ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ޕީޕީއެމްއިން ދޮގު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ކުރިމަތި ލައްވަން އުޅޭ ކަމަށް ބުނެ މީސްމީޑިއާގައި ފެތުރޭ ވާހަކަތައް ޕީޕީއެމްއިން ދޮގުކޮށްފިއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ މެސެޖްގައިވާ ގޮތުން ރައީސް ޔާމީން ވަނީ، މަޖިލީހަށް ކުރިމަތި ލައްވަން ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އަދި ކުރިމަތި ލައްވާނީ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ކަމަށް އެ މެސެޖުގައިވެއެވެ.
މިކަމާ ގުޅިގެން މިއަދު ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މި ވާހަކަތައް ދޮގު ކުރައްވައިފައެވެ.
ކޮމަންދޫ ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި، ހުސެއިން ވަހީދު މި މަހު 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ފެބްރުއަރީ މަހުގެ ތެރޭގައި ބާއްވާނެ ކަމަށެވެ. މިހާރު އެ ކޮމިޝަނުން ދަނީ އިލެކްޝަންގެ ތައްޔާރީތައް ވަމުންނެވެ.