ކެޓްރީނާގެ ކައިވެނީގެ އަނގޮޓި ހަދައި ފައިވަނީ ޑަޔާނާގެ އަނގޮޓި އަސްލަކަށް ބަލައިގެން

ބޮލީވުޑްގެ އޭ ލިސްޓުގެ ދެ ތަރިންކަމަށްވާ ކެޓްރީނާ ކެއިފްއާއި ވިކީ ކައުޝާލްގެ ކައިވެނި މިދިޔަ ބުރާސްފަތި ދުވަހު ކުރެވިގެންދިޔައިރު މިއީ މިހައިތަނަށް ބޭއްވި އެންމެ "ކްލޯޒްޑް" ސެލެބްރިޓީ ކައިވެނީގެ ހަފްލާއެވެ. މީޑިއާތަކަށް ނުވަދެވޭނެހެން މުޅި ކައިވެނީގެ ހަފްލާ ވަނީ ބްލޮކް ކޮށްފައެވެ. ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކުރީ އެ ދެތަރިންނެވެ. ބުނެވޭ ގޮތުގައި މިކައިވެނީގެ ހަފްލާ ނެޓްފްލިކްސްގައި ވަރަށް އަވަހަށް ސްޓްރީމް ކުރަން ފަށާނެއެވެ.
ރާޖަސްތާނުގެ ސަވާއި މަދުޕޫރުގައި ބޭއްވި މިހަފްލާއަށް ދައުވަތު ދިނީ ވެސް ހޮވައިލެވުނު މަދު މީހަކަށެވެ. ރާޖަސްތާނުގެ ސަގާފީ ހެދުމުގައި ދެތަރިން ވެސް ކައިވެނިކުރި އިރު ފޮޓޯތައް ވަރަށް ވެސް ހިތްގައިމެވެ. ފޮޓޯތަކުން ފާހަގަވި ބައެއް ކަންކަން މީޑިއާގެ ފަލަ ސުރުހީތަކުގައި ދަނީ ފަވަމުންނެވެ.
އެގޮތުން ކެޓްރީނާގެ އިނގިލީގައި އަޅައިފައިވާ އަނގޮޓި ފާހަގަކޮށްލެވެއެވެ. މިއަނގޮޓިއަކީ 22 ކެރެޓުގެ ރަނުން ހަދާފައިވާ އަނގޮޓިއެކެވެ. އަދި އެއަނގޮޓީގައި ޑައިމަންޑު ވެސް ވަނީ ބޭނުންކޮށްފައެވެ.
މި އަނގޮޓި ހަދައިފައި ވަނީ އިނގިރޭސިވިލާތުގެ ޕްރިންސަސް ޑަޔާނާގެ މަގްބޫލު ސަފާޔާ އަނގޮޓި އަސްލަކަށް ބަލައިގެންނެވެ. ޑަޔާނާގެ ސަފާޔާ އަނގޮޓި މިހާރު އަޅަނީ އޭނާގެ ދަނބިދަރިފުޅު ކޭޓް މިޑްލްޓަންއެވެ. އެއީ ޕްރިންސް ވިލިއަމް ކޭޓްއަށް ލޯބި ހުށަހެޅި އަނގޮޓި ވެސް މެއެވެ.

ކެޓްރީނާގެ އަނގޮޓިއާއި ޑަޔާނާގެ އަނގޮޓި ވައްތަރުކަމަށް ބުނަނީ އެ ދެއަނގޮޓީގެ ޑިޒައިން އެއްގޮތްވުމުންނެވެ. އެގޮތުން ކެޓްރީނާގެ އަނގޮޓީގައި ރަން ބޭނުންކޮށްފައިވާ މިންވަރާއި ސެފާޔާގެ ވަށައިގެން ޑައިމަންޓު އަތުރައިފައިވާ ޑިޒައިން ވެސް ޑަޔާނާގެ އަނގޮޓިއާ ވަރަށް އެއްގޮތެވެ. ކެޓްރީނާގެ އަނގޮޓީގެ އަގަކީ ގާތްގަނޑަކަށް 7.41 ލައްކަ ރުޕީޒްއެވެ.