ޚަބަރު

އަޅުގަނޑުމެންގެ ސަރުކާރުގައި ކޮންމެ ވާހަކައެއް ލިޔަން ނޫސްވެރިންނަށް ޖާގަ ދިނިން: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިވަންކަމާ އެކު، ކޮންމެ ވާހަކައެއް ލިޔަން ނޫސްވެރިންނަށް ފުރުސަތު ދެއްވި ކަމަށް، އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޖަލު ބަންދުން މިނިވަންވުމާ ގުޅިގެން އިދިކޮޅު ސަޕޯޓަރުން ރައީސް ޔާމީނަށް މަރުޙަބާ ދެންނެވުމަށް މިރޭ އަލިވަސް ކާނިވަލުގައި ބޭއްވި "މަރުޙަބާ ރައީސް ޔާމީން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ޙުކުމާ ގުޅޭ ގޮތުން ނޫސްތަކުގައި ރިޕޯޓްތައް ގެންނަވާ ގޮތަށް ފާޑު ވިދާޅުވެފައެވެ.

"މީހާގެ މައްސަލައިގެ ވަށައިގެން އުޅޭ ކަންކަން ނުބަލާ ކިހިނެތްތޯ މިމީހުން ހުކުމް އެ ކުރަނީ. މިހާރު ސްޕްރީމް ކޯޓުގެ ހުކުމަކުން އަޅުގަނޑު ސަލާމަތް ވީމަ، މިހާރު ނޫސްތަކުގެ ހުކުމް އެ ކުރައްވަނީ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް މިދިޔަ ބުދަ ދުވަހު ސްޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ. ސްޕްރީމް ކޯޓުން ބުނެފައި ވަނީ، ކުށް ކޮށްގެން ހޯދި ފައިސާއެއްކަން ޝައްކު ކުރެވުމުން ފުދޭ ކަމުގައި ހައިކޯޓުން ނިންމައިފައިވާ ނިންމުން ގާނޫނާ އެއްގޮތްކަމުގައި ނުދެކޭ ކަަމަށެވެ.

ނޫސްވެރިންނަށް ފޯރުވާ ނުފޫޒާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، ނޫސްވެރިން މިއަދު ތިއްބަވަނީ، ރާއްޖޭގައި ހުންނަ އިންޑިއާގެ އެންބަސީއިން ފޮނުވާ ލާރި ނަގައިގެން ކަމަށެވެ. އަދި މިއަދު ނޫސްތައް އޮތީ ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށާއި މިނިވަން ނޫސްވެރި ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ.

"މިސަރުކާރުގައި އޮންލައިން ނޫސްތައް އެކަނި މިނިވަންކަމާ އެކީ ލިޔަނީ، ހުރިހާ އެހެން ނޫސްތައް އެހެރީ ސަރުކާރުގެ ޖީބުގައި. މިތާންގައި ނެތް މިނިވަންކަމެއް. މިތާކު ނެތް ފްރީޑަމް އޮފް އެކްޕްރެޝަނެއް. މިތާންގައި ނެތް މިނިވަން ޖާނަލިޒަމެއް" ރައީސް ޔާމީން ވިދާޅުވިއެވެ.

18ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އަބުރު ބިލާ ގުޅިގެން، ނޫސްވެރިން އޭރު ކަންބޮޑުވުން ފާޅު ކުރިއެވެ. އެ ޤާނޫނުގެ ދަށުން ބައެއް މީޑިއާތައް ޖޫރިމަނާކުރިއިރު ރައީސް ޞާލިޙްގެ ވެރިކަން ފެށުމާ އެކު އެ ޤާނޫނު ވަނީ އުވައިލައިފައެވެ. ނަމަވެސް 19ވަނަ ރައްޔިތުންގެ މަޖިލީހުން މިހާރު ގެންދަނީ އެބިލްގެ މަސައްކަތް އަނެއްކާ ވެސް ކުރަމުންނެވެ،

ކާނިވަލުގައި އިދިކޮޅުން މިރޭ ބޭއްވި ޖަލްސާއަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެފައިވާއިރު، މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް މިރޭ ރައީސް ޔާމީން ގޮވައިލެއްވިއެވެ.

"އިންޑިއާއަކީ އަޅުގަނޑުމެންގެ އެންމެ އަވައްޓެރި ޤައުމު، އެހެން ނަމަވެސް އިންޑިއާއިން ޤަބޫލުކޮށްގެން ނުވާނެ ރާއްޖެއަކީ އިންޑިއާގެ ޓައުނެކޭ. މިއީ އިންޑިއާގެ ޓައުނެއް ނޫން. މިތާންގައި ރައީސަކަށް ހުންނަނީ އިންޑިއާގެ ގަވަރުނަރެއް ނޫނޭ. އެއީ އިނގިރޭސި އިސްތިއުމާރު ބާރުގައި ކަން ހިނގައިފައި އޮތް ގޮތް. މިއީ މިނިވަން މުސްތަޤިއްލު ޤައުމެއް" ރައީސް ޔާމީން ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!