ދީން

ވަޒީފާ ގެއްލި ގޮތް ހުސްވެފައިވީ ދިވެހި އުޚްތެއްގެ ޙަޔާތް ތަޙައްޖުދު ނަމާދުގެ ސަބަބުން އުޖާލާވި ގޮތުގެ ވާހަކަ!

ދެން އެމްވީ ، ދެން އޮންލައިން

މިއީ ދިވެހި އުޚްތަކަށް ދިމާވި ޙަޤީޤީ ހާދިސާއެކެވެ.

Ads by STELCO

އެ އުޚްތާ ވަނީ މީސްމީޑިއާގައި މިވާހަކަ ހިއްސާ ވެސް ކޮށްފައެވެ. މިއީ ނުހަނު އިބްރަތްތެރި ވާހަކައެއް ކަމުން، މިވާހަކަ މި ހިއްސާކޮށްލަނީ އޭނާގެ އިޒުނައާއެކުގައެވެ.

"އެއީ 2018 ވަނަ އަހަރެވެ. އަހަރެންގެ ވަޒީފާ ގެއްލުނެވެ. އާއިލާގައި އާމްދަނީއެއް ހޯދަން އެވަގުތު މަސައްކަތް ކުރާ މީހަކީ ހަމައެކަނި އަހަރެންކަމުން، ވަޒީފާ ގެއްލިފައި ހުރުންވީ ކުރިމަތިވި ވަރަށް ބޮޑު ދަތިކަމަކަށެވެ. އަހަރެން ހުރީ ހާސްކަން ބޮޑުވެ، ގޮތް ހުސްވެފައެވެ.

اللهގެ ޙަޟްރަތަށް ކުއްތަންވާންވީކަން އަހަންނަށް އަބަދުވެސް އެނގެއެވެ. ނަމަވެސް އެއަހަރު އަހަންނަށް ހުރެވުނީ ޝައިޠާނުގެ ބަހަށް ހެއްލި ހުސްވެފައެވެ. އަހަންނަށް އެ ނޫން ގޮތެއް ނެތޭ، އަހަންނަށް ވަނީ ހުރިހާ ގޮތެއް ހުސްވެފައޭ ހީވާވަރަށް އަހަންނަށް ހުރެވުނީ ޝައިޠާނާއަށް ގެއްލެވިފައެވެ.

އެއްރޭ އަހަރެން އެފްބީ ބަލަނިކޮށް "ތަޙައްޖުދު" (ދަމުނަމާދު)އާ ބެހޭގޮތުން ލިޔެފައި އޮތް ޕޯސްޓެއް ފެނުނެވެ. އެޕޯސްޓުގައި އޮތް އިބާރާތްކޮޅަކަށް ގެއްލިފައި އަހަންނަށް އިނދެވުނެވެ. އެއީ އަހަންނަށް ކުރިން ފެނިފައި ނުވާ އިބާރާތް ކޮޅެކެވެ. އޭގައި ލިޔެފައި ވަނީ ދިރިއުޅުމުގައި ތިމާ ވަރަށް ބޮޑަށް ކަމެއް ބޭނުންވާއިރު، އެކަމަކަށް ތަޙައްޖުދުގައި ނޭދޭ ނަމަ އޭގެ މާނައަކީ ހަގީގަތުގައި ތިމާ އެކަމެއް ބޭނުން ވެސް ނުވާ ކަމެވެ.
އަހަރެން ހިތާހިތުން ސުވާލު ކޮށްލީމެވެ. އެކަލާނގެ އަހަންނަށް މިފަދައިން ކަންކަން ހަނދުމަ ކޮށްދެއްވާއިރު، އަހަރެން އުންމީދު ކަނޑައިލަންވީ ކީއްވެ ހެއްޔެވެ؟ އެކަމަކަށް އަހަރެން އެކަލާނގެ ޙަޟްރަތުން ނުވެސް އެދޭއިރު، އަހަރެން އެކަން ނުވާނެކަމަށް ދެކި އުންމީދު ކަނޑާލަންވީ ކީއްވެ ހެއްޔެވެ؟

އަހަންނަށް މިކަންތައް އެނގުމަށް ފަހު އެންމެ ވަގުތުކޮޅެއް ވެސް ބޭކާރެއް ނުކުރަމެވެ. ތަޙައްޖުދު ނަމާދު ކުރަން ފެށީމެވެ. އެއްވެސް ކަމަކީ ހަމަ ވަގުތުން ވަގުތަށް ވާނެ ކަންކަމެއް ނޫންކަން އަހަންނަށް ވެސް އެނގެއެވެ. އެކަމެއް ވާނެ ކަމަށް ފުރިހަމައަށް ޤަބޫލުކޮށް ކެތްތެރި ވެސް ވާންވާނެއެވެ. އެހެންކަމުން އަހަރެން ކެތްތެރިވީމެވެ. އަދި ކަންކަމުގައި އަހަރެން ގެންގުޅުނު އުސޫލުތައް ވެސް ބަދަލު ކުރީމެވެ. ކަމެއް ނުވުމުން އެކަމާ ރުޅިއައިސް ކަންބޮޑުވުމުގެ ބަދަލުގައި، ހުރިހާ ކަމެއް ވެސް އެކަލާނގެ ޙަޟްރަތައް ދޫކޮށްލެވެއެވެ.

ޙަސްބިޔަﷲ. އޭގެ ހަ މަސް ފަހުން، 2019 ގައި އަހަންނަށް ދެ ތަނަކުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބުނެވެ. ވިސްނަން މާގިނަ ވަގުތެއް ހޭދަ ނުކޮށް އަހަރެން ދެވަނައަށް ލިބުނު ވަޒީފާއަށް ދާން ނިންމީމެވެ. އަލްޙަމްދުލިﷲ އަހަންނަކީ އަދިވެސް އެތަނުގެ ޓީޗަރަކީމެވެ."

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!