މިއަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް މާލެއަތޮޅު ގާފަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަައްމަދު ޞާލިޙް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެރަށުގައި ސަރުކާރުން ޤާއިމްކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓެއް ހުޅުއްވައި ދެއްވައިފިއެވެ.
އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ފައިޞަލް ނަސީމާއި ބައެއް ވަޒީރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.
އެ ސަރަޙައްދުގެ ގިނަ މަސްވެރިންނަށް އައިސް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ގާފަރުގައި ޤާއިމުކޮށްފައިވާ 3.5 މިލިއަން ރުފިޔާގެ މި އައިސް ޕްލާންޓަކީ 50 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއާ އެކީ މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މިފްކޯއާ ޙަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫޢެކެވެ.
އައިސް ޕްލާންޓް ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވަނީ ގާފަރުގައި ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދިޔަ މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރިކޮށްދެއްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ވަނީ މި މުބާރާތް ބައްލަވައިލައްވައިފައެވެ. މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން ނައިބު ރައީސް ވަނީ ގާފަރު މޮނިއުމެންޓް ވެސް ހުޅުއްވައިދެއްވައިފައެވެ. މި މޮނިއުމެންޓުން ރަމްޒުކޮށްދެނީ ގާފަރަކީ މަސްވެރި ރަށެއްކަމާއި، އެކުވެރި ރައްޔިތެއް އުޅޭ މެހެމާންދާރީ ރަށެއްކަމެވެ.
މީގެ އިތުރުން ރައީސް ވަނީ މަސްވެރިންގެ ދުވަހާ ގުޅުވައިގެން މިިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ގާފަރުގައި އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވައިލައްވައިފައެވެ.
މި އެކްސްޕޯގައި މަސްވެރިކަމާގުޅޭ ވިޔަފާރިތަކުގެ 8 ސްޓޯލެއް ޤާއިމުކޮށްފައިވާއިރު ރައީސް ވަނީ މިފްކޯ ސްޓޯލަށް ޒިޔާރަތްކުރައްވައި 5 އައު އުފެއްދުން ލޯންޗް ކޮށްދެއްވައިފައެވެ. މިފްކޯ ސްޓޯލްގެ އިތުރުން، އެންސިސްގެ ސްޓޯލަކާއި، ހޮރައިޒަން ފިޝަރީޒްގެ ސްޓޯލަކާއި، މައިޒާން އިލެކްޓްރޯނިކްސްގެ ސްޓޯލަކާއި، ޓަރމޯޑިޒޭން މޯލްޑިވްސްގެ ސްޓޯލަކާއި، ނޫ ރާއްޖެ ޕްރޮގްރާމްގެ ސްޓޯލަކާއި، އޫރިދޫގެ ސްޓޯލެއްގެ އިތުރުން ގާފަރުގެ ފަންނުވެރިންގެ ސްޓޯލެއް ހިމެނެއެވެ.
މީގެ އިތުރުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ރައީސް ޞާލިޙް ޝަރަފްވެރިކޮށްދެއްވާނެއެވެ.