އިންޑިއާ އަސްކަރިއްޔާއިން ޖެހޭނީ ރާއްޖެއިން ފައިބާން، މިއީ އިންޑިއާގެ ޓައުނެއް ނޫން: ރައީސް ޔާމީން

ދިވެހިރާއްޖެއަކީ އިންޑިއާގެ އަވަށެއް ނޫން ކަމަށާއި އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއިން ފައިބާން ޖެހޭނެ ކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
"މަރުޙަބާ ރައީސް ޔާމީން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިރޭ ވިދާޅުވީ، ރައީސްކަން ކުރައްވައިފައިވާ ބޭފުޅެއްގެ ހައިސިއްޔަތުންނާއި އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ވެސް ރާއްޖެއިން އިންޑިއާގެ އަސްކަރިއްޔާއިން ފައިބާން ގޮވައިލާ ކަމަށެވެ.
"އަޅުގަނޑުމެން އިންޑިއާގެ ރަޙްމަތްތެރި ރައްޔިތުންނަށް އިޙްތިރާމް ކުރަން. އެކަމަކު އަޅުގަނޑުމެންގެ އަމަން ބަލަހައްޓާކަށް މިތަނުގައި އިންޑިއާ ސިފައިން ތިބޭކަށް ނުޖެހޭ. އެއީ މި ސަރުކާރުގެ ޚިޔާނާތްތެރި ރޭވުން، އަނެއްކާ ވެސް އަޅުގަނޑު ޖަލަށް ގެންދަވާ، އެކަމަކު މިއަދު އަޅުގަނޑު ރަސްމީކޮށް މިދަންނަވަނީ އިންޑިއާގެ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބާން" ރައީސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެނެއް ބޭނުމެއް ނުވޭ، އިންޑިއާ އަސްކަރިއްޔާގެ އެންމެ މީހަކު ވެސް، އެންމެ ބޫޓު ޖޯޑެއް ވެސް އަޅުގަނޑުމެންގެ ފަސްގަނޑުގައި ހުންނާކަށް. މިއީ އިންޑިޔާގެ ޓައުނެއް ނޫން. ރައީސަކީ އިންޑިޔާގެ ގަވަރުނަރެއް ނޫން."
ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ރާއްޖޭގައި ވެރިކަން ކުރަންޖެހޭނީ މުސްތަޤިއްލުކޮށް ކަމަށާއި އެހެން ނޫން ނަމަ ވެރިކަމުން އިސްތިއުފާ ދެއްވުމަށް ރައީސް ޔާމީން ، ރައީސް ޞާލިޙަށް ގޮވައިލެއްވިއެވެ.
"އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުން އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ފޭބުމަށް ގޮވައިލައި ބޮޑު ކެންޕެއިނެއްދަނީ ކުރިޔަށް ގެންދަމުންނެވެ. ސަރުކާރުން ބުނަމުންދަނީ އިންޑިއާ އައުޓް ކެންޕެއިނުން ރާއްޖެއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. މިއީ ޖަލްސާއެއްގައި އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭލުމަށް ރައީސް ޔާމީން ގޮވައިލެއްވި ފުރަތަމަ ފަހަރެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް
ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި އަސްކަރިއްޔާއިން ޤައުމަށް ޚިދުމަތް ކުރުމުގައި ކުރަންޖެހޭ ކަމަކީ ސަރުކާރު ދިފާއުކުރުން ނޫން ކަމަށާއި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓުމަކީ އެ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި އެއީ ސިފައިން ކޮށްގެން ތިބި ހުވާ ކަމަށާއި ދިވެހިން މިނިވަންކަން ނުދެމެހެއްޓޭ ނަމަ ހުވާގެ ބޭނުމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
"ތި ބޭފުޅުންގެ ހުވަޔަކު ނޯންނާނެ ރައީސުލްޖުމްހޫރިއްޔާ މަގުން ކައްސާލައިގެންދާއިރު، ހިމާޔަތް ކުރާކަށް. އަދި ޚާއްސަކޮށް ޤާނޫނު އަސާސީގެ ލިޔެފައި އޮންނާނެ ޤާނޫނާ ޚިލާފު އަމުރު ތަންފީޒު ކުރަން ނުޖެހޭ ކަމަށް" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް ފޮނުވައި ނުލެވިގެން އުޅެނީ ރައީސް ޔާމީން ކަންތައް ކުރެއްވި ގޮތުން ކަމަށް ބުނާ ބުނުމަށް ވެސް ރައީސް ޔާމީން ވަނީ ރައްދު ދެއްވައިފައެވެ. މިގޮތުން ވިދާޅުވީ، އެކަން ކުރުމަށް ރައީސް ޔާމީންގެ ވެރިކަމުގައި މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެމަސައްކަތް ޑިފެންސާއި ޚާރިޖިއްޔާގައި ފެންނަން ހުންނާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ސަރުކާރުގައި ހެލިކޮޕްޓަރުތައް ފޮނުވައިނުލީ ކީއްވެގެންކަން. އަޅުގަނޑުގެ އަޚެއް ޝަމާލަކީ، އަޅުގަނޑަށް ބޮޑުބޭބެ ކިޔާ ކުއްޖެއް، އެހެންވީމަ އަޅުގަނޑު ކޮއްކޮއަކަށް ދޭ ނަސޭހަތެއް މިދެނީ. މި ސަރުކާރު ދިފާއުކުރަން މަސައްކަތް ކުރާތީ މި ދަންނަވަނީ. އެންމެ ފުރަތަމަ ތިއީ ދިވެހި ރައްޔިތެއް، ދިވެހި މަންމައެއް އަދި ދިވެހި ބައްޕައެއްގެ ލޭ ހިނގާ ދަރިއެއް." ރައީސް ޔާމީންގެ ވެރިކަމުގައި ހެލިކޮޕްޓަރު ފޮނުވައިލާން މަސައްކަތް ނުކުރައްވާ ކަމަށް މޭޖަރ ޖެނެރަލް ޝަމާލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.
ތެދުފުޅެއް މަވެސް ތާޢީދު އިންޑިއާ ސިފައިން އައުޓް
އިންޑިޔާ އައުޓް…އެންމެ ފުރުސަތެއް ވެސް ނުދޭތި ސާބަހޭ ރައީސް ޔާމިން
ރައީސްޔާމީނުގެ ވާހަކަފުޅު އަޑުއަހަން އިންވަގުތުކޮޅު ހިތަންއެރީ މީއިންސާނެއްގެ ސިކުނޑިހޭ! ނުވަތަ ކޮންޕިއުޓަރެންހޭ. އަލްޙަމްދުލިއްލާހި މަޢުލޫމާތުގެ މުއްސަނދިކަން.