އިސްލާމް ދީނާ ޚިލާފު ކަންކަން ހުއްޓުވުމަށް ހަދައިފައިވާ ކޮމިޓީއާ ބައްދަލު ކުރަން ދީނީ އިލްމުވެރިން އެދިވަޑައިގެންފި
އިސްލާމް ދީނާ ޚިލާފު ކަންކަން ކުރާ ފަރާތްތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި ހާއްސަ ކޮމިޓީއާ ބައްދަކު ކުރުމަށް ޢިލްމުވެރިންގެ ގުޅުމުން އެދިވަޑައިގެންފިޔައެވެ.
ރައީސް ޞާލިޙަށް އިލްމުވެރިންގެ ގުޅުމުން ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އިސްލާމްދީނުގެ ޤަދަރާއި ހައިބަތަށް އުނިކަން އަންނަ ގޮތަށް އަދި ދީނުގެ ނަމުގައި މީހުންގެ މުދަލާއި، ފުރާނައަށް ގެއްލުން ލިބޭގޮތަށް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކުގައި މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން ޢިލްމުވެރިންގެ ގުޅުމުން ވިދާޅުވީ ދުރު މުސްތަޤްބަލެއްގައި މިފަދަ ކަންކަމަށް ޙައްލު ހޯދުމުގައި ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާކޮށްގެން އެޅޭނެ ފިޔަވަޅުތަކާ މެދު ގޮތްތަކެއް ނިންމެވުމަށް ޓަކައި، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން 22 ޖަނަވަރީ 2019ވަނައަށް ވީ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އެކުލަވައިލައްވާފައިވާ ޚާއްޞަ ކޮމިޓީއާ ބައްދަލު ކުރެއްވުމަށް ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ފަރާތުން ބޭނުންވާ ކަމަށެވެ.
އިލްމުވެރިންގެ ގުޅުމުން ވަނީ އަވަސް ފުރުޞަތެއްގައި އެ ފަދަ ބައްދަލުވުމެއް އިންތިޒާމު ކޮށްދެއްވުން އެދި ރައީސްއަށް ދަންނަވައިފައެވެ.