ޚަބަރު

ޕީޕީއެމްއިން ސަރުކާރާ ހަވާލުވާން ޖެހޭ ދުވަސް ޖެހިއްޖެ: ރައީސް ވަހީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށް، އެމްޑީޕީގެ ސަރުކާރުން މާ ބޮޑުކަމެއް ކޮށްދެވިފައި ނެތް ކަމަށާއި ރާއްޖޭގެ މިސްރާބު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީން އަބްދުލްޤައްޔޫމް ސަރުކާރާ ހަވާލުވާން ޖެހޭ ދުވަސް ޖެހިއްޖެކަމަށް ކުރީގެ ރައީސް، ޑރ.މުޙައްމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ. ވަހީދު މިހެން ވިދާޅުވީ، އިދިކޮޅުން މިރޭ ބޭއްވި "މަރުހަބާ ރައީސް ޔާމީން" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީންގެ ވެރިކަމަށް ތައުރީފް ކުރައްވަމުން ޑރ.ވަޙީދު ވިދާޅުވީ، ރައީސް ޔާމީނަކީ ދުރުވިސްނޭ ވެރިއެއް ކަމަށެވެ. އަދޮ ރައީސް ޔާމީންގެ ފަސް އަހަރުގައި ބިޔަ މަޝްރޫއުތައް ހިންގެވި ކަމަށް ވިދާޅުވަމުން ވިދާޅުވީ މިއަދު ފެންނަނީ މުޅިން އެހެން މަންޒަރެއް ކަމަށެވެ. މި ގޮތުން މިއަދު ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ ފަހަތު ފަޔަށް ބުރަވެ ދެމިލަދެމިލާ ތިބި މަންޒަރު ކަމަށް ޑރ.ވަހީދު ވިދާޅުވިއެވެ.

ޑރ. ވަޙީދު ވިދާޅުވީ، މިހާރުގެ ސަރުކާރުގެ ވެރިންގެ މިސްރާބެއް ނެތް ކަމަށާއި މިސްރާބަށް ދަތުރުކުރުމުގެ ގާބިލުކަން ވެސް ނެތް ކަމަށެވެ. އަދި ރައީސް ޔާމީނަކީ ކަންތައް ކުރައްވަން އެނގިލައްވާ ބޭފުޅެއް ކަމަށާއި މިހެންކަމުން ވެރިކަން، ޕީޕީއެމްއާ ހަވާލު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބޭ ތިބުމަށް އިޝާރާތް ކުރައްވައި ޑރ.ވަޙީދު ވިދާޅުވީ، ރާއްޖޭގެ ބިމާއި ކަނޑުތަކަށް ރާއްޖޭގެ ބާރު ކެނޑޭ އެއްވެސް ކަމެއް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ވިދާޅުވީ، ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތު، މި ސަރުކާރުން އެކަހެރިކޮށްފައިވާ ކަަމަށެވެ. އަދި ރާއްޖެ ހިމާޔަތް ކުރުމުގެ ނަމުގައި އެއްވެސް ގައުމެއްގެ ސިފައިން ބޭތިއްބުމަކީ، ގަބޫލް ކުރެވޭ ކަމެއް ނޫން ކަމަށް ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭނެ އެއްވެސް ގައުމެއްގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދާކަށް މިހާރަކު." ޑރ. ވަހީދު ވިދާޅުވީ ރާއްޖެއަކީ 180 ގައުމަކާ އެކީގައި ސިޔާސީ ގުޅުން އުފައްދާ އޮތް ގައުމެއް ކަމަށާއި ސަކޭތައެއްހައި ޤައުމުން ރާއްޖެއަށް ކޮންމެ އަހަރަކުން މިލިޔަނުން މީހުން ޒިޔާރަތް ކުރާ ކަމަށެވެ. މިހެންކަމުން ދިވެހިރާއްޖެއަށް އިތުރު ބައެއްގެ ހިމާޔަތް ބޭނުންނުވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!