ދެ ދަރީންނަށް ދިމާވި ހަމުގެ ބައްޔާ އެކު ތުނިވި ހައްވާ އުލާގެ ހިތްދަތި ދިރިއުޅުން
މިއީ އުމުރުން އެންމެ 9 މަހުގެ ތުއްތު ޔޫނުސް ލަޔަކް ފަރަހް ވަހީދްގެ ވާހަކައެވެ. ލަޔަކްއަކީ ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ހަމުގެ ބައްޔެއް ކަމަށް ވާ ހާލެކްއަން އިކްތިއޯސިސް ތަހައްމަލް ކުރަމުން ދާ ކުއްޖެކެވެ. “ދެން“އަށް ދިން އިންޓަވިއުއެއްގައި ލަޔަކްގެ މަންމަ ވަނީ ލަޔަކްއާ ބެހޭ ގިނަ މަޢުލޫމާތު ތަކެއް ހިއްސާ ކޮށްފައެވެ.
ހާލެކުއަން އިކްތިއޯސިސްއަަކީ ކޮއްޗެއް؟
ހާލެކްއަން އިކްތިއޯސިސްއަކީ އަލަށް އުފަންވާ ކުދިންގެ ހަންގަނޑަށް ވަރަށް މަދުން ނޫނީ އަސަރު ކުރުވާ ހާލަތެކެވެ. މިއީ ހަންގަނޑުގެ ބެރިއަރ ފަންކްޝަން ދަށްވުމާއި ޑީހައިޑްރޭޝަންއަށް މަގުފަހިވާ އަދި އަލަށް އުފަންވާ ކުދިންނަށް އިންފެކްޝަންތަކުގެ ނުރައްކާ ކުރިމަތިވާ ކަމެކެވެ. ހަންގަނޑުގައި ބޮޑެތި، ޑައިމަންޑް/ޓްރައިޕްޒޮއިޑް/ދަނގަޑުގެ ބައްޓަން ހުންނަ ޕްލޭޓްތައް އުފެދިފައި ހުރެއެވެ. އަދި ފުން ފަށަލަތަކެއްގެ ސަބަބުން ވަކިކޮށްދޭ ޕްލޭޓްތަކެއްގެ ސިފައިގައި ފެނިގެންދެއެވެ. މި ބަލީގެ ސަބަބުން ތުއްތުތުއްތު ދަރިފުޅުގެ ގައިގައި ފަޅައިގެންދާ ފަދަ ތޮށިގަނޑަކުން ނިވާވެގެން ހުރެއެވެ. މޫނުގެ ސިފަތައް ބަދަލުކޮށް، ނޭވާލާން އުނދަގޫވެ، ކެއުމަށް ހުރަސް އެޅިދާނެއެވެ. އާންމު ގޮތެއްގައި އުފަންވާ އިރު ހާލެކްއަން އިކްތިއޯސިސް ދެނެގަނެވޭނީ ސިފައިގެ މައްޗަށް ބިނާކޮށެވެ. އަދި ޖެނެޓިކް ޓެސްޓުން ވެސް އެކަން ކަށަވަރު ކުރެވޭނެއެވެ. މި ޓެސްޓުތަކުން އެއީ އެހެން ވައްތަރެއްގެ އިކްތިއޯސިސްއެއްތޯ ވެސް ދެނެގަނެވިދާނެއެވެ. އެކަމަކު ޖެނެޓިކް ޓެސްޓިންއަކީ ބަލީގެ ނުރައްކާތެރިކަން ނުވަތަ ބަލީގެ ޕްރޮގްނޯސިސްއާ ބެހޭ އެއްވެސް މައުލޫމާތެއް ދޭ އެއްޗެއް ނޫނެވެ.
ލަޔަކްގެ މަންމަގެ ހިތްދަތި ދިރިއުޅުން
ޒަވާޖީ ހަޔާތެއް ފަށައި ދުވަސްތައް ގުނަމުން ދަނިކޮށް އެންމެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުން ވެގެން ދިޔައީ ހަޔާތަށް އިތުރު އުފާވެރިކަމެއް ގެނުވި ކަމަކަށެވެ. އެހެން ނަމަވެސް ބަލިވެ އިންތާ މާގިނަ ދުވަސްތަކެއް ނުވެ އެކި އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. ވަރަށް ގިނައިން އެކި ކަންތައްތައް ދިމާވެ ޑޮކްޓަރަށް ދައްކަން ޖެހުނެވެ. ދަރިފުޅު ވިހައިގެން ހެދި ޓެސްޓުތަކުން ހާލެކްއަން އިކްތިއޯސިސް ބަލި ޖެހިފައި ހުރިކަން އެނގުނެވެ. އާއިލާގެ ހިތްވަރާ އެކު ހަ މަހުގެ ދަރިފުޅަށް އިތުރު ފަރުވާއެއް ލިބޭތޯ 2011ވަނަ އަހަރު އިންޑިއާއަށް ދިޔައެވެ. ނަމަވެސް ޒަވާޖީ ޙަޔާތުގައި އަލިކޮށްލި ފުރަތަމަ ހުޅުކޮޅު، އިބްރާހީމް އައިކް ފަރަހް އުމުރުން އެންމެ 6 މަހުގައި ނިޔާވީ މުޅި އާއިލާއަށް މޮޅިވެރިކަން ދީފައެވެ.
ހަޔާތަށް އައި ކަޅު ދުވަސްތަކަށް ފަހު ވެސް އެ މަންމަ ހިތްވަރު އެލުވައެއް ނުލައެވެ. ދަރިންނަށް ޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާން ހުރީ ތައްޔާރަށެވެ.(މަންމައިން މާތް ކުރެއްވީ މި ފަދަ ކިތައް ސަބަބަކަށް ޓަކައި ހެއްޔެވެ؟)
"ފުރަތަމަ ދަރިފުޅު އައިކަށް ބަލިވެއިން ދުވަހުން ފެށިގެން ވަރަށް ގިނަ ކަންތައްތަކާ ކުރިމަތިލާން ޖެހުނު. ވަރަށް ގިނައިން ޑޮކްޓަރަށް ދެއްކިފައި ހުންނާނެ އެކި ކަންކަމުގައި. ހަރަކާތް މަދުވާހެން ހީވެގެން ގިނަ ފަހަރު ދެވިފައި ހުންނާނީ. އެކަމަކު ސްކޭން ކޮށްގެން ނޭނގޭ ކަމަށް ވަނީ. އައިކް ވިހައިގެން އިތުރު ފަރުވާއަށް އިންޑިއާއަށް ފުރައިގެން ދިޔައީ. އެތަނުގައި ފަރުވާ ދެނިކޮށް އައިކް ނިޔާވީ 6 މަހުގައި“
އެއަށް ފަހު ލިބުނު ދެވަނަ ދަރިފުޅަކީ އެހެން ކުދިންނެކޭ ވެސް އެއްފަދައިން ރަނގަޅު ސިއްހަތެއްގެ ”ނޯމަލް“ ކުއްޖެކެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އެ އާއިލާއަށް ލިބުނީ އަދި މާ އުފާވެރި ޚަބަރެކެވެ. އާއިލާއަށް މެމްބަރަކު އިތުރު ވަނީއެވެ. ކޮންމެ ގޮތަކަށް ކަންތައްތައް ދިމާވި ނަމަވެސް ހިތްވަރާ އެކު ކުރިމަތިލާން އެ ދެމަފިރިން ތިބީ އަޒުމް ކަނޑައަޅައިގެންނެވެ. ތިންވަނަ ދަރިފުޅަށް ބަލިވެ އިނދެ އެ މަންމަ ގުނަމުން ދިޔައީ އަނެއްކާ ވެސް އުނދަގޫ ދުވަސްތަކެކެވެ. ފުރަތަމަ ދަރިފުޅަށް ބަލިވެއިން އިރު ދިމާވި ކަންތައްތައް އަނެއްކާ ވެސް ދިމާވާން ފެށިއެވެ. އެހެން ކަންތައްތައް ދިމާވި ނަމަވެސް އަޒުމަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ބަނޑަށް 37 ހަފްތާގައި އެމަޖެންސީ ސިޒޭރިއަންއަކަށް ދާން ޖެހުނެވެ. ތިންވަނަ ދަރިފުޅު ޔޫނުސް ލަޔަކް ފަރަހް ވަހީދަކީ ވެސް ހާލެކްއަން އިކްތިއޯސިސް ބަލި ޖެހިފައި ހުރި ކުއްޖެއްކަން އެނގުނީ ސިޒޭރިއަންއަށް ފަހު ދަރިފުޅު ފެނުމުންނެވެ. އެ ދެމަފިރިންގެ ޙަޔާތް ހުއްޓުނު ކަހަލައެވެ.
”ބަނޑު ބޮޑު ވީއްސުރެ ވަރަށް ގިނައިން ހޮސްޕިޓަލަށް ދަން ބޭބީގެ މޫވްމެންޓްސް މަދުވެގެން. އެމީހުން ބުނަނީ އޯކޭއޭ. ދެން ކޮވިޑް ތެރެ ވީމަ މާލެއަކަށް ވެސް ނުދެވުނު ޓެސްުތައް ހަދާކަށް. 2ވަނަ ބޭބީ ނޯމަލް ވީމަ އެ ވަރަކަށް ނުވިސްނަން. 37 ވީކްސްގައި އެމަޖެންސީވެގެން ސިޒޭރިއަން ހަދައިފައި ބޭބީ ނެގީ. ބޭބީ ނެގީމަ އެނގުނީ ހަމަ ފުރަތަމަ ލިބުނު ކަހަލަ ބޭބީއެއްކަން. ހަޒްބެންޑް ބުނީ ހަމަ އައިކް ކަހަލަ ބޭބީ އެކޭ. އޭރު ދެން އެންމެ ވިސްނުނީ ދެވަނަ ދަރި ޒައިކްއާ ދޭތެރޭ. ކީކޭބާއޭ ޒައިކް ބުނާނީ. އަލްހަމްދުލިالله ޒައިކް ވަރަށް އަންޑަސްޓޭންޑިން. ވަރަށް ކެއަރިން ލަޔަކްއަށް“
ލަޔަކްގެ މަންމަ ލަޔަކް ސިފަ ކުރީ ވަރަށް ހިތްވަރު ގަދަ ކުއްޖެއްގެ ގޮތުގައެވެ. އަބަދުވެސް ވަރަށް ”އެކްޓިވް“ކޮށް އުޅޭ ކުއްޖެއްގެ ގޮތުގައެވެ. އާއިލާގެ އެންމެންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދޭ ކުއްޖެއްގެ ގޮތުގައެވެ. ލަޔަކްގެ ހިދުމަތުގައި އެ މަންމައަށް 24 ގަޑިއިރު މަދެވެ. ލަޔަކްގެ ބައްޕަ މަސައްކަތް ކުރަނީ ރިސޯޓެއްގައި ކަމުން އެކަނިމާއެކަނި ދަރިފުޅު ބަލަން ޖެހުމުން އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އާއިލާގެ އެހީތެރިކަން ލިބެއެވެ. ލަޔަކްއަކީ ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކުއްޖަކަށް ވުމުން ބޮޑު ދަރިފުޅު ޒައިކް ގޮވައިގެން ބޭރަށް ނުދެވުމާ ޒައިކަށް ދޭން ޖެހޭ ސަމާލުކަން ނުދެވޭ ކަމަށް ހިތާމައާ އެކު އެ މަންމަ ކިޔައިދިނެވެ.
ލަޔަކްގެ އިތުރު ބައްޔެއް ހުންނަ ކަމަކަށް މިހައިތަނަށް ފާހަގަ ނުކުރެވުނު ނަމަވެސް ބަރުދަން އިތުރެއް ނުވެއެވެ. އުމުރުން 9މަސް ވީ އިރު ބަރުދަނުގައި ހުންނަނީ 4 ކިލޯއެވެ. ވިހައިގެން އައިޖީއެމްއެޗްގައި 17 ދުވަސްވީ އިރު ވެސް އެއްވެސް ޓެސްޓެއް ނުހެދޭ ކަމަށާއި ނާރު ނުފެންނާތީ ލޭ ވެސް ނުނެގޭ ކަމަށް ލަޔަކްގެ މަންމަ ކިޔައިދިނެވެ. އަދި މިހާރު ތައްޔާރުވަމުން ދަނީ އަންނަ އަހަރު ޖުލައި މަހު ލަޔަކް ގޮވައިގެން އިތުރު ފަރުވާއަށް ދިޔުމަށެވެ.
"9 މަސް ވެއްޖެ އެކަމަކު ނިއުބޯން ބޭބީއެއްހެން އޮންނަނީ. ބޭބީގެ ބައްޕަ ވޯކް ކުރަނީ ރިސޯޓުގައި ވީމަ ވަރަށް އުނދަގޫ ކަންތައްތައް ވެސް ހުރޭ. އެކަމަކު ފެމިލީ މީހުން ވަރަށް ސަޕޯޓިވް. ޒައިކް ގޮވައިގެން ބޭރަށް ތަންތަނަށް ވަރަށް ނުދެވޭ. އެހެންވެ ވަރަށް ދެރަވޭ. ލަޔަކްއަށް ދުވާލަކު 2 ފަހަރު ލޯންގް ބްލީޗް ބާތެއް ނަގަން ޖެހޭ އިންފެކްޝަންއިން ދުރު ކުރަން. ދެން ކްރީމް ހާކާފަ އަބަދު ސޮފްޓްކޮށް ހުރީމަ ބޭބީއަށް ފަސޭހަ ވަނީ. ވަރަށް ނުނިދޭނެ ބޭބީއަށް. މީހުން ވަރަށް ސްޕޯޓިވް ހަމަ ނެގެޓިމް ކޮމެންޓެއް ނުލިބޭ“
ރާއްޖޭގައި ތިބޭ ޑޮކްޓަރުންނަށް މި ބަލި އެ ހައިވަރަކަށް ނޭނގޭ ކަމަށާއި ލަޔަކަށް ބޭސްފަރުވާއާއި އަޅައިލުން ހައްގު ނަމަވެސް މިހައިތަނަށް އެ ބައްޔަށް ހައްލެއް ހޯދުމަށް އެއްވެސް ޑޮކްޓަރަކު މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ލަޔަކްގެ މަންމަ ބުންޏެވެ. ލަޔަކްގެ ބައްޔަށް ފަރުވާއެއް ނެތުން އެއީ ވެދާނެ ކަމެއް ނަމަވެސް ކޮންމެ ދުވަހަކު އެ އަޅާ ވޭނަށް ލުޔެއް ލިބިދާނެ ފަދަ ކަންތައްތައް އެބަހުރިކަމަށް ލަޔަކްގެ މަންމަ ބުންޏެވެ. މީގެ އިތުރުން ”މާ ކުރީން ޑޮކްޓަރުން އޭނާއަށް ޓަކައި ގޮތް ދޫކުރި ކަހަލަ“ އަސަރާއެކު އެ މަންމަ ކިޔައިދިނެވެ.
”ރާއްޖޭގެ ސިއްހީ ނިޒާމުން އަޅުގަނޑުގެ ތުއްތު ދަރިފުޅު ބާކީ ކުރަނީ ކީއްވެ؟ އޭނާއަށް ހައްގު ބޭސްފަރުވާއާއި އަޅައިލުން ހައްގު އެކަމަކު އެމީހުން ވެސް މަސައްކަތް ނުކުރޭ. އޭނާގެ ހާލަަތަށް ފަރުވާއެއް ނެތް ކަމަކަށް ވެސް ވެދާނެ އެކަމަކު އޭނާގެ ވޭނަށް ލުޔެއް ލިބިދާނެ ފަދަ ކަންތައްތަކެއް އެބަހުރި. އޭނާގެ ބޭސްސިޓީއަށް އަހަރެމެން އެދުނުތާ ދެމަސް ފާއިތުވެގެން ދިޔައީ އަދިވެސް ޖަވާބެއް ނުލިބޭ. ޑޮކްޓަރުން އޭނާއަށް ޓަކައި ވަރަށް ދުވަސް ކުރިން ގޮތް ދޫކުރި ކަހަލަ. ހަމަ ޔަގީނުން ވެސް 50/50 ޗާންސް ދިރިހުރުމުގެ ފުރުސަތު އެބައޮތް. އަހަރެންގެ ދަރިފުޅު. އޭނާގެ ކުޑަކުޑަ އަޑުތަކާއި ހިނިތުންވުމާ އެކު ކޮޓަރި އަލިކޮށްލާ. ބަލީގެ ސަބަބުން އެ އަޅާ ވޭނާއި ލޭއޮހޮރުވާ ފޭރާން ފެނުމުން އަހަރެންގެ ހިތަށް ހާދަ އަސަރެއް ކުރެއޭ. ރަނގަޅު ބޭސްވެރިކަމާއި އަޅައިލުން އޭނާގެ ވޭނަށް ލުޔެއް ހޯދައިދިނުމުގައި އެހީތެރިވެވިދާނެ. އެކަމަކު ދިވެހި ހެލްތު ކެއާއިން ނިކަމެތި ތުއްތު ދަރިފުޅަށް ފުރަގަސް ދިން އިރު މި މަންމައަށް ކުރެވޭނީ ކޮން ކަމެއް؟
އަސަރާއެކު ލަޔަކްގެ މަންމަ ކިޔައިދިނެވެ.
ދުނިޔޭގައި ވެސް މަދުން ނޫނީ ނުފެންނަ މި ބަލި ތަހައްމަލް ކުރަމުންދާ ޔޫނުސް ލަޔަކަށް މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވައި މިދަތި އުނދަގޫ ޙާލަތުން އަވަސް މުސްތަޤުބަލެއްގައި ސަލާމަތް ކުރައްވާށިއެވެ. އާމީން!
ވަރަށް އަސަރުކޮށްފި ހެޔޮނުވާނެ އިންސާނިއްޔަތަށްޓަކާ ނަމަވެސް އެތުއްތު ދަރިފުޅަށް. އަވަސް ޝިފާއެއް މިންވަރު ކުރައްވާށި
ވވވ އަސަރުކޮށްފި.އެ ކުއްޖާފުޅު ގައިގަ ހާދަ ވޭނެއް އަޅާނޭ.އެ ތުއްތު ދަރިފުޅުގެ މަންމަގެ ހިތުގައި ކިހާ ވޭނެއް އަޅާނެ. ޔާﷲ އެ ދަރިފުޅަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވާ އާއިލާއަށް ކެތްތެރިކަން މިންވަރު ކޮށްދެއްވާށި.އާމީން
ތުއްތު ތުއްތު ބޭބީއަށް އަވަސްޝިފާއަކަށް އެދެން.
ޢަވަސްޝިފާ ދެވާ ށެ އާމީން
މިއީ އަދި ފަރުވާ އެއް އަދި ހޯދިފައި ނުވާ ބައްޔެއް. މީގައި ކުރެވޭނެ އިތުރު ކަމެއް ނެތް. އާއިލާ އަށް ކެއްތެރިކަން ދެއްވާށި. އާމީން.
ޑރ ގެ ހާލަތަކީ އެއީ އިންސާނިއްޔަތު ކަމެއް ނެތް
ތުއްތު ތުއްތު ބޭބީއަށް އަވަސްޝިފާއަކަށް އެދެން.
ވަރަށް ދެރަވެއްޖެ.ލޯބި ލޯބި ލަޔަކުއަށް އަވަސް ޝިފާއެއް ދެއްވައި މި ވެރިކަމުގެ ހެލްތުދާއިރާގެ އެންމެންނަށާއި ވެރިކަމުގަ މިވަގުތުހުރި މީހާއަށް ހެޔޮވިސްނުންދެއްވާންދޭ.
ޔާ ﷲ މިތުއްތު ކުއްޖާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި ! އާމީން
މައިން ބަފައިންގެ ސިއްހަތު ރަގަޅު ވުމަކީ ލިބޭ ދަރިންގެ ސިއްހަތު ރަގަޅުވާނެ ކަމެއް !
ތުއްތު ތުއްތު ބޭބީއަށް އަވަސްޝިފާއަކަށް އެދެން.
ބޭބީ އަށް އަވަސް ޝިފާއެއް ދެއްވާށިއެވެ. އެ މަންމައަށް ބުނެލަން ބޭނުން ވަނީ ތިއީ ވަރަށް ހިތްވަރުގަދަ މަންމަ އެކޭ، ވަރަށް ދެރަވެއްޱެ.
ކުޑަކުޑަ ބޭބީގެ މަންމައަށް ރޭގަނޑުގެ ހަމަނިދި ނުނިދޭނެ ކަމަކީ ޝައްކެއްވެސް ނެތް ކަމެއް. ވަރަށް ދެރަވެއްޖެ. އެމީހަކާ ދިމާވީމަ އެނގޭނީ އެކަމެއްގަ ހުރި ހިތްދަތިކަމާ ދެރަވާނެވަރު ޢާއިލާއަށް ކެތްތެރިކަން ދެއްވާ ބޭބީއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.
ކުޑަކުއްޖަކު ފެނި މިހާވަރުގެ ދެރައެއް ދުވަކު ނުވޭ ކުޑަ ދަރިފުޅަށް އަވަސް ޝިފާއަކަށް އެދެން
ޔާ ﷲ މިތުއްތު ކުއްޖާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި ! އާމީން
ޢާއިލާއަށް ކެއްތެރިކަން ދެއްވައި ދަރިފުޅަށް އަވަސް ޝިފާއަކަށް އެދެން. އަމިއްލަ ދަރިފުޅުގެ އަޅާ ކޮންމެ ވޭނަކީވެސް މައިންބަފައިންގެ ގައިގާ އެއަށްވުރެ ބޮޑަށް އަޅާ ވޭނެއް
ތުއްތު ދަރިފުޅުގެ ވޭނުން މިންޖުކޮށްދެއްވާ ﷲ ގެ ރަޙްމަތްފުޅުން އަވަސް ޝިފާއެއް ދެއްވާނދޭވެ. އާމީން.