ޚަބަރު

މަހުން ނަގާ ޑިއުޓީއަކީ އެމްޑީޕީއާ ހެދި ދިވެހި މަސްވެރިންނަށް ދިމާވެފައި އޮތް މުސީބާތެއް: ތޯރިޤް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫރަޕިއަން ޔޫނިއަންއިން ރާއްޖޭގެ މަހުން ނަގާ ޑިއުޓީއަކީ މިއަދު ވެރިކަމުގައި ތިބި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާ ހެދި ދިވެހި މަސްވެރިންނަށް ދިމާވެފައި އޮތް 'މުސީބާތެއް' ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތޯރިޤް ވިދާޅުވެއްޖެއެވެ.

Ads by STELCO

"ކޮތަރު ކޮށި" ނަމުގައި މިރޭ އިދިކޮޅުން އަލިމަސް ކާނިވަލުގައި މިހާރު ކުރިޔަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ތޯރިޤް ވިދާޅުވީ، އީޔޫގެ ޓެކްސްއަކީ ދަތި ކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ. އަދި ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަން 2012ވަނަ އަހަރު ވެއްޓުމާ ގުޅިގެން އެމްޑީޕީއިން ބޭރުގެ ޤައުމުތަކުގައި ރާއްޖޭގެ ނަން ހަޑިކޮށްފައިވާ ކަމަށެވެ. ހަމަ އެހެންމެ ދަތި ކުރުމުގެ ފިޔަވަޅު އަޅަން ގޮވައިލި ކަމަށާއި މިއީ އެކަމުގެ ނަތީޖާކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުން، އެމްޑީޕީގެ ފަރާތްތަކުން ބޭރުގައި ތިބެގެން، ޔޫރަޕްގައި ތިބެގެން މި ވިސްނައިދެނީ ރާއްޖެއަކީ އެއް ޖިންސުން ގުޅުން ހިންގަން ހުއްދަ ނެތް ޤައުމެކޭ. އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނެތް ޤައުމެކޭ. ރާއްޖެއަކީ ކެޕިޓަލް ޕަނިޝްމެންޓް ދޭ ޤައުމެކޭ. އެހެންވީމަ، ރާއްޖެއަށް ފިޔަވަޅު އަޅައިދޭށޭ، އެކަން ކުރީ އެމްޑީޕީ މީހުން." ތޯރިޤް ވިދާޅުވިއެވެ.

މަހުން ނަގާ ޑިއުޓީ މާފު ކުރެވިދާނެ ފަދަ ހުށަހެޅުމެއްް އީޔޫއިން ލިބިފައިވާކަމަށް މިދިޔަ ސެޕްޓެންބަރު މަހު ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ ވިދާޅުވެފައެވެ. މިކަމަށް ފާޑު ވިދާޅުވަމުން ތާރިޤް ވިދާޅުވީ، މިއަދު އެމްޑީޕީން އުޅެނީ އެމީހުން އަމިއްލައަށް ހޭވި ހަޑިއަށް ފަސްއަޅަން ކަމަށެވެ.

"މިއަދު އެބައުޅެމޭ ޑިއުޓީ މާފް ކުރެވޭތޯ" ތާރިޤް ވިދާޅުވއިެވެ.

އީޔޫއިން ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ އުފެއްދުންތަކުން ޑިއުޓީ ނަގަން ފެށީ 2011ވަނަ އަހަރުއެވެ. މަހުގެ އުފެއްދުންތަކުން 22 ޕަސެންޓްގެ ޑިއުޓީއެއް މިހާރު ނަގައެވެ. މިގޮތަށް ޑިއުޓީ ނަގަން ފެށީ، އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ލިސްޓުން، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އެރުމުންނެވެ.

ތާރިޤްގެ ވާހަަކަފުޅުގައި ވިދާޅުވީ، އިޤްތިޞާދަށް އައި ބަދަލާ އެކު، ޑިއުޓީ ނަގަން ފެށިކަން އެނގޭ ކަމަށާއި އެހެން ނަމަވެސް ޑިއުޓީ ބޮޑުކޮށް، އެކަން ކުރަން ފެށީ މެންބަރުންގެ ސަބަބުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!