ޚަބަރު ސިޔާސީ

2 އަހަރަށް ފަހު ރައީސް ޔާމީންގެ ވާހަކަފުޅުގައި އަދުލުގެ ވާހަކަ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ދެ އަހަރެއްހައި ދުވަހު ޖަލު ހުކުމެއްގައި ހުންނެވުމަށް ފަހު މިދިޔަ ނޮވެމްބަރު މަހުގެ ތިރީސް ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު މިވަނީ މިނިވަންވެވަޑައިގެންފައެވެ. މިއާ އެކު ގިނަ ބަޔަކު އެންމެ ބޮޑު އިންތިޒާރެއް ކުރަމުން ދިޔައީ އެމަނިކުފާނުގެ ވާހަކަފުޅަކަށެވެ. ރައީސް ޔާމީނަކީ ކުރީއްސުރެ ވެސް ޕޯޑިއަމްތަކަށް ފަރިތަ "ވައިގައި ހިފާ"ވާހަކަ ދައްކަވާ ބޭފުޅެކެވެ. އިދިކޮޅާއި އެއްކޮޅަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅު މުހިންމުވެއެވެ.

Ads by Hajj Corporation

ބުދަ ދުވަހުގެ ރޭ ރައީސް ޔާމީން މިވަނީ ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަވައިފައެވެ. އެމަނިކުފާނުގެ ފުރަތަމަ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވައިލެއްވީ ޖަލު ހުކުމުގައި ހުންނެވި މުއްދަތުގައި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވައިލި ރައްޔިތުންނަށް ޝުކުރު އަދާކުރުމަށެވެ. ޝުކުރަށް ފަހު ރައީސް ޔާމީންގެ ވާހަކަފުޅު އަމާޒުވީ އަދުލުގެ ނިޒާމަށެވެ.

އަދުލުގެ ނިޒާމުގައި އިންސާފު ކަށަވަރު ކުރުން

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ތިން ފަނޑިޔާރެއްގެ އަޑުކަމަށް ބެލެވޭ އޯޑިއޯ ކްލިޕެއް މިދިޔަ މުއްދަތުގެ ތެރޭގައި ވަނީ ލީކުވެފައެވެ. މިއޯޑިއޯއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ހުކުމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އޮތެވެ. އޯޑިއޯ ތަހުގީގު ކުރުމަށް ފުލުހުން މަސައްކަތްތަކެއް ފެށި ނަމަވެސް އެކަން ވަކި ކޮޅެއްގައި ނުޖެހެއެވެ. ޖުޑިޝަލް ސާވިސަސް ކޮމިޝަނަށް ވެސް ގަބޫލު ކުރެވުނީ އަޑު ދިމާ ވަނީ އެންމެ ފަނޑިޔާރެއްގެ ކަމަށެވެ.

"މިހާ ހިސާބުން އަޅުގަނޑުމެންގެ ހިޔާލަށް އަންނަން ޖެހެނީ އަޅުގަނޑުމެން މިގައުމުގައި ކޮން ކަމެއްހޭ ބަދަލު ކުރަންވީ. އަޅުގަނޑު މިއުޅެނީ އެއްގޮތަކަށް ވެސް ސިޔާސީ ނޫނިއްޔާ ތަގުރީރު ކުރާ އުސޫލުން ކަމެއް ދަންނަވާކަށް ނޫން" އަދުލުގެ ނިޒާމުގެ ވާހަކަ ރައީސް ޔާމީން ފެއްޓެވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ހިތަށް އުދާސްކުރާ އެންމެ ބޮޑު ކަމަކީ އަދުލުގެ ދާއިރާ އަދުލުވެރިކަމާ އެކު ބޭއްވޭނީ ކިހާ ހިސާބަކުން ހެއްޔޭ ކުރެވޭ ސުވާލުކަމަށެވެ. ރައްޔިތުންގެ ކަންކަމާ ހަވާލުވެ ތިއްބެވި އިސް ބޭފުޅުން އެމީހުންގެ ހުވަޔާއި އެމީހުންނަށް މަތިކޮށްފައިވާ އަމާނާތަށް ތެދުވެރިކަމާ އެކު އަދާކޮށް، މާތް ﷲގެ ހަޟުރަތަށް ދިޔުމުން ކުރި ކަންކަން ދިފާއު ކުރެވޭނެކަމަށް ބުނަން ކެރޭނީ ކިތައް މީހުންނަށްތޯ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.

ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ އަދުލުގެ ނިޒާމުގައި ތިއްބެވި ބޭފުޅުން އަދުލުވެރި ވަނީ ކިހާ މިންވަރަކަށްތޯ ހަމަ ކޮންމެ ރައްޔިތަކު ވެސް މިއަދު ސުވާލު އުފައްދާނެ ކަމަށެވެ.

"ސިޔާސީ މީހެއްގެ ފަރާތުން ކަމެއް ހިނގައިފިކަމަށްވަންޏާ އިދިކޮޅު ކަމެއް ހިނގައިފިކަމަށް ވަންޏާ، ނޫނީ ރައްޔިތުންނަށް އުނދަގޫވާ ކަމެއް ހިނގައިފިކަމަށް ވަންޏާ، ތީރުތައް އަމާޒުވެގެން މެއާ ދިމާލަށް އަންނަނީ ހާހުން ދެހާހުން. އެކަމަކު ކޮބައިތޯއޭ އަދުލުގެ ދާއިރާގެ ތެރެއިން ކަންތައްތަކެއް ގޯސްވެގެން ދިޔައީމަ އެއަށް ވުރެ ބޮޑަށް ރަނގަޅުކުރަން ޖެހޭ ކަމެއް އެބައޮތްތޯއޭ" ރައީސް ޔާމީން ވިދާޅުވިއެވެ.

ލީކުވި ތިން ފަނޑިޔާރުންގެ އޯޑިއޯ

ބުދަ ދުވަހުގެ ރޭ ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވީ މައްސަލަތަކުގެ ވާހަކަ ދައްކަވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި އެހެން ނަމަވެސް ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި ތިން ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯ އެބަ އޮތްކަމަށެވެ. އެތަނުން އެއް ފަނޑިޔާރެއްގެ އޯޑިއޯ ސައްހަކަމަށް ނިންމައި އެ ފަނޑިޔާރު ސަސްޕެންޑު ކުރިއިރު މުޅި އޯޑިއޯގެ ތަހުގީގު ނުނިމޭތީ ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އެއް ފަނޑިޔާރެއްގެ އޯޑިއޯ ސައްހަކަމަށް ދެނެގަނެވުމުން އެމީހުންގެ ތެރޭގައި ކަންތައްތަކެއް ހިނގައިފިކަން ގަބޫލުކުރެވޭކަމަށް ވިދާޅުވިއެވެ. ގާނޫނީ ގޮތުން އެކަން އޮންނަ ގޮތަށް ފާޑު ވިދާޅުވާން ބޭނުންވެ ވަޑައިނުގަންނަވާކަމަށާއި އެހެން ނަމަވެސް ބުއްދީގެ ހަމަތަކުން ބަލާ ނަމަ އެއްވެސް ގޮތަކަށް މީހަކަށް އަދުލުވެރިކަމާ އެކު ހުކުމެއް ކުރާ ބެންޗުގައި ތިބޭ މީހުންގެ ތެރެއިން އެންމެ މީހެއްގެ ފަރާތުން ވެސް އަދުލުވެރިކަން ގެއްލިއްޖެކަމަށް ސާބިތުވެއްޖެ ނަމަވެސް އެ އުފެދުނީ ސުވާލުތަކެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ދެން މި އޯޑިއޯގެ ސައްހަކަމާއި ސައްހަ ނޫން ކަމާ މެދު އެއްޗެއް ބުނަނީއެއް ނޫން. އެކަމަކު މިއަދާ ހަމައަށް އައިއިރު ވެސް ކޮބައިހެއްޔޭ އޭގެ ސައްހަކަން ސައްހަ ނޫންކަން. އެއީ ގާނޫނީ ޝަރުއީ ނިޒާމުގެ ބަޔަކަށް ނުވަނީ ހެއްޔޭ؟" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނީ ނުވަތަ ޝަރުއީ ނިޒާމަށް ވަނީ ހަމައެކަނި ކޯޓު ރޫމެއްގެ ތެރޭގައި މީހެއްގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް ކުރުން ނޫން ކަމަށެވެ. ފަނޑިޔާރުންގެ ސުލޫކާއި، ފަނޑިޔާރުންގެ އަހުލާގީ މިންގަނޑުތަކުގެ އިތުރުން އަދުލުވެރިކަމާ އެކު ކަންކަން ކުރުމުގައި އެ އަދުލުން އެއްކިބާވާ ހިސާބުން އެ ކުރެވޭ ތުހުމަތަކުން ބަރީއަ ނުވެވޭކަމަށް ވާނަމަ ރައްޔިތުންގެ ހިތްތަކުގައި އެކަމާ މެދު ސުވާލު ކުރެވޭނެކަމަށާއި ޝައްކު ވެސް އޮންނާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އަދިވެސް ރާއްޖޭގައި އެންމެ ކޮރީ އަދުލުގެ ނިޒާމު ކަމަށެވެ. މިކަމުގެ ވާހަކަ ކެރިގެން ދައްކަވާނެކަމަށާއި އެވާހަކަތަކާ ގުޅިގެން އަނެއްކާ ވެސް ޖަލަށް ގެންދާ ނަމަ ގެންދަވަންވީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކަން މިހެން އޮތް ނަމަވެސް އަދުލުގެ ނިޒާމަކީ ހުރިހާ ނުފޫޒަކުން އެއްކިބާވެ އަދުލުވެރިކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭ މިންވަރަށް ކަށަވަރުކަން ލިބިގެން ނޫނީ ހިތްހަމަޖެހިގެން ނުތިބެވޭނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

މަހުޖަނުންގެ ނުފޫޒު އަދުލުގެ ނިޒާމަށް

ރައީސް ޔާމީންގެ ވާހަކަފުޅުގައި ދެން ސުވާލު އުފެއްދެވީ އަދުލުގެ ނިޒާމުގެ ތެރެއަށް ވަންނަ ނުފޫޒާ ގުޅޭގޮތުންނެވެ. އެގޮތުން އަދުލުގެ ނިޒާމުގެ ތެރެއަށް ހަމައެކަނި ވަންނަނީ ފައިސާގެ ނުފޫޒުތޯ އެމަނިކުފާނު އެއްސެވިއެވެ.

"އަބަދުވެސް އަންނަ ޝަކުވާއަކީ ރައީސްކަން ކުރާ މީހަކު ނޫނީ ވެރިކަމުގެ ފަރާތުން އަދުލުގެ ތެރެއަށް އަތްބާނާ ވާހަކަ. ގަބޫލުކުރަން އެއީ ކޮށްގެން ވާނެކަމެއް ނޫން. އެކަމަކު ވަރިހަމަތޯ ރާއްޖޭގައި ތިބި މުއްސަނދި މަހުޖަނުން އޭގެ ތެރެއަށް އަތް ބޭނިޔަސް" ރައީސް ޔާމީންގެ ސުވާލު އަމާޒުކުރެއްވިއެވެ.

އެމަނިކުފާނު ވަނީ ވެރިކަމުގެ ބާރުން ނޫން އެހެން ކޮންމެ މީހަކު އަދުލުގެ ނިޒާމަށް އަތް ބޭނިނަމަވެސް އެކަން ވަރިހަމަތޯ ވެސް ސުވާލު އުފައްދައިފައެވެ.

"ނޫން. މިއިން ކޮންމެ ކަމެއް އޯކޭއެއް ނޫން" ރައީސް ޔާމީން ވިދާޅުވިއެވެ.

އަދުލުގެ ނިޒާމަކީ ހަމަ ހަގީގަތުގައި ވެސް އަދުލުވެރިކަމާ އެކު އިންސާފު ދެމެހެއްޓުން ކަމަށާއި އެކަމަށް އައިސްފައި މިއޮތް ކޮރުކަން ފިލަންދެން އަދުލުގެ ނިޒާމާ ދޭތެރޭގައި މިއޮތް ތުހުމަތު އޮންނާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އޯޑިއޯ ސައްހަ ނޫންނަމަ ފަނޑިޔާރުންގެ ދިފާއުގައި ތެދުވޭ!

ރައީސް ޔާމީންގެ ވާހަކަފުޅުގައި ފަނޑިޔާރުންގެ އޯޑިއޯއާ ގުޅިގެން ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވިއެވެ. އެގޮތުން އަދުލުގެ ނިޒާމާ މެދު އޮތް ތުހުމަތުތައް ފިލުވައިލުމަށް ލީކުވި އޯޑިއޯއާ މެދު ތަންފީޒީ އިދާރާތަކުން އެއްޗެކޭ ބުނަންޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ފަނޑިޔާރުންނާ ގުޅިގެން މިހާރު އުފެދިފައިވާ ސުވާލުތަކަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ޖަވާބު ދެއްވާފައި ނުވާތީ ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން ވިދާޅުވީ ފަނޑިޔާރުންގެ ދިފާއުގައި އެޖަމިއްޔާއިން ވާހަކަ ދައްކަވަންޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ފަނޑިޔާރުންގެ ޖަމިއްޔާއިން އެބަ ޖަވާބު ދެއްވަންޖެހޭ. މީ ހަމަ ހަގީގަތުގައި ވެސް އެބޭފުޅުންގެ އަޑުފުޅު ނޫންކަމަށް ވަންޏާ އެބޭފުޅުން ދިފާއު ކޮށްދޭން އެބަޖެހޭ" ރައީސް ޔާމީން ވިދާޅުވިއެވެ.

އަނބިދަރިން ނުކައި ތިބެދާނެތީ ހައްގަށް އަރައިނުގަނެވޭނެ

ރައީސް ޔާމީންގެ ވާހަކަފުޅުގައި، ބައެއް ފަނޑިޔާރުން ނުފޫޒަށް ބޯލެނބުމުން އެކަން ކުރީ ވަޒީފާ ގެއްލިދާނެތީކަމަށް ބުނެ އެއްބަޔަކު ހަމްދަރުދީ ފާޅުކުރާކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އެފަދަ ކަމަކާ ގުޅިގެން ދުވަހަކު ވެސް ފަނޑިޔާރަކަށް ހަމްދަރުދީވެވަޑައިނުގަންނަވާނެ ކަމަށާއި ފަނޑިޔާރުންގެ މަސްއޫލިއްޔަތު އެއަށްވުރެ މާ ބޮޑުކަމަށް ވިދާޅުވިއެވެ.

އެގޮތުން ، މާތްﷲ ކޮންމެ މީހަކު ދުނިޔެއަށް ފޮނުއްވަނީ ވަކި ވަޒީފާއަކަށް ނޫންކަމަށާއި، އެހެންކަމުން އަނބިދަރިން ނުކައި ތިބެންޖެހިދާނެތީ ﷲ ދެއްވި އަމާނާތަށް ހިޔާނާތްތެރިވެ، އެތައް ބައެއްގެ ހައްގަށް އަރައިގަންނަން ޓިކެޓު ނުލިބޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ފަނޑިޔާރުންނަށް ހަމްދަރުދީ ވާ ފަރާތްތަކުން ދެ އަހަރު ތިން އަހަރު ޖަލުގައި ނުހައްގުން ގެންގުޅުމަށް ފަހު ދޫކޮށްލާ މީހާއަށް ހަމްދަރުދީ ނުވަނީ ކީއްވެތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

މިމޭރުމުން ވާހަކަ ނިންމަވާލައްވަމުން ވެސް ރައީސް ޔާމީން ވިދާޅުވީ އަދުލުގެ ނިޒާމު "ކްލެންސް" ކުރަންޖެހިފައިވާކަމަށެވެ. ހަމައެކަނި ވެރިކަމުގެ ބާރު ނޫން ކަމަށާއި ހުރިހާ ނުފޫޒަކުން ވެސް އަދުލުގެ ނިޒާމު ސަލާމަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ އިހުތިރާމާއެކީގައި ފަނޑިޔާރުންނަށް ދަންނަވާލަން ބޭނުން ވަނީ ތީ ހަމަ ރައްޔިތުންގެ ތެރެއިން ބައެކޭ. އަޅުގަނޑުމެން އެންމެންނަށްވުރެ މަތިވެރި އަމާނާތެއް ހަވާލުވެފައި ތިބި ބަޔަކީ ފަނޑިޔާރުންނޭ. އަދުލުވެރިކަން އިސްކުރައްވާށޭ. އިންސާފު އިސްކުރައްވާށޭ. ނުފޫޒުތަކުން އެއްކިބާވާށޭ. ކޮންމެ މީހަކަށް ވެސް ނޫނެކޭ ބުނަން ކެރެންވާނެ."

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!