތުވެދިޔަ ތަނުގައި އިދިކޮޅު ސަޕޯޓަރުންގެ ރޫހު އޮތީ މަރުވެފައެވެ. ރައީސް ޔާމީން ޖަލުގައި ހުންނެވުމުން ލިބުނު މާޔޫސްކަމާ އެކު ގިނަ ރައްޔިތުންތަކެއް މުޒާހަރާއަށް ވެސް ނުނިކުތެވެ. އަނެއްކޮޅުން ކޮވިޑުގެ ހާލަތާ އެކު މޮޅިވެރިކަން ލިބުނު ސަޕޯޓަރުން ވެސް ގިނައެވެ. އެހެން ނަމަވެސް އިއްޔެ ފެނިގެންދިޔައީ އުއްމީދީ މަންޒަރެކެވެ. އިދިކޮޅުގެ ހަރަކާތްތައް އަނެއްކާ ވެސް އައު ރޫހަކާ އެކު މެކުހަށް ޖަހާނެކަމުގެ އިޝާރާތެކެވެ. ރައްޔިތުން ވެސް ތިބީ އެ ރޫހުގައެވެ.

ފޮޓޯ: އަދަދު

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އެންމެ ބޮޑަށް އިހުމާލުވަމުންދާ ހިޔާ މަޝްރޫއުގެ ފްލެޓުތަކުގައި ދިރިއުޅޭ 7،000 އެއްހައި އާއިލާއަށް ވެސް ރައީސް ޔާމީންގެ ވާގި ބޭނުންވާނެއެވެ. އެމަނިކުފާނު ބިނާކުރެއްވި އެ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން އިއްޔެ ބޮނޑިބަތް ކައްކައި ބޮޑެތި ޖާފަތްތައް ވެސް ބޭއްވިއެވެ. ސޯޝަލް މީޑިއާގައި ނެގި ޕޯލެއްގައި ރައީސް ޔާމީން އެންމެ ފުރަތަމަ ޒިޔާރާތް ކުރައްވަންވީ ހިޔާއަށް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އަތޮޅު ތެރޭގައި ވެސް އިދިކޮޅުގެ ހަރަކާތްތައް އިތުރަށް ހަލުވިވެދާނެ ކަމުގެ އުއްމީދު އެބައޮތެވެ. ކޮވިޑުގެ ހާލަތު ވެސް ވަރަށް ބޮޑަށް ރަނގަޅުވެފައިވާއިރު އަތޮޅުތެރޭގެ ދަތުރުތައް އިތުރުވުން އެކަށީގެންވެއެވެ. އިދިކޮޅު ސަޕޯޓަރުން އެންމެ ބޮޑަށް އިންތިޒާރު ކުރަނީ އަބަދުވެސް ރައީސް ޔާމީންގެ ވާހަކަފުޅަކަށެވެ. އެމަނިކުފާނު ދެއްވާ ކޮންމެ ސްޕީޗަކީ ވެސް މުހިންމު އެތައް ވާހަކަތަކެއް ކިޔައިދޭ، އިބުރަތްތެރި ފިލާވަޅުތަކެއް ނަގައިދޭ ވާހަކަފުޅުތަކެއްކަމަށް ސަޕޯޓަރުން ދެކެއެވެ. މިހާރު ވެސް ކުރަނީ މި އިންތިޒާރެވެ.

ރައީސް ޞާލިހަށް ބޮޑު ޕްރެޝަރެއް

ރައީސް ޔާމީން މިނިވަންވުމާ އެކު އެންމެ ބޮޑު ޕްރެޝަރެއް އަންނާނެ އެއް ފަރާތަކީ ރައީސް ޞާލިހެވެ. ރައީސް ޞާލިހުގެ ވެރިކަމާ މެދު އެތައް ރައްޔިތުންނެއް މާޔޫސްވެފައި ތިބި މިދަނޑިވަޅުގައި ރައީސް ޔާމީނާ އެކު އިދިކޮޅުގެ ހަރަކާތްތައް މެކުހަށް ޖެހުމާ އެކު ރައީސް ޞާލިހަށް އޮތް ތާއީދު ކުޑަވެދާނެކަމުގެ ބިރު އެބަ އޮތެވެ. ހަގީގަތަށް ދަންނަވާ ނަމަ ރައީސް ޔާމީނާ އަޅައި ކިޔާފައި ރައީސް ޞާލިހަށް ބޮޑު ތާއީދެއް އޮތްކަމަކަށް ނުދެންނެވޭނެއެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ނަޝީދާއި، ރައީސް މައުމޫނާއި ގާސިމް އިބްރާހިމް ފަދަ ބޭބޭފުޅުންގެ އެހީތެރިކަމާ އެކު އެ ލީޑަރުންނަށް އޮތް ތާއީދެއްގެ ސަބަބުންނެވެ. އަދިވެސް ކަން އޮތީ މިހެންކަމަށް މަޝްރަޙް ދައްކައެވެ.

ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ލަސްކަމާއި، ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވަމުން އަންނައިރު މިއީ ވެސް ރައީސް ޔާމީން މިނިވަން ވުމާ އެކު ރައީސް ޞާލިހަށް އަންނާނެ ޕްރެޝަރެކެވެ. ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކުގައި ބުރަދަން ހުންނާނެއެވެ. މިހެންވުމުން ސަޕޯޓަރުންނަށް އިތުރު ޖޯޝާ ފޯރިއެއް ވެސް ގެނުވާނެއެވެ. ރައީސް ޞާލިހަށް ކުރިއަށް މިއޮތް ދެއަހަރަކީ ބުރަ ބޮޑު އަހަރަކަށް ވާނެއެވެ.

އެމްޑީޕީއަށް ލިބޭނެ ޑެމޭޖް ބޮޑު

އެމްޑީޕީގެ ތެރޭގައި މިހާރު ވެސް ރިޔާސީ ޓިކެޓުގެ ކޯޅުން އެބަ އޮތެވެ. އެއްބަޔަކު ބުނަނީ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ނަމަ ޕްރައިމަރީއަކާ ނުލައި ރައީސް ޞާލިހަށް ރިޔާސީ ޓިކެޓު ލިބެންޖެހޭނެ ކަމަށެވެ. މިކަމުގެ ޝައުގުވެރިކަން ރައީސް ޞާލިހުގެ އޮތް ކަމަށް ވެސް ބެލެވެއެވެ. އަނެއްކޮޅުން ރައީސް ނަޝީދު ވެސް ހުންނެވީ ރިޔާސީ ޓިކެޓުގެ އިންތިޒާރުގައެވެ. 2018ވަނަ އަހަރަކީ ހަގީގަތުގައި ރައީސް ނަޝީދުގެ އަހަރެކެވެ. އެހެން ނަމަވެސް އޭރު ހާލަތު އޮތް ގޮތުން ރައީސް ޞާލިހަށް ޓިކެޓު ދެއްވަން މަޖުބޫރު ވީއެވެ.

ރައީސް ޞާލިޙް އަދި ރައީސް ނަޝީދު

ކޮންމެއަކަސް މި ކޯޅުމުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބޭނީ އިދިކޮޅަށެވެ. ނުވަތަ ރައީސް ޔާމީނަށެވެ. އެމްޑީޕީގެ ބައިބައިވުމާ އެކު އިދިކޮޅަށް ބުރަވާނެ ރައްޔިތުން ވެސް އެމްޑީޕީގައި ތިބޭނެއެވެ. ރައީސް ޔާމީންގެ ފަސް އަހަރާއި ރައީސް ޞާލިހުގެ ފަސް އަހަރު އަޅާ ކިޔަމުން އިދިކޮޅަށް ބުރަވާނެ ރައްޔިތުން ވެސް ތިބޭނެއެވެ. ރައީސް ޔާމީން މިނިވަންވުމާ އެކު އެމްޑީޕީއަށް ޑެމޭޖުތަކެއް ލިބޭނެއެވެ. ބޮޑު ކުޑަމިން ކަނޑައެޅޭނީ ސިޔާސީ ކަންކަން އެޕާޓީގެ ތެރޭގައި ރޭވިގެންދާ ގޮތަކުންނެވެ.

 

ކޮންމެއަކަސް ރިޔާސީ އިންތިހާބު ބާއްވަން ދެ އަހަރަށްވެފައި ވަނިކޮށް ރައީސް ޔާމީންގެ މައްޗަށް ދައުވާތަކެއް އުފުލައި، އިންތިހާބު ކައިރިވުމުން ހުކުމަކާ ހަމައަށް ވާސިލުވެއްޖެ ނަމަ އެކަން ދެން ސިފަވެގެން ދާނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައެވެ. މިއީ ވެސް ސަރުކާރަށް ޑެމޭޖުތަކެއް ލިބޭނެ ކަމެކެވެ. ރާއްޖޭގެ ތާރީހުގައި ރައްޔިތުން އެންމެ ނުރުހޭ އެއް ކަމަކަށް ވެފައި ވަނީ އަނިޔާވެރިކަމާއި ބޭއިންސާފެވެ. ރައީސް ޔާމީނާ މެދު ވިޔަސް އެ އުސޫލުން ކަން ކުރާ ނަމަ އެމްޑީޕީއަށް ވެސް ތާއީދު ގެއްލޭނެއެވެ.

އިއްޔެ ރާއްޖޭގެ އެންމެ މަތީ ކޯޓުން ކުރި ހުކުމާ އެކު 2023އަށް މަގު ކޮށިގެން ދިޔައީއެވެ. މުޅި ރާއްޖޭގެ ސިޔާސީ ކުރިމަގު ކުރަހައިދިނީއެވެ. ސިޔާސީ ލީޑަރުންގެ ސިޔާސީ ރޭވުންތައް ވެސް ބަދަލުކުރަން ޖެހުނީއެވެ. ސަރުކާރަށް އޮތް ޕްރެޝަރު ބޮޑުވެ އިދިކޮޅަށް އޮތް އުއްމީދު ވެސް އިތުރުވީއެވެ.

Ads by Allied Insurance
  1. ށަވިޔަނި

    ވަރަށް ރަނގަޅު ލިއުމެއް ތީހަމަޙަޤީޤަތް

  2. ޔުމްނާ

    ތީ ތެދެއް ވަރަށް ރަނގަޅު ލިއުމެއް