ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ފުޅާކުރަން ޖެހޭ: އައްބާސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލަން އަމާޒުކޮށް ހަމަލާދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހަކަށް ހުކުމް ކުރި ނަމަވެސް، އެ މައްސަލައިގެ ތަހުގީގު އަދިވެސް ފުޅާކުރަން ޖެހޭ ކަމަށް އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.

Ads by MWSC

އައްބާސް ފާއިޒަކީ މި ހަމަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާއިޙް އައްޔަން ކުރެއްވި ހާއްސަ މަންދޫބެކެވެ.

އައްބާސް މިހެން ވިދާޅުވީ، ރައީސް ނަޝީދު އަވަހާރަ ކޮށްލަން ބޮން ގޮއްވައިލި ކަމަށް އަމިއްލައަށް އިއުތިރާފުވި އަދުހަމް އަހްމަދު ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އައްބާސް ވިދާޅުވީ އަދުހަމްގެ މައްޗަށް ހުކުމް ކުރެވިގެން ދިޔައީ ދައުލަތުން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅި ހެކިތައް ވަރުގަދަވުމުން ކަމަށާއި އެ ހަމަލާއާ ގުޅިގެން ފުލުހުން ކުރި ތަހުގީގު ހަރުދަނާ ކަމަށެވެ.

"ނަމަވެސް އެވަރުން ފުއްދައިލައިގެން ކުރިއަށްދާ ނަމަ މަސައްކަތަށް ހިޔަނި އެޅިދާނެ، މި މައްސަލައިގައި ކުރަންހުރި މަސައްކަތް ފުޅާކުރަން ޖެހޭ" އައްބާސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އައްބާސް ފާއިޒް، މި މައްސަލައިގެ ހާއްސަ މަންދޫބަކަށް ރައީސް ޞާލިޙް ހަމަޖެއްސެވީ މިއަހަރުގެ މެއި މަހުގެ 19ވަނަ ދުވަހުގައެވެ.

ހާއްސަ މަންދޫބުގެ ހައިސިއްޔަތުން މޭ ހައެއްގެ ހަމަލާއާ ގުޅޭ އެންމެހައި ތަހުގީގެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ވެސް ދެއްވާނެއެވެ. އަދި ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވައި އެންމެހާ ރިޕޯޓެއް ވެސް އައްބާސް ފާއިޒް ތައްޔާރުކުރައްވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!