އޮސްޓްރިއާއަށް ދަތުރުކުރުމުގައި ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމް އެޤައުމުގެ ސަރުކާރުން ހަމަޖައްސައި ދެއްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އޮސްޓްރިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ޝުކުރު އަދާކުރެއްވީ އޮސްޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސެލެންސީ ކެތެރީނާ ވީޒަރ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުމަށް ބޭއްވެވި ޖަލްސާގައެވެ.
މިއަދު މެންދުރުކުރި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށް ފަހު، އޮސްޓްރިއާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސްއާއި ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި ގުޅޭގޮތުންނާއި، ކޮވިޑް-19 ޙާލަތާ ގުޅޭގޮތުންނާއި، ތަޢުލީމީ ދާއިރާއިންނާއި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
އަދި ވިސާ ދިނުމުގައި ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގެ މިހާރުގެ ކޮވިޑް-19ގެ ޙާލަތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އަލުން އާރާސްތުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މަޢުލޫމާތު އޮސްޓްރިއާގެ ސަފީރާ ޙިއްޞާ ކުރައްވައިފައެވެ.
ތަޢުލީމީ ރޮނގުންނާއި މީހުން ބިނާކުރުމުގެ ރޮނގުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އޮސްޓްރިއާގެ އެކަޑަމިކް އިންސްޓިޓިއުޝަންތަކާ ގުޅިގެން މަތީ ތަޢުލީމުގެ ރަނގަޅު ފުރުޞަތުތައް ދިވެހި ދަރިވަރުންނަށް ހޯއްދަވައިދެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވައިފައެވެ.
މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން ޚާއްޞަ ގޮތެއްގައި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ސެޝަނުގެ ރައީސްކަމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުالله ޝާހިދު ހުންނެވުމާއި ނިމިދިޔަ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސް ކޮޕް-26 ފާހަގަކުރެއްވެވިއެވެ.
އަދި އޮސްޓްރިއާގެ ޚާރިޖީ ސިޔާސަތުގައި މަލްޓިލޭޓަރަލް އެއްބާރުލުމަށް އެޤައުމުން ވަރަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރައްވަމުން ސަފީރު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވަކާލާތުކުރުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މަރުޙަބާ ވިދާޅުވެފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސް ވަނީ އޮސްޓްރިއާ ސަރުކާރުން ދިވެހި ދަތުރުވެރިންނަށް ވިސާގެ ލުއިފަސޭހަކަން ހޯއްދަވައިދެއްވިކަމަށް ޓަކައި އޮސްޓްރިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ދަތުރުވެރިންނަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރު ޤައުމުތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ގޮތް ހަދަން ބޭނުންވާކަމުގައި ފާހަގަކުރައްވައިފައެވެ.
އޮސްޓުރޭލިޔާ، ސައުތު ކޮރެޔާ އަށް ތިވިސާ ފަސޭހަ ކުރުމަށްވުރެ ދިވެހިންގެ އެންމެ ބޮޑު އާބާދީ އެއް އޮތް އެއްގައުމު ކަމުގައިވާ ލަންކާގެ ވިސާ ފަސޭހަ ލުއި ގޮތެއް ހަމަ ޖެއްސުން މާރަނގަޅުވާނެ. ގިނަ ބައެއްގެ ލޯބި ސަރުކާރަށް ލިބޭނެ. ލަންކާގައި ހުންނަ އެމްބަސީ އިން އަވަށު އޮފީހަކުން ކުރާވަރުވެސް ނުވޭ.
ލަންކާ ވިސާއަށް ލުއިގޮތެއް ވޭތޯ ބެލިއްޔާ ކީއް؟