އަދުލުވެރި ޝަރީއަތެއް ކޮށްފިނަމަ އަޅުގަނޑުގެ ގައިގައި އަތް ލެވޭނެ ޖާގައެއް ނޯންނާނެ: ރައީސް ޔާމީން

ކުރީގެ ރައީސް ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާ މެދު ކުރިއަށް ބަލަން ހުރި މައްސަލަތަކުގައި ވެސް، އަދުލުވެރިކަމާ އެކު ޝަރީއަތެއް ކޮށްފިނަމަ އެ މަނިކުފާނުގެ ހަށިކޮޅުގައި އަތް ލެވޭނެ ޖާގައެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
މަނީ ލޯންޑްރިންގެ ކުށް ކުރި ކަމަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލާން ކުރި ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބާތިލު ކުރައްވައި އެމަނިކުފާނު މިނިވަން ކޮށްފައެވެ.
ރައީސް ޔާމީން މިނިވަންވީ ފަހުން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އަނެއް "ބަންދު ހުރަސް" އަންނަންދެން ވެސް ރައްޔިތުންނާ އެކު ހުންނަވާނެ ކަމަށާއި ނަމަވެސް އިންސާފުވެރި ޝަރީއަތެއް ހިންގައިފި ނަމަ ދެން އެމަނިކުފާނު ބަންދަށް ނުގެންދެވޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަނެއް ބަންދު ހުރަސް އަންނަންދެން އަޅުގަނޑު ހަމަ ތިޔަ ބޭފުޅުންނާ އެކީ ހަރަކާތްތެރި ވާނަން. އެކަމަކު މިރޭ ވެސް ﷲގެ ރަޙްމަތާ އެކީ އަޅުގަނޑު ދަންނަވާނީ ދައުލަތުގެ ފައިސާއަށް ވައްކަން ކޮށްގެނެއް، ދައުލަތުގެ ފައިސާގައި ޖެހިގެނެއް ޙައްޤު ޝަރީއަތެއް ކޮށްފިކަމަށްވަންޏާ، އަދުލުވެރިކަމާ އެކީ ކަމެއް ބަލައިފި ކަމަށް ވަންޏާ އަޅުގަނޑުގެ ގަޔަކު އަތްލެވޭނެ ޖާގައެއް ނޯންނާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާއިން އެމަނިކުފާނު އިއްޔެ ސަލާމަތްވެ ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް އުފުލައިފައިވާ މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް އަދިވެސް އެބައޮތެވެ. އެއީ ރ. ފުއްގިރިއާއި ވ. އާރަށު މައްސަލައިގައި އުފުލައިފައިވާ ދެ ދައުވާއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންނާއި ޕީޖީން އެދިގެން، ރައީސް ޔާމީން ފުރުން މަނާކޮށް 7 ދުވަސް ވަންދެން އެމަނިކުފާނުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.