ދީން

އައުރަ ކަޝްފުކޮށް ފޮޓޯއާއި ވީޑިއޯ ފެތުރުން، މަރުވުމަށް ފަހު ވެސް ފާފަ ލިބިދާނޭ ކަމެއް!

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ ޙަޔާތަކީ ވަގުތީ ދިރިއުޅުމެކެވެ. އަޅުގަނޑުމެން ލޯމަރައިލާން ޖެހޭނީ ކޮން ވަގުތެއްގައި ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ގަދަވެ ސަލާމަތުން ތިބޭ އެތައް ބަޔަކު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެމީހެއްގެ ދުނިޔެ ނިމިގެންދާ ދިޔުމީ ފެންނާން އޮތް ޙަޤީޤަތެވެ. އަޅުގަނޑުމެން ވިސްނަންވީ ހިނގާބިނގާވެ ހެޔޮ ހާލުގައި އުޅޭ މީހާ ، ބޮޑު ބައްޔެއްގެ ޝިކާރައަކަށްވެ، އެނދުމަތިވެގެން އެތައް ޒަމާނެއް ވާންދެން އޮންނަން ޖެހޭ ހާލަތާއި އަދި ނިމި ދިޔުމަށް ފަހު ތިމާއަށް އެއްވެސް ޢަމަލެއް ނުކުރެވޭ ޙާލަތުގައި ރައްކާތެރިކަމާއި ސަލާމަތްތެރިކަން ލިބޭތޯއެވެ.

Ads by Sosun Fihaara

ކަން އޮތީ މިހެން ކަމުގައި ވިޔަސް މަރުވުމަށް ފަހު ވެސް ތިމާއަށް ފާފަ ލިބިދާނޭ ފަދަ ކިތަންމެ ކަމެއްގައި އަޅުގަނޑުމެން މިއަދު މިއުޅެނީ އަވަދިނެތިއެވެ. އައުރަ ކަޝްފުކޮށް ފޮޓޯއާއި ވީޑިއޯ ނަގައި އެ އާންމު ކުރަމުންދާ އިރު ތިމާގެ އަތުން ކޮންޓްރޯލް ނެއްޓި އެ ފެތުރިގެންދާނެ ވަގުތަކާ މެދު ކުޑަކޮށް ވެސް އިހްސާސެއް ނެތިއެވެ.

މިއަދު ، ފާހިޝް ޢަމަލުތަކަށް ހިތްވަރު ލިބޭ ވާހަކަތަކާއި ވީޑިއޯތައް އާންމު ކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައްކިތައް މީހުން ހެއްޔެވެ؟އަޅުގަނޑުމެން ދުލުން ނުކުންނަ ކޮންމެ ބަހަކީ ، އަޅުގަނޑުމެން ކުރާ ކޮންމެ ޢަމަލަކީ އެ މީހެއްގެ ޢަމަލުގެ ފަތުގައި ލިޔުއްވާ ކަންކަންވުމާއި  ފަހަށް ރައްކާ ކުރެވޭ ކަންކަމަށް ވީހިނދު މި ފަދަ ކަންކަމަކީ އަޅުގަނޑުމެން ބިރު ގަންނާން ޖެހޭ ކަންކަމެވެ. ﷲ ތަބާރަކަ ވަތަޢާލާ އަހަރެމެންގެ ހިސާބު ބައްލަވާ ހިނދު މި ހުރިހައި ކަމަކަށް ޖަވާބުދާރީ ވާންޖެހޭ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އެހެންވީމާ މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނައި ފިކުރުކުރާން ޖެހޭ ކަމެކެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިފަދަ ނުބައި ފާހިޝް ފޮޓޯތަކާއި ވީޑިއޯތައް މީސް މީޑިއާގެ ޒަރީޢާއިން ދޫކޮށްލައިފައި ދާއިރުގައި އެމީހާ އެތަކެތި އާންމުކުރުމަށް ފަހުގައި މަރުވެއްޖެ ނަމަ އެމީހާ އެ ދިޔައީ ވަރަށް ނުރައްކާތެރި ޢަމަލެއް ކޮށްފައެވެ. އޭނާ ހޭދަކުރަމުންދާ ކަށްވަޅުގެ މަރުޙަލާއާއި އަދި އޭގެ ފަހުން ހިނގާނެ އެންމެހައި ކަންތައްތަކުގެ ތެރޭގައި އަދި ބޮޑެތި އިމްތިހާންތަކުގެ ތެރޭގައި މަލާއިކަތުންގެ ސުވާލުތަކުގެ ކުރިމަތީގައިވާ އިރުގައި އޭނާ ދުނިޔެ ދޫކޮށްފައި ދިޔަ ފާހިޝް ނުބައި ހަރަކާތްތަކާއި ފޮޓޯތަކުގެ ނުބައިކަމުގެ ޝިކާރައަކަށް އެހެންމީހުން ވަމުންދާ ކަމާ މެދު ފިކުރެއް ނެތީ ހެއްޔެވެ؟ ނުބައި ކަމެއް ދޫކޮށްފައި ދިޔައިމަ އޭގެ ފާފައާއި އޭގެ ޢަޒާބާއި އޭގެ ނޭއްގާނީކަން އެ އުފެއްދި ފަރާތަށް ލިބެއެވެ. އެކަމުގެ ސަބަބަކަށް މެދުވެރިވި ފަރާތް ކުށްވެރިވެ ފާފަވެރިވެއެވެ. އެހެންކަމުން މި ނުރައްކާތެރިކަމާ މެދު އަޅުގަނޑުމެން ފުންކޮށް ވިސްނާން ޖެހެއެވެ.

މި ކަމަކީ މާބޮޑު ކަމަކަށް ހީނުވެ ނޫނީ މާ ސީރިއަސްކަމަކަށް ހީނުވެ އަދި ކިއެއް މަޖަލަކަށްވެ ތިމާގެ އައުރަ ކަޝްފު ކުރެއެވެ. ނުވަތަ އެކަށީގެން ނުވާ މަންޒަރު އެބަ އާންމުކުރެއެވެ. ނުވަތަ އިސްލާމީ އުޞޫލަކުން ބަލާއިރު މުސްލިމަކު ކޮށްގެން ނުވާނެ ޢަމަލުތައް ޢާންމުންނަށް އެބަ ދޫކޮށްލައެވެ. އެއަށް ފަހު ތިމާގެ ދިރިއުޅުން ނިންމައިލައި ކަށްވަޅަށް ނުވަތަ އާޚިރަތުގެ ފެށުމަށް ދަތުރުކުރާ ހިސާބުން އެ ތަކެތި  ފޮހެވިގެންދާނެ ގޮތެއް ނޯވެއެވެ. އެހެނީ ކަށްވަޅުގައި އޭނާވާ އިރު އެ ތަކެތި ހުރީ ދުނިޔޭގައެވެ. މީހުންގެ ފޯނަށާއި އެކި މަންސަތަކަށް އެ ވާސިލްވެ މީހުން އެ ބަލައި ހިއްސާކޮށް ހަދަނީއެވެ. އޭގެ ހިފެހެއްޓުމެއް ، އޭގެ ނިމުމެއް ނެތެވެ. ކިހައި ހިތާމަވެރިކަމެއްތޯއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ވިސްނާ ފިކުރުކުރަންވީ ކަމަކީ އަޅުގަނޑުމެންގެ މި ޙަޔާތުގެ ތެރޭގައި ކުރާ ކޮންމެ ކަމަކީ ،އަޅާ ކޮންމެ ފިޔަވަޅަކީ މާދަމާ ތިމާއަށް ގެއްލުންދޭ ކަމަކަށް ނުވެވޭތޯ ބެލުމެވެ. ހެޔޮ ގޮތުގައި އަދި ފައިދާ ހުރި ގޮތުގައި މީސްމީޑިއާ ބޭނުން ކުރުމެވެ. އެހެން ނަމަވެސް ހިތާމައަކީ މި ފަދަ ލިބިފައިވާ ބައެއް ވަޞީލަތް އަޅުގަނޑުމެންގެ ބައެއް ބޭފުޅުން ބޭނުން ކުރައްވަނީ އެ ބޭފުޅުންގެ ދެ ދުނިޔެ ހަލާކުވެގެންދާ ކަމެއްގެ ގޮތުގައެވެ. އުޚުރަވީ ޙަޔާތުގެ ވޭނާއި ޢަޒާބުގެ ގޯއްޗަށް ތިމާ ވަންނަން ޖެހިދާނެ ކަމެއްގެ ގޮތުގައެވެ. އެހެންވީމާ އެފަދަ ކަންތައްތަކުން ސަލާމަތްވެ ދުރުވެ ﷲ ތަބާރަކަ ވަތަޢާލާއަށް ފުރިހަމައަށް ބިރުވެތިވެ ތަގުވާވެރިވުމަކީ އަޅުގަނޑުމެން އީމާންވެގެން ތިބި ބައެއްގެ ހައިސިއްޔަތުން ކޮންމެހެން ވިސްނައިގެން އެއާ އެއްގޮތަށް ޢަމަލުކުރަން ޖެހޭނެ ކަމެކެވެ. ﷲ ތަބާރަކަ ވަތަޢާލާ އަޅަމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވައި ހެޔޮ މަގުގައި ސާބިތު ތިބުމުގެ ހެޔޮ ތައުފީގު ދެއްވާށިއެވެ. އާމީން!

(ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުހަކުން)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!