ޚަބަރު ސިޔާސީ

ހަޖަމް ނުވާ ބޭފުޅުންނަށް ޚާއްސަ ބޭހެއް ޕީޕީއެމް އޮފީހުގައި ލިބެން ހުންނާނެ: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުގައި އިދިކޮޅު ޕީޕީއެމްއިން ބާއްވަން އުޅުނު ޖަލްސާއަށް ސަރުކާރުން ހުރަސްއަޅައިފައި ވަނީ ހަޖަމް ނުވެގެން ކަމަށް، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ސިޓީ ކައުންސިލުގެ ހުއްދައާ އެކު، ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގައި ޕީޕީއެމްއިން މިރޭގެ ޖަލްސާ ބާއްވަން ނިންމުމާ ގުޅިގެން، ހުޅުމާލޭގެ ބެލެނިވެރި ފަރާތް ކަމަށްވާ އެޗްޑީސީއިން ވަނީ އެ ޖަލްސާއަށް ހުއްދަ ނުހޯދާ ކަމަށާއި ޖަލްސާ ބާއްވަން ފުރުސަތު ނުދޭނެކަމަށް އަންގައިފައެވެ. އަދި އެ ސަރަހައްދުގައި ޕީޕީއެމްއިން ދަމައިފައިހުރި ދިދަތައް ފުލުހުން ވަނީ ނަގައިފައެވެ. މައްސަލަގަނޑުގެ ތެރޭގައި، މާލޭ ސިޓީ ކައުންސިލުން ވަނީ، ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލްކޮށް، އެޗްޑީސީ އަތުން ހުޅުމާލެ އަތުލައިފައެވެ. އެޗްޑީސީއިން މިކަމުގައި ދައުވާ ކުރަން ނިންމައިފައިވާއިރު، އެ ކުންފުނިން ވިދާޅުވީ، އެކަމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

މި ހަމަނުޖެހުންގަނޑަށް ފަހު މިރޭގެ ޖަލްސާ ބާއްވައިފައި ވަނީ ސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ދަށުގައި އޮންނަ އަލިމަސް ކާނިވާގައެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ވާރެއާ ތެމިވަޑައިގެން، ޖަލްސާ ތިބި ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވައިފައެވެ. ސަރުކާރުގެ ސިޔާސަތުތަަކަށް ފަޑު ވިދާޅުވަމުން، ރައީސް ޔާމީން ވަނީ މި ސަރުކާރަށް އިދިކޮޅުން ކުރާ މަސައްކަތްތައް ހަޖަމު ނުވާ ކަމަށް ވިދާޅުވެފައެވެ.

"މި ސަރުކާރަކީ މިއިން އެއްވެސް ކަމެއް ހަޖަމް ނުކުރެވޭ ސަރުކާރެއް. އަޅުގަނޑުމެން މި ކުރާ މަސައްކަތެއް، މި ބާއްވާ ޖަލްސާތަކެއް މި ސަރުކާރަށް ހަޖަމެއް ނުކުރެވޭ ދެއްތޯ" ޖަލްސާ ބާއްވަން ހުއްދަ ނުދިނުމަށް އިޝާރާތްކޮށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ދެވަނަ ފިޔަވަހީގައި އިދިކޮޅުގެ ޖަލްސާއެއް ބާއްވަން ހުއްދަ ނުދިން އެއް ސަބަބަކީ އިންޑިއާއިން އެކަމާ ނުރުހޭތީ ކަމަށެވެ. އިންޑިއާގެ ސަފީރު ހުޅުމާލޭގައި ދިރިއުޅުއްވާކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅުން އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރުމަށް ގޮވާތީ، ސަފީރުގެ ކަންފަތްޕުޅަށް އެ އަޑުތައް އިވިވަޑައިގަތުމުން އުނދަގޫވެވަޑައިގަންނަވާތީ ޖަލްސާ ބޭއްވިޔަ ނުދިނީ ކަމަށެވެ

މީގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުގައި އިދިކޮޅުގެ ހަރަކާތްތައް ހަޖަމުނުވާ ބޭފުޅުން ތިއްބަވާ ކަމަށާއި އެ ބޭފުޅުންނަށް ބޭހެއް ހޯއްދަވައިފައިވާ ކަމަށް ވިދާޅުވިއެވެ.

"ހަޖަމަށް އެންމެ ރަނގަޅު ގޮތަކީ މިއޭ. ބުނާށޭ، ދިވެހި އޮޑި ހަނެއްގައި ފިނިފެން ކޮޅެއްގައި، ފިނިފެންމާ ފިޔަކޮޅަކާއެކީ، އަސުރުމާ ގިރައިލައިފައި ބުއީމާ، ހަޖަމުގެ މައްސަލަ ހަމަޖެހިގެން ހިނގައިދާނެއޭ." ރައީސް ޔާމީން ވިދާޅުވީ، ހަޖަމަށް ބޭސް ކުރާނެ ގޮތް ފުންނާބު އުސް ހަކީމުން ކުރެން އެއްސެވި ކަމަށާއި އެންމެން ވެސް ބުނާ ބޭހަކީ މިއީ ކަމަށެވެ. އަދި މި ބޭސް ޕީޕީއެމް އޮފީހުން ލިބެން ހުންނާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޕާޓީ އޮފީހުން، ތޯލާ ފުޅިފުޅީގައި މި ދެންނެވި އޮޑިހަނުގައި ގިރައިފައި ހުރި ބޭސް ތި ހުރިހާ ބޭފުޅުންނަށް އެބަހުރި. ހަޖަމުގެ މައްސަލަ އުޅޭ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ޒިޔާރަތްކޮށްލައްވާ."

  1. ޢިއްބެ

    ރައީސްޔާމީނުގެސަރުކާރުގައި އެމްޑީޕީއަސް ޖަލްސާއައެްބާއްވަން މުއިއްޒުޖާގަނުދެއްވިދުވަސްހަނދުމަނެތީތޯއެވެ

  2. މިހަމަ ކަލޭމެންވިސް ޖެހިސަކަރާތް ހަދުމަނެތީތޯ ނޫނީ ޖާހިލީތޯ ތިޔަބޭސް ބޯންވީ ފުރަތަމަ ކަލޭމެން