އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތްތައް ލަސްކަމަށް ބުނެ އެ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގައި ދައުރުން ބޭރުން ބޭއްވި ޖަލްސާ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޮއިކޮޓް ކޮށްފިއެވެ.
މިއަދު ހެނދުނު 10 ޖެހިއިރު އޮތް މިޖަލްސާގައި އިދިކޮޅުގެ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިނުގަންނަވައެވެ. ދައުރުން ބޭރުން ބޭއްވި އެޖަލްސާ ބޮއިކޮޓް ކުރަން ނިންމައިފައިވާކަން އިއްޔެ އިދިކޮޅުން ވަނީ ހާމަ ވެސް ކޮށްފައެވެ. އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީން އެދިގެން މިއަދު ބޭއްވި ޖަލްސާއަކީ އޭސީސީ މެމްބަރުން ވަކިކުރަން ސަރުކާރުން ހިންގާ ޖަރީމާއެއްކަމަށެވެ.
"މައިނޯރިޓީގެ ބަހެއް ނުހޯދައި ޖަލްސާ ބާއްވައިގެން މިފަދަ ބޮޑެތި ނިންމުންތައް ނިންމުމަކީ ޑިމޮކްރަސީގެ އަސާސްތަކާ މުޅިން ހިލާފު ކަމެއް. މިއީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް މިނިވަން މުއައްސަސާތަކަށް އޮތްކަން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއް،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.
އިދިކޮޅުން ބުނީ އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރުމަކީ އެ މުއްއަސަސާގެ ބާރު ކަނޑުވައިލައި، ޑިމޮކްރެޓިކް ހަމަތަކަށް މި ސަރުކާރުން އެއްވެސް ކަހަލަ އިހްތިރާމެއް ނުކުރާކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށެވެ.
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ ވާހަކަ ފެންމަތިވެފައި ވަނިކޮށް އެކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވަނީ މެމްބަރުން ވަކިކުރިޔަސް އޭސީސީގެ މަސައްކަތްތައް އަވަސް ވާނީ މިނިވަންކަމާ އެކު ކަންކަން ކުރުމަށް ކޮމިޝަނަށް ދޫކޮށްލައިގެން ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވަރަށް ބައިވަރު ޗެލެންޖްތަކާ އެކު. އަޅުގަނޑުމެންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރަން ޖާގަ ދޭން ޖެހޭ" ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ ސިޔާސީ ނިޔަތެއް ނެތި ކޮރަޕްޝަންގެ މައްސަލަ ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ސަރުކާރަށް އަމާޒުކޮށް ޝިއުނާ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާއިރު މިސަރުކާރު އައި ފަހުން އިދިކޮޅު ސިޔާސީ ވާދަވެރިންނަށް ނިސްބަތްވާ ގިނަ މައްސަލަތަކެއް އޭސީސީން ބަލަމުންދާކަމުގެ ތުހުމަތު އިދިކޮޅުން މީގެ ކުރިން ކުރިއެވެ. އަދި މިސަރުކާރަށް ނިސްބަތްވާ ބޭފުޅުންގެ ކޮރަޕްޝަންގެ މައްސަލަތައް ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން ވެސް އިދިކޮޅުން ފާޅުކުރެއެވެ.