ޚަބަރު

ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގި ހާދިސާ ރައީސް ޔާމީން ތަފްސީލްކޮށްދެއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސްޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ހައްޔަރުކުރި ހާދިސާ  އެ މަނިކުފާނު ތަފްސީލް ކޮށްދެއްވައިފިއެވެ.

Ads by Sosun Fihaara

'ކޮތަރުކޮށި' ނަމުގައި އިދިކޮޅުން މިރޭ ކާނިވަލުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ސަބަބު ހާމަކޮށްދެއްވައިފައެވެ. މިގޮތުން ވިދާޅުވީ، އެގޮތަށް ކަންތައް ކުރެއްވީ، ދިވެހި ރާއްޖޭގެ ދާޚިލީ ހަމަނުޖެހުމެއް ފެނިގެން ނޫން ކަމަށާއި އަދި މަސްލަހަތު އަމާންކަން ގެއްލިދާނެތީއެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްގެން ނޫނިއްޔާ ބައެއް ޤާނޫނުތައް ސަސްޕެންޑްކޮށްގެން ނޯވޭ. ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ ހުއްދަދޭ ހާލަތާ ގުޅިގެން، ހެދިފައި ހުންނަ ޤާނޫނުތައް ޤަވާއިދުތައް ސަސްޕެންޑް ކުރުމުގެ ބާރު ކުއްލި ނުރައްކަލުގެ ހާލަތުގައި" ރައީސް ޔާމީން ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ސްޕްރީމް ކޯޓުން ހެދި ޤަވާއިދަކާ ގުޅިގެން ކަމަށެވެ.

"އޭރުގެ ސްޕްރީމް ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވީ އަޙްމަދު ސަޢީދު، ދެން ހުރީ އަލީ ޙަމީދު. މި ދެ ބޭފުޅުންގެ ކަރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެގެން ދިޔައީ........ ދެން އެ ބޭފުޅުން އެކުލަވައިލެއްވީ ޤަވާއިދެއް. ސްޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު އެއްވެސް ތަޙްޤީޤީ އިދާރާއަަށް ހާޒިރު ނުކުރެވޭ ގޮތަށް ފާސް ކުރީ، ސްޕްރީމް ކޯޓުގެ ބެންޗުން ފާސް ނުކޮށްވިއްޔާ"

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ފަނޑިޔާރުންނަށް ތަނަވަސްކަމާއި ނުބައްދަލު އެޕާޓްމެންޓްތަކެއް ހުޅުމާލެއިންނާއި މެލޭޝިއާއިން ބައްލަވައިގެންފައިވާ ކަމަށާއި "އެ ބޭފުޅުންނަށް ފައިސާ ޖަމާވެފައި އޮންނަނީ ދީލަތި ބޭފުޅެއްގެ އަންޑަޓޭކިންގްގެ ދަށުން." ކަމަށެވެ. އަދި އޭގެ މައުލޫމާތު ރައީސް ޔާމީނާ ހަމައަށް އައީ ވެސް ފުލުހުން އޭރު އެ ކަންތައް ހާމަކުރުމުން ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވީ، މަނީ ލޯންޑަރިންގެ ޤަވާއިދު އޮތް ނަމަ ފަނޑިޔާރުންނަށް ދިފާއެއް ނޯންނާނެ ކަމަށާއި އެ ބޭފުޅުންގެ މައްސަލަ ބަލަން ލާޒިމްވާ ކަމަށާއި މޯޓިވްއަކީ މި ލިބުނު ހަދިޔާ ކަމަށެވެ.

2018 ފެބްރުއަރީ މަހު އެއްވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން އޭރުގެ ފޮރިން މިނިސްޓަރ ޑރ.އާސިމް ރާއްޖޭގެ ހާލަތު އިންޑިއާއަށް އޮޅުންފިލުވައިދެއްވުމަށް އިންޑިއާއަށް ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ރާއްޖޭގެ ފޮރިން މިނިސްޓަރާ ބައްދަލު ނުކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެއަށް ބޮޑު އިންޑިއާގައި ނެތް ބައްދަލުކޮށްލާނެ ބޭފުޅެއް" ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެ ފަހުން އިންޑިއާއިން ތިން ސިޓީއެއް ފޮނުވި ކަމަށާއި އަމުރު ތަންފީޒް ނުކުރަނީ ކީއްވެތޯ ސުވާލުކޮށްފައި އޮތް ކަމަށެވެ. އަދި އެގޮތަށް ރާއްޖޭގެ ދާޚިލީ ކަންކަމަށް އިންޑިއާއިން ބާރު ފޯރުވަން ޖެހޭ ސަބަބެއް ސާފުވާން އެދިވަޑައިގަންނަވާ ކަަމަށް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!