ރިޕޯޓް

ލަޔަކްގެ ޢާއިލާއަށް އުފަލުގެ ކަރުނަ، ބޭސް ފަރުވާއަށް މިލިއަނެއް ލިބިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ފާއިތުވެދިޔަ ހަފްތާގައި މީސް މީޑިއާގައި އެންމެ ގިނައިން ދެކެވުނު ވާހަކައަކީ އުމުރުން އެންމެ 9 މަހުގެ ތުއްތު ކުއްޖެއްގެ ވާހަކައެވެ. ހަމުގެ ބައްޔެއް ކަމަށްވާ ހާލެކްއަން އިކްތިއޯސިސް ތަހައްމަލް ކުރަމުން ދާ ޔޫނުސް ލަޔަކް ފަރަހް ވަހީދުގެ ވާހަކައެވެ. ދުނިޔޭގައި ވެސް މަދުން ނޫނީ ނުފެންނަ މި ބަލި ތަހައްމަލް ކުރަމުންދާ ލަޔަކްގެ ވާހަކަ އާންމުންނާ ހަމަޔަށް އައުމާ އެކު ގިނަ ބަޔަކު ދިޔައީ އެކި ގޮތް ގޮތުން ލަޔަކްއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Ads by Sosun Fihaara

ލަޔަކްގެ މަންމަ ހައްވާ އުލާ އިބްރާހީމް "ދެން"އަށް މަޢުލޫމާތު ދެމުން ބުނީ އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަމަކީ ލަޔަކްގެ މުޅި އާއިލާގެ ފަރާތުން ވެސް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމެއް ކަމަށެވެ. އަދި މިހައިތަނަށް ފައިސާގެ ގޮތުން ލަޔަކްއަށް ލިބިފައި ވާ ފައިސާއިން ލަޔަކްގެ ފަރުވާއަށް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

އުލާ ބުނީ މިހައިތަނަށް ޖުމްލަ 1,002,300 ރުފިޔާ ލަޔަކްއަށް އެހީގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. އަދި އާންމުކޮށް ގިނަ މީހުން ފޮނުވައިފައި ވަނީ 500 ރުފިޔާއާއި 1000 ރުފިޔާ ކަމަށާއި މީހަކު 15,000 ރުފިޔާ ވެސް މީހަކު ފޮނުވައިފައިވާ ކަމަށެވެ. މީގެ އިތުރުން 10,000 ރުފިޔާ ވެސް މީހަކު ފޮނުވާފައި ވާ ކަމަށް އުލާ ބުންޏެވެ.

" ހަމަ ހީވެސް ނުކުރަން މިހާ ބޮޑު އަދަދެއް ލިބޭނެ ކަމަކަށް. ވަރަށް އުފާވެއްޖެ. ވަރަށް ގިނަ ބައެއްގެ އެހީ މިއީ. މިހާރު ޖުމްލަ 1,002,300 ރުފިޔާ ޖަމާވެއްޖެ. އާންމުކޮށް މީހުން ޖަމާކޮށްފައި ހުރީ 500 ރުފިޔާ އާ 1000 ރުފިޔާ. 15,000 ރުފިޔާ ވެސް އިން މީހަކު ޖަމާކޮށްފަ. އެއީ އެންމެ ގިނައިން އެކަކު ޖަމާކުރި އަދަދު. ދެން 10,000 ރުފިޔާ ވެސް މީހަކު ފޮނުވި. ބޭނުން ލަޔަކްއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ އެންމެންނަށް ޝުކުރު ދަންނަވަން. ހީވެސް ނުކުރާ އަދަދެއް މިހާ ކުޑަ ގާތްގަޑަކަށް ހަފްތާއެއްގެ ތެރޭގައި މި ލިބުނީ" އުލާ ބުންޏެވެ.

މީގެ އިތުރުން އުލާ ބުނީ ލަޔަކްގެ ފަރުވާއަށް ބޭނުންވާ "ޕޯޓަބަލް ނެނޯބަބްލް" އެއްވެސް މިހާރު ގަނެވޭނެ ކަމަށެވެ. ނެނޯބަބްލް ސިސްޓަމްގެ ސަބަބުން ހަންގަނޑު އޮމާންވެ، ހަންތައް ވަރަށް ފަސޭހައިން ނެއްޓޭނެއެވެ. ޕޯޓަބަލް ނެނޯބަބްލް ގަންނަން ގާތްގަޑަކަށް 5000 ޑޮލަރު ހޭދަވާނެ ކަމަށް އުލާ ބުންޏެވެ. އަދި މިހާރު ނެނޯބަބްލްއެއް ގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އުލާ ބުންޏެވެ.

"މިހާރު ފެންގަނޑު ތެރޭގައި ކޮންމެ ދުވަހަކު 2 ނުވަތަ 3 ގަަޑިއިރު ބާއްވަން ޖެހޭ ބްލީޗް ބާތަށް. ޕޯޓަބަލް ނެނޯބަބްލްއެއްގައި ބޭއްވީމަ ވަރަށް ފަސޭހައިން ހަންތައް ނެއްޓޭނެ. މިހާރު މި ބަލަނީ ރަނގަޅު ވައްތަރެއް. ގާތްގަޑަކަށް 5000 ޑޮލަރު އަރާނެ" އުލާ ބުންޏެވެ.

އުލާ ބުނީ މިހާރު މަސައްކަތް ކުރަމުން ދަނީ ވީ އެންމެ އަވަހަށް ލަޔަކްގެ ފަރުވާއަށް ދިޔުން ކަމަށެވެ. އަދި ލަޔަކްގެ ފަރުވާއަށް އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ބެންކޮކްއަށް ފުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އުލާ ބުންޏެވެ. އުލާ ބުނީ ލަޔަކްގެ ބައްޕަ ވަޒީފާ އަދާ ކުރާ ތަނުން ޗުއްޓީ އަދި ހަމަ ނުޖެހޭ ކަމަށާއި ލަޔަކްގެ ފަރުވާއަށް ދެވޭނީ ލަޔަކްގެ ބައްޕައަށް ޗުއްޓީ ލިބުމުން ކަމަށެވެ.

ލަޔަކްއާ އެކު އުލާގެ ދެ ކުދީން ތިބެއެވެ. ލަޔަކްގެ މަންމައަށް އެންމެ ފުރަތަމަ ލިބުނު ކުއްޖާ ވަނީ މި ބަލީގައި ނިޔާވެފައެވެ. އެ ކުއްޖާ ވިހައިގެން ހެދި ޓެސްޓުތަކުން ހާލެކްއަން އިކްތިއޯސިސް ބަލި ޖެހިފައި ހުރިކަން އެނގުމުން ހަ މަހުގެ ދަރިފުޅަށް އިތުރު ފަރުވާއެއް ލިބޭތޯ 2011ވަނަ އަހަރު އިންޑިއާއަށް ވަނީ ގޮސްފައެވެ. ނަމަވެސް އުލާގެ އަލަތު ދަރިފުޅު އިބްރާހީމް އައިކް ފަރަހް ނިޔާވީ އުމުރުން އެންމެ 6 މަހުގައި މި ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ދުނިޔޭގައި ވެސް މަދުން ނޫނީ ނުފެންނަ މި ބަލި ތަހައްމަލް ކުރަމުންދާ ޔޫނުސް ލަޔަކްއަކީ މީހުންނާ ވަރަށް ގުޅޭ, ވަރަށް ހިތްވަރުގަދަ ކުއްޖެކެވެ. ލަޔަކް ތަހައްމަލު ކުރަމުން އެ ދާ ހާލެކްއަން އިކްތިއޯސިސްގެ ސަބަބުން ހަންގަނޑުގައި ބޮޑެތި، ޑައިމަންޑް/ޓްރައިޕްޒޮއިޑް/ދަނގަޑުގެ ބައްޓަން ހުންނަ ޕްލޭޓްތައް އުފެދިފައި ހުރެއެވެ. މި ބަލި ހުންނަ ކުދިންގެ މޫނުގެ ސިފަތައް ބަދަލުކޮށް، ނޭވާލާން އުނދަގޫވެ، ކެއުމަށް ހުރަސް އެޅިދާނެއެވެ.

ޔޫނުސް ލަޔަކަށް މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވައި މިދަތި އުނދަގޫ ޙާލަތުން އަވަސް މުސްތަޤުބަލެއްގައި ސަލާމަތް ކުރައްވާށިއެވެ. އާމީން!

Ads by Ooredoo
  1. ލިޔާހިތުން

    ވަރަށް އުފާވެއްޖެ. ލަޔަކްއަށް އަވަސް ޝިފާއަކަށް އެދެން

  2. އަހުސް

    ލަޔަކުއަށް އަވަސް ޝިފާއަކައް އެދެއް

  3. އަދަން

    އަލްހަމްދު ލިލްލާހި